ޢީދުގައި ކެރީގެ އަސަރުކުރާނެ، ބަންދު ނިމެންވާއިރަށް މޫސުން ގޯސްވާނެ
ކުރިއަށް އޮތް ޢީދު ބަންދު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި ބަންދު ނިމެންވާއިރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ލަފާކޮށްފިއެވެ. ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ވަނީ އެކި ތަންތަނަށް ދަތުރުކުރަން ފަށާފައެވެ. މެޓުން މިއަދު 'ސަން'އަށް ބުނީ، މިއަދާ މާދަމާ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ. އެ ގޮތުން، ދަތުރުނުކުރެވޭ ވަރަށް މޫސުން ގޯހެއް ނުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ އަށް މޭލާއި 18 މޭލު ބާރުމިނުގައި ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކުގައި ވައިގެ ބާރުމިން ހުންނާނީ ފަސް މޭލާ 15 މޭލު ބާރު މިނުގައި ކަމަށް މެޓުން ބުނެފައިވެއެވެ. "ކުރިއަށް އޮތީ ވިއްސާރަ. އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވާނެ،" މެޓުން ބުންޏެވެ. ޢީދު ބަންދަށް ފަހު، ސަރުކާރު ހުޅުވޭނީ އަންނަ އަންގާރަ ދުވަހެވެ. ކުލަގަދަކޮށް ޢީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުވަމުންނެވެ. އެ ގޮތުން، މާލެ ސަރަހައްދުގައި ވެސް ޢީދު ފާހަގަކުރުމަށް އިދާރާތަކުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ