މޫސުމީ ބަދަލުގެ ގެއްލުން 28 ޓްރިލިއަން ޑޮލަރަށް މޫސުމީ ބަދަލުގެ ގެއްލުން 28 ޓްރިލިއަން ޑޮލަރަށް

‏ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ‏‏ދެމުންއަންނަ މޫސުމީ ގެއްލުންތައް ގާތްގަނޑަކަށް 28 ‏‏ޓްރިލިއަން ޑޮލަރަށް އަރައިފި ކަމަށް ދިރާސާއަކުން ‏‏ދައްކައިފި އެވެ. ‏
‏އެމެރިކާގެ ޑާޓްމަތު ކޮލެޖުގެ ކުރި ‏މި ދިރާސާއަކީ، ‏މިއީ ކުރީގައި ދުންފަތުގެ ސިނާއަތާ ދެކޮޅަށް ކުރެވުނު ‏‏ދައުވާތަކާ އެއްގޮތް ބީދައިން ތިމާވެށީގެ ގެއްލުމަށް ‏‏ޒިންމާކުރުވުމަށް މަގުފަހިކޮށްދޭނެ ދިރާސާއެކެވެ‏‎.‎
‏ޖުމްލަ ގެއްލުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބައި ‏‏ނިސްބަތްވަނީ ހަމައެކަނި ފޮސިލް ފިއުލް އުފައްދާ 10 ‏‏ކުންފުންޏަކަށެވެ. އޭގެ ތެރޭގައި ސައުދީ އަރާމްކޯ އަދި ‏‏ގޭޒްޕްރޮމް ހިމެނޭއިރު، ވަކިން ކޮންމެ ކުންފުންޏެއް 2 ‏‏ޓްރިލިއަނަށް ވުރެ ގިނަ އަދަދެއްގެ ޑޮލަރަށް ޒިންމާވާން ‏‏ޖެހެއެވެ. ‏
‏މި ދިރާސާގައި ފާހަގަކޮށްފައިވާ 10 ކުންފުންޏަކީ ‏‏ސައުދީ އަރާމްކޯ، ގޭޒްޕްރޮމް، ޗެވްރޮން، ‏‏އެކްސޮންމޮބިލް، ބީޕީ، ޝެލް، ނޭޝަނަލް އިރާނިއަން ‏‏އޮއިލް ކޯ، ޕެމެކްސް، ކޯލް އިންޑިއާ، އަދި ބްރިޓިޝް ‏‏ކޯލް ކޯޕަރޭޝަންއެވެ‏‎.‎
ނަވާރަ ސަތޭކަ ނުވަދިހައިން ފެށިގެން ޖައްވަށް ދޫކުރެވުނު ‏‏ގްރީންހައުސް ގޭސްތަކުގެ ކޮންމެ ޕަސެންޓަކުން 502 ‏‏ބިލިއަން ޑޮލަރުގެ ގެއްލުން ‏‏ދުނިޔެއަށް ލިބިފައިވެ އެވެ. ‏
‏ދިރާސާކުރި ފަރާތްތަކުން 1,000 ކޮމްޕިއުޓަރު ‏‏ސިމިއުލޭޝަން ބޭނުންކޮށްގެން، ހަގީގީ ދުނިޔޭގެ ‏‏ހޫނުވުމުގެ އަސަރުތައް އަޅާކިޔާފައިވަނީ އެ ‏‏ކުންފުނިތަކުގެ އުފެއްދުންތައް ބޭނުން ނުކުރާ ‏‏ހާލަތަކާއެވެ. މިގޮތުން، ޗެވްރޮންގެ ތަގައްޔަރުކުރުމުގެ ‏‏ސަބަބުން އެކަނި ވެސް ބިމުގެ އެވްރެޖް ޓެމްޕަރޭޗަރު ‏‏0.045 ޑިގްރީ ފަރަންހައިޓް (0.025 ޑިގްރީ ‏‏ސެލްސިއަސް) އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ‏‎.‎
‏މާހިރުން ފާހަގަކުރާ ގޮތުގައި ތެޔޮ އުފައްދާ ‏‏ކުންފުނިތަކާ ދެކޮޅަށް ކުރެވުނު ދައުވާތަކުން މިހާތަނަށް ކާމިޔާބެއް ‏‏ހޯދިފައި ނުވި ނަމަވެސް، މިފަދަ ސައިންޓިފިކް ހެކިތައް ‏‏އިތުރުވަމުން ދިއުމާއެކު ގާނޫނީ މަޝްރަހު ‏‏ބަދަލުވެދާނެ ކަމަށް ބެލެވެއެވެ.
ބައެއް ދިރާސާކުރާ ‏‏ފަރާތްތަކުން ލަފާކޮށް ބުނަނީ 28 ޓްރިލިއަންއަކީ މޫސުމީ ބަދަލުތަކުގެ ގެއްލުމާ އަޅައިބަލާއިރު މާ ‏‏ކުޑަ މިންވަރެއް ކަމަށެވެ.
‏ދިރާސާގެ މައިގަނޑު މަސައްކަތް ކުރެއްވީ ކްރިސްޓޮފާ ‏‏ކަލަހަން އަދި ޖަސްޓިން މަންކިން ކަމަށްވާއިރު، ‏‏ދިރާސާ ޕްރޮޖެކްޓު ފަށާފައިވަނީ ޑާޓްމަތު ކޮލެޖުގައި ‏‏ކަމަށްވީ ނަމަވެސް، ފަހުން ކަލަހަން ވަނީ ސްޓެންފޯޑް ‏‏ޔުނިވަސިޓީއަށް ބަދަލުވެފަ އެވެ. ދިރާސާއިން ‏‏ހޯދާފައިވާ ހިސާބުތައް ދައްކާ ގޮތުން، 28 ޓްރިލިއަން ‏‏ޑޮލަރަކީ 2023 ވަނަ އަހަރު އެމެރިކާގެ މުޅި ‏‏އިގުތިސާދުގެ ޖުމްލަ އުފެއްދުންތެރިކަމާ އެއްވަރުގެ ‏‏އަދަދެކެވެ‏‎.‎
ދިރާސާގައި ބޭނުންކޮށްފައިވާ ‏‏އެޓްރިބިއުޝަން މޮޑެލްތަކަކީ ސައިންޓިފިކް ‏‏ކޮމިއުނިޓީގައި ފުޅާ ދާއިރާއެއްގައި ގަބޫލުކުރެވިފައިވާ ‏‏މެތަޑޮލޮޖީއެކެވެ. މިސާލަކަށް، 2021 ވަނަ އަހަރު ‏‏ޕެސިފިކް ނޯތުވެސްޓުގައި ކުރިމަތިވި ނުރައްކާތެރި ‏‏ހޫނުގަދަ ދުވަސްތައް އިންސާނުންގެ ހަރަކާތްތަކާ ‏‏ގުޅުވައި ދިރާސާކުރުމަށްވެސް މިފަދަ މޮޑެލްތައް ‏‏ބޭނުންކުރެވިފައިވެއެވެ‏‎.‎
‏މި ދިރާސާ ޝާއިއުކޮށްފައިވަނީ ނޭޗަރ ޖާނަލްގައެވެ‏‎.‎
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ