ތެރަޕީ ނުލިބިގެން ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން, ޕެޓިޝަނެއްގެ ގޮތުގައި ހުށަހަޅައިފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތެރަޕީ ނުލިބޭ މައްސަލަ މަޖިލީހަށް ބަލައިނުގަތުމުން, 47 ބެލެނިވެރިންގެ ސޮޔާއެކު މިއަދު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްގެ ގޮތުގައި ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ. މިއަދު ވަނީ ޕީއެންސީގެ ސުޕަ މެޖޯރިޓީން އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެއާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންގެ ބެލެނިވެރިންގެ ސޮޔާއެކު މެންބަރު ކުޑޫ ވަނީ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ޕެޓިޝަނުގައި 47 ބެލެނިވެރިން ވަނީ ސޮއިކޮށްފައެވެ. ހަތަރު ސަފުހާގެ އެ ޕެޓިޝަނުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން އަތޮޅުތެރޭގައި އުޅޭ ބެލެނިވެރިންނަށް އެންސްޕާއާއި މުއާމަލާތްކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަށީގެންވާ ޖަވާބު ނުދީ ބެލެނިވެރިން ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ބުނާ ކަމަށް ވެސްވެއެވެ. އަދި އޯޓިޒަމްއާއި އޭޑީއެޗްޑީ ހުންނަ މީހުންނާއި ކުދިންނަށް ގަވައިދުން ދެމުންދާ ތެރަޕީތަކަށް ފައިސާ އަނބުރާ ދެއްކުމުގައި ގޮތް ނޭނގޭ މެދުކެނޑުންތަކެއް އަންނަކަން ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލަތަކުގައި ކަމާ ގުޅުންހުރި ބޭފުޅުންނާ ބެލެނިވެރިން ބައްދަލުކޮށްފައިވާ ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައެވެ. އެގޮތުން ޖެނުއަރީ 06، 2024ގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާ, ބެލެނިވެރިން ބައްދަލުކޮށްފައިވާ ކަމަށާއި، ފެބްރުއަރީ 21، 2025ގައި ޑިސެބިލިޓީ ކައުންސިލާ ވެސް ބައެއް ބެލެނިވެރިން ބައްދަލުކުރެއްވި ކަމަށް ވެއެވެ. އެ ބައްދަލުވުންތަކުގައި ބެލެނިވެރިން ހިއްސާކޮށްފައިވާ މައްސަލަތަކަކީ: ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާނުކުރުމުން އެ ކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ޚަރަދުކުރަންޖެހުން. ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުން. ތެރަޕީގެ އަގު ބޮޑުވަމުން ދިޔުން. އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ނެތުމުން އެ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވުން. އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ނުލިބުން. ޕެޓިޝަނުގައި ފާހަގަކުރި ގޮތުގައި ތެރަޕީ ސެންޓަރުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އިތުރުން ދައުލަތުގެ ދައުލަތަށް ވެސް ގެއްލުން ކުރުވަނިވި ވިޔަފާރިތަކެކެވެ. އެހެން އެކަން ވާންޖެހެނީ އެކަމުގައި ޕްރައިވެޓް ސެކްޓާއަށް އެކަނި ސަރުކާރުން ބަރޯސާވެފައި އޮތުމުން ކަމަށް ވަނީ ބުނެފައެވެ. އަދި އެ ތެރަޕީތައް ހިންގަނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާވެސް ޚިލާފަށް ކަމަށް ބެލެނިވެރިންގެ ފަރާތުން އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ. ހަމައެއާއެކު ތެރަޕީ ސެންޓަރުތަކުން އެ ކުދިންނަށް ތެރަޕީ ދިނުމުން ކުއްޖާއަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބި ހާލަތު އިތުރަށް ބަލިކަށި ވަމުންދާ ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. ވަކިން ޚާއްސަކޮށް އެންސްޕާއަށް ތެރަޕީ ލިބިގަތުމަށް ކޯޓޭޝަން ހުށަހެޅުމުން އެ ކޯޓޭޝަނުގައި އިންނަ އަގަށްވުރެ ކުޑަ އަދަދެއްގެ ފައިސާ ދިނުމަކީ ތެރަޕީގެ އަގު ކަވަރު ނުކުރެވި، ތެރަޕީ އެޅުމަށްވާ ބޮޑު ހުރަހެއް ކަމަށް ވެސް ވަނީ ބުނެފައެވެ. https://sun.mv/204794 "އަޅުގަނޑުމެންގެ ގިނަ އަދަދެއްގެ ބެލެނިވެރިން މަތީގައި ބަޔާންކުރެވިފައިވާ ބައްދަލުވުންތަކުގައި އަމަލީ ގޮތުން ބައިވެރިވީ އަޅުގަނޑުމެންގެ ދަރިންނަށް އަދަށްވުރެ ފަހި މާދަމާއެއް ލިބޭނޭކަމުގެ ފޮނި އުންމީދެއް އަދުގެ ސަރުކާރުން ދެއްވީމައި،" ބެލެނިވެރިން ޕެޓިޝަނުގައި ބުނެފައިވެއެވެ. "...ނަމަވެސް މި ސަރުކާރު ފެށުނު ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ކުރިމަތިވީ ތަކުލީފިތައް،" ބެލެނިވެރިން ބުންޏެވެ. އެކަންކަން ފާހަގަކުރުމަށްފަހު ބެލެނިވެރިންގެ ފަރާތުން ވަނީ ތެރަޕީއާ އެނޫންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންސްޕާ ނުކުޅެދިފައިވަނީ ކީއްވެގެންތޯ ބެލުމަށް ތަހުގީގެއް ހިންގައިދިނުމަށް އެދިފައެވެ. އަދި އެޗްއާރްސީއެމް، ފެމިލީ އެންޑް ސޯޝަލް މިނިސްޓްރީ، އެންސްޕާ އަދި ޑިސެބިލިޓީ ކޮމިޝަން ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ އެދިފައެވެ. އަދި އިންސާނީ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ އެންމެހާ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް މަގުފަހިކޮށްދިނުމަށް ވަނީ ގޮވައިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ