ގާޒާގެ ފުނޑުފުނޑުކޮށްލާފައިވާ މިސްކިތްތަކުގައި އީދު ނަމާދު

އިޒްރޭލުން ގާޒާއަށްދޭ ހަމަލާތައް ކުރިއަށްދަނިކޮށް، އާދީއްތަ ދުވަހު ގާޒާގެ އެކި ސަރަހައްދުތަކުގައި ހުރި އިޒްރޭލުގެ ހަމަލާތކުގައި ހަލާކުވެފައިވާ މިސްކިތްތަކުގައާއި ސްކޫލްތަކުން މީހުން ދިރިއުޅުމަށް ބަދަލުކުރެވިފައިވާ ހިޔާތަކުގައި ފަލަސްތީނު ރައްޔިތުން އީދު ނަމާދުކޮށްފި އެވެ.
އޮކްޓޯބަރު 7، 2023 ގައި ފެށުނު ހަނގުރާމައިގައި އިޒްރޭލްގެ ބާރުތަކުން 229 މިސްކިތް ތަޅާލައި، 297 މިސްކިތް ބައެއް މިންވަރަށް ހަލާކުކޮށްފައިވެ އެވެ.
އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން ގާޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދެމުންދިޔައިރު، އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް އާންމުންގެ 22 މީހުން  މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ.
އިޒްރޭލުން ހަމާސްއާއެކު ވެފައިވާ ސީސްފަޔާ އެއްބަސްވުން ހުއްޓާލުމަށްފަހު މާރިޗް 18 ވަނަ ދުވަހު ގާޒާގެ މައްޗަށް އުދުވާން އަލުން ފަށައިގެން ގާޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންދާއިރު، މެޑިކަލް މަސްދަރުތަކުން ބުނާގޮތުގައި 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭގޮތަށް އެތައް ސަތޭކަ މީހުންނެއް އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވެ އެވެ. މިހާތަނަށް 506 މީހުން މަރުވެ، 909 މީހުންނަށް އަނިޔާވެފައިވެ އެވެ. ސަލާމަތީ ޓީމްތަކުން އިމާރާތްތަކުގެ ތިރީގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދެ އެވެ.
އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 50،277 މީހުން މަރުވެ، 114،095 މީހުންނަށް އަނިޔާވެފައިވެ އެވެ.
އިޒްރޭލްގެ އުދުވާނުގެ ސަބަބުން ގާޒާގެ އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅުން ދޫކޮށް ހިޖުރަކޮށްފައިވާއިރު، މީގެ ބޮޑު ބައެއް ހިޖުރަކޮށްފައިވަނީ ގާޒާގެ ދެކުނުގައިވާ ރަފާހަށެވެ. މިއީ 1948 ވަނަ އަހަރުގެ ނަކުބާއަށްފަހު ފަލަސްތީނު ރައްޔިތުން ހިޖުރަކުރި އެންމެ ބޮޑު ހިޖުރަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ