ވާހަކަ: މިތުރާ މަގޭ - ނަވާރަވަނަ ބައި

އާދީއްތަ
ދުވަހުގެ ބަޔާ ގުޅޭ
"އެހެން ވަގުތަކަށް ތި ވާހަކަ ބައްވާ!" ހަމްރާއު
ހޫރައިންގެ އަތުގައި ހިފާލައިފައި ގެނެސް އިނގިލިތަކުގައި ބޮސްދިނެވެ.
"އަހަރެން ކަރުހިއްކައިގެންފި،" ހޫރައިން
އަވަހަށް އަތްދަމައިގެންފައި އެ ވަގުތުކޮޅު ހުއްޓުމަކަށް ގެނަ އެވެ.
ހަމްރާއު އެ ވަގުތު އެ މޫނަށް ބަލައިލީ އެއީ ތެދެއްތޯ
އަހައިލާފަދަ ބެލުމަކުންނެވެ. ހޫރައިން އަވަހަށް ނަޒަރު ވަކިކޮށްލި ގޮތުން ވެސް
އޭނައަށް ޝައްކުވި އެވެ.
"ހަމަ އަސްލުވެސް." ހޫރައިން ބުރުގާމަތިން
ކަރާ ދިމާލުގައި އަތް އުނގުޅާލައިފި އެވެ.
"ހޫރައިން މަޑުކުރޭ. އަހަރެން އަންނާނަން."
ހަމްރާއު ތެދުވި އެވެ.
ހަމްރާއު ފަސްދިން ހިސާބުން ހޫރައިންއަށް ފުން ނޭވައެއް
ދޫކޮށްލެވުނެވެ. މީ މިކަން ވާންޖެހޭ ގޮތެއް ނޫނެވެ. އެކަމަކު އޭނަ ހަމަ
ކުއްލިއަކަށް ފިނިވެއްޖެ އެވެ. ކަރުތެރެ ހިކި ހިންދިރުވައިލާން އުނދަގޫވި އެވެ.
ދެ އަތް ހިއްލާލައިފައި ތުރުތުރުލާތަން ބަލައިލުމަށް ފަހު ހަމްރާއު އެނބުރި
ބަލައިލަފާނެތީ އަވަހަށް ގެނެސް އުނގުތެރޭ ބޮނޑިކޮށްލި އެވެ. އިއްތިފާގުން
ހަމްރާއު ދޮރުކައިރީ ހުއްޓިފައި އޭނައަށް ގޮވައިލީ އެ ގަޑީގަ އެވެ. ހޫރައިން
ސިހިފައި އަވަހަށް ޖަވާބުދިނެވެ.
"ބޭނުންތަ އެހެން އެއްޗެއް؟ ކާއެއްޗެއް މިބުނީ؟"
ދޮރުކަނީގެ މެދާކަށް ހިސާބުގައި ހިފާލައިފައި ހުއްޓި ހުރެގެން އޭނަ އެހި އެވެ.
ހޫރައިން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރުވައިލި
އެވެ. މި ގަޑީގައި ފެންފޮދެއް ފިޔަވައި އިތުރު އެކައްޗެއް ވެސް އަރުން އެތެރެއެއް
ނުވާނެ އެވެ. ހަމްރާއު ބޯޖަހާލައިފައި އެހިސާބުން ލޯމަތިން ގެއްލިއްޖެ އެވެ.
ހޫރައިން ތެދުވެގެން ދެކޮޅަށް ހިނގަން ފެށި އެވެ. އޭނަ
ހިނގުން ހުއްޓާލައިފައި އައިސް ކުރިން އިންތަނުގައި އިށީނދެލީ ހަމްރާއު ކުޑަ
ތަބަކެއް ހިފައިގެން ވަދެގެން އަންނަތަން ދެކެފަ އެވެ. ތަބަކުގައި ފެން ތައްޓާ އެކު
އިތުރު ބޯތަށްޓެއްގައި ޗޮކްލެޓްތަކެއް އަޅާފައި ހުއްޓެވެ.
ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ނުތަނަސްވެފައި
ހުންނައިރު ފޮނިއެއްޗެހި ކެއުމަކީ ދާދި ފަހަކުން އޭނައަށް އާދަވި ކަމެކެވެ.
"ބްރޭންޑް ނިއު ހޯމް ވިތު އޯލްރެޑީ ސްޓޮކްޑް ފްރިޖް.
އިންޓްރެސްޓިން..." ހޫރައިން ޗޮކްލެޓެއް ނަގައި ނިއުޅާލައިފައި އަނގައަށްލި
އެވެ.
ހަމްރާއު ހިނިގަނޑެއް ޖަހާލައިފައި ހޫރައިން ފަދައިން
ޗޮކްލެޓެއް ނަގައި ކާން ފެށި އެވެ.
"ކްރެޑް ދަނީ ހޫރައިންގެ އެކުވެރިންނަށް. އެ މީހުން
އަހަރެން ކައިރީ ބުނީ ޗޮކްލެޓް ސްޓޮކް ކުރަން،" ހަމްރާއު
އޮޅުންފިލުވައިދިނެވެ.
"ހެޔޮ އެކުވެރިން..." ހޫރައިން އަނގަ
ހުސްވިއިރަށް އަނެއް ޗޮކްލެޓް ނިއުޅާލައިފައި އަނގައަށްލި އެވެ.
ހަމްރާއު ހިނިތުންވުމާއެކު މަޑުމަޑުން ދެފަރާތަށް ބޯހޫރާލައިފައި ފަޓްލޫނުގެ ޖީބަށް އަތްކޮށްޕާލައިފައި ކޮންމެވެސް އެއްޗެއް
ނަގައިފި އެވެ. ހޫރައިންގެ ސަމާލުކަން އެއަށް އެނބުރުނެވެ. އެއީ ކޯއްޗެއްކަން
އޭނައަށް އެނގުނީ ހަމްރާއު ކުރިއަށްވުރެ ކައިރިވެލާފައި ދައްކާލީމަ އެވެ.
ގަދަ ނޫކުލައިފެ މަހުމާ ފޮށްޓަކީ އަނގޮޓިއެއް ނޫނީ އެފަދަ
ކޮންމެވެސް ގަހަނާއެއް ރައްކާކޮށްފައިވާ ފޮށްޓެކެވެ. ހޫރައިން ޝައުގުވެރިވެފައި
އިންދާ ފޮށި ހުޅުވާލައިފައި އެތެރެއިން ނެގި އަނގޮޓި އޭނަގެ ވާތުގެ ކަށި
އިނގިލީގައި އަޅުވާލަދިނެވެ.
"ވަރަށް ލޯބި،" ހޫރައިން އަތްތިލަ ގެނެސް
ކައިރިން ބަލާލައިފައި ތައުރީފްކުރި އެވެ.
"އަހަރެންގެ އަނބިމީހާއަށްވުރެ ލޯތްބެއް ނޫން،"
ހަމްރާއުގެ ރައްދު އަ އެވެ.
ހޫރައިން އަތްތިލަ އުނގުމައްޗަށް ތިރިކޮށްލާފައި
އިރުކޮޅަކު އެއްޗެއް ނުބުނެ ބަލަން އިނެވެ. ހަމްރާއު އޭރު އިތުރު ޗޮކްލެޓެއް
ނިއުޅާލައިފައި ދިއްކޮށްލަނީ އެވެ. އެކަތި ކެއުމަށް ފަހު އިތުރަށް ކާކަށް އޭނަ
ނޫޅެ އެވެ. ހޫރައިން ބަލަން އިން ގޮތް ފާހަގަވެގެން އޭނަ ބުމަ އަރުވައިލި އެވެ.
"ހުރިހާ މުސްކުޅިވެރިން ވެސް ފްލާޓްކުރާ ގޮތްތަ
ތީ؟" ހޫރައިންގެ ނުތަވަސްކަން ފިލައި ސަމާސާ މޫޑު އަ އެވެ.
ދެ މީހުން ކައިވެންޏާ ހަމައަށް އައުމުގެ
ކުރިން ދުވަސްތަކެއް ހޭދަކުރީ އެކުވެރިންގެ ގޮތުގަ އެވެ. ސަމާސާ ކުރުމާއި
ޖޯކު ޖެހުމަކީ އެ މީހުންގެ މެދުގައި އާންމު ކަންކަމެވެ.
"މުސްކުޅިވެރިން؟" ހަމްރާއު ސުވާލުކޮށްލިއިރަށް
ހޫރައިންގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ. އޭނަ އަވަހަށް ތެދުވެފައި ހަރުކޮށް
ދޮރާ ދިމާއަށް ހިނގައިގަތެވެ.
"ކޮންތާކަށް ތިދަނީ މިހާރު؟ ނިކަން އާދެބަލަ މިކޮޅަށް
މުސްކުޅިކަން ދައްކާލާނަން!" ހަމްރާއު ފަހަތުން ގޮވި އެވެ.
ހޫރައިން އެނބުރި ބަލައިލާފައި ހަމްރާއު ތެދުވެ
ހިނގައިގަތްތަން ފެނިގެން ދުއްވައިގެންފި އެވެ.
***
ހަމްރާއު ހެނދުނު ގެއިން ނިކުމެގެން ދާން ފެށުމުން
ހޫރައިންގެ ހިތަށް ތަދުވި އެވެ. އޭނައަކީ އަލަށް ކައިވެނިކޮށްގެން އައި
އަންހެނަކަށް ވިއަސް އެއީ ހަމްރާއުގެ ހަމައެކަނި އާއިލާ ނޫންކަން އެ ހިތަށް
ވިސްނައިދޭން މަސައްކަތްކުރި އެވެ. އެހެންނޫނަސް ހަމްރާއު ދިޔައީ ރަނާއާއެކު
ހެނދުނުގެ ނާސްތާކުރާށެވެ. ހެނދުނުގެ ނާސްތާއަކީ ރަނާ ސުކޫލަށް ދިއުމުގެ ކުރިން
އާދައިގެ މަތިން ކޮންމެ ދުވަހަކު ހަމްރާއުއާއެކު ވަގުތު ހޭދަކުރަން ހަމަޖެހިފައިވާ
އެންމެ ހާއްސަ އެއް ވަގުތުކޮޅެވެ.
ގެއަށް ވަންއިރު ގޭތެރެ ފެނުނީ ފަޅުކޮށެވެ. ހަމްރާއު ގޮސް
ރައިނާ އާއި އޭނަ ނިދާ ކޮޓަރި ދޮރުމައްޗަށް ހުއްޓިފައި ތަޅުގައި ހިފާލި އެވެ. ކޮޓަރި
ހުރީ ތަޅުލާފަ އެވެ. ޓަކި ޖަހަން ނުކެރިފައި އޭނަ އިރުކޮޅަކު ހުއްޓެވެ. ދެން އަނބުރާލައިފައި
ގޮސް ބަދިގެއަށް ވަންއިރު މެއިޑު ނާސްތާ ތައްޔާރު ކުރަނީ އެވެ. ހަމްރާއު ސުވާލު
ކުރީ ރަނާ ހޭލައިފިތޯ އެވެ. މެއިޑު ބޯ ޖަހައިލި އެވެ.
"ރައިނާ ހޭލައިގެން ނިކުތްތަ؟" ހަމްރާއު
އިތުރަށް އެހި އެވެ.
މެއިޑު ދެފަރާތަށް ބޯ ހޫރާލައިފައި ޖަވާބުދިނެވެ. ހަމްރާއު
އެނބުރި ބަދިގެ ދޮރާ ދިމާއަށް ބަލައިލާފައި ފުރަތަމަ ގޮސް ފެން ފުޅިއެއް
ނަގައިގެން ފެން ތަށްޓެއް ބޯލި އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ރަނާ ކޮޓަރިން
ނިކުމެގެން އައީ ޔުނީފޯމް ލައިގެން ތައްޔާރުވެގެންނެވެ.
"ގުޑް މޯނިން." ރަނާ ފެނުމާއެކު ހަމްރާއުގެ ހިތް
ލޯބިން ފުރިގެން އަ އެވެ.
ރަނާ ވެސް ބައްޕަ ފެނުނުއިރަށް އުފަލުން ފޮޅިއްޖެ އެވެ.
އަވަހަށް ދުވެލާފައި އައިސް ހަމްރާއުގެ ދެފައިގައި އޮޅުލައިގަތީ އެތައް
ދުވަހެއް ފަހުން ބައްދަލުވެގެން އުޅޭ ފަދަ ގޮތަކަށެވެ. މެއިޑު ނާސްތާ ގެނެސް
އަތުރާލަދިނުމުން ދެބަފައިން ދެން ފެށީ ނާސްތާ ކުރާށެވެ.
ރައިނާ ނިދާފައި އޮތިއްޔާ އިހަށް ނުގޮވާ ބާއްވަން އޭނަ
ނިންމި އެވެ. ރަނާ ސުކޫލަށް ލައިފައި އައިސް ރައިނާއަށް ގޮވާފައި ނާސްތާކުރަން
ބުނާނީ އެވެ. އޭނަ ކުރީ ކުށެއް ނޫންކަން އެނގުނަސް ކުށްވެރިކަމެއް އިހްސާސް
ކުރެވެމުން ދިޔައީ ކީއްވެކަމެއް ނޭނގެ އެވެ. ފަހަރުގައި އެއީ ރައިނާ އެ ކައިވެންޏާ ނުރުހޭވަރު ހިތުގައި އޮތީމަ އެވެ.
ނާސްތާ ކުރަން ތިބެގެން ދެބަފައިންގެ މެދުގައި ދެކެވުނީ
ރަނާގެ ސުކޫލާއި އެކުވެރިންގެ ވާހަކަ އެވެ. އަދި ކުރިއަށް އޮތް ސްޕޯޓްސް މީޓްގެ
ކުޅިވަރުތަކުގެ ތައްޔާރީތަކަށް ދާންޖެހޭތީ އެ ވާހަކަތަކެވެ. މަންމަގެ ވާހަކަ ރަނާ
ބުނީ ނާސްތާކޮށް ނިމިގެން ނިކުންނަން ގޮސްފައި ދޮރާ ހަމައިންނެވެ.
"ރޭގަ އެއްކޮށް މަންމަ ނުނިދާ ރޯން އޮތީ. ބުނީ ބައްޕަ
ދެން މަންމަ އާއި ރަނާއާ ދޫކޮށްލާނީއޭ." ހަމްރާއުގެ މޫނުމަތީ އެތިފަހަރެއްޖެހި
ކަހަލަ އެވެ.
ތުއްތު ދަރިފުޅަށް އިވޭ ގޮތަށް ދުވަހަކުވެސް މީހަކު އެހާ
އިހާނެތި ވާހަކައެއް ބުނެފައި އޮވެދާނެކަމާ މެދު ޝައްކެވެ. ހަމްރާއު ވަގުތުން
ރަނާ އުރާލައިފައި ތަކުރާރުކޮށް ވަކިނުވާނެކަމުގެ ޔަގީންކަން ދިނެވެ. ނިކުންނަން
އުޅެފައި ހިތްހަމަނުޖެހިގެން ރައިނާގެ ކޮޓަރި ދޮރާ ދިމާއަށް އެއްފަހަރު
ބަލައިލެވުނެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް އެގޮތަށް އަމިއްލަ ދަރިފުޅުގެ ހިތް
ހަލާކުކުރުމުގެ އިހުތިޔާރެއް އޭނަ އެކަކަށް ވެސް ނުދޭނެ އެވެ.
އިހްސާސްތައް ދިރުވާލައިގެން ހަމްރާއު ނިކުތީ ދަރިފުޅު
ސުކޫލަށް ގެންދާށެވެ. އެނބުރި އައިސް ރައިނާއާ ދައްކާނެ އެތައް ވާހަކައެއް ހިތަށް
އަރާފައިބަމުން ދިޔަ އެވެ. ހޫރައިންއަކީ އޭނަގެ ހަމަޖެހުމުގެ
އެއް ބައި ކަމުގައިވިއަސް ހޫރައިންއާ ގުޅޭ ހިސާބުން ދިރިއުޅުމަށް ހަމަނުޖެހުންތަކެއް
އަންނާނެކަން ކުރިން ވެސް ލަފާކުރެވުނެވެ. އެކަމަކު މިހާ އަވަހަށް އެކަމާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ހިއެއްނުކުރެ އެވެ. ކުޑަމިނުން ހޫރައިން ގޮވައިގެން
ހަނީމޫނަށް ގޮސްފައި އަންނަންދެން ރައިނާގެ ޑްރާމާ ނުފެށި ހުންނާނެ ކަމުގައި ކުރެވުނީ
ކުށްހީއެކެވެ.
އޭނަ ހޫރައިންއާ އިންނަން ނިންމީ ވެސް ރައިނާގެ
ސަބަބުންކަން ރައިނާއަށް ރަނގަޅަށް އެނގޭނެ އެވެ. އެހާ ވަރަށް ހޫރައިންގެ 'އައިޑެންޓިޓީ' ފޮރުވާފައި ބޭއްވީ ހުރިހާ ގުޅުމެއް ކަނޑާލަން ނިންމިއިރު
ހޫރައިންއަށް އެއްވެސް ހަޑިއެއް ނުދިނުމުގެ ގޮތުންނެވެ. އެކަމަކު ރައިނާ އޭނައާ
ދެކޮޅަށް އޭނަގެ ހުއްދައެއްނެތި އެއީ ކާކުކަން އޮޅުންފިލުވާފައި ދޫކޮށްލީއެއް
ނޫނެވެ. ހޫރައިންގެ ނަމަށް ހުތުރުކޮށް ބަދުނާމުކޮށްލީ އެވެ. އެތައް އެތައް ދޮގު
ވާހަކަތަކެއް ފަތުރާ މީހަކަށް މޫނު ދައްކަން ނުކެރޭވަރަށް އެ ކުއްޖާއަށް
ފިއްތުންތައް ކުރިމަތި ކުރުވި އެވެ.
ގެއަށް އާދެވުމުން ހަމްރާއު ތަޅުދަނޑި ނަގައިގެން ގޮސް
ދޮރު ކައިރިއަށް ހުއްޓި ފުރަތަމަ ޗެކްކޮށްލި އެވެ. ދޮރު ހުރީ ކުރިއެކޭ އެއްގޮތަށް
ތަޅުލާފަ އެވެ. އޭނަ އިތުރު ފަސްޖެހުމެއްނެތި ތަޅުދަނޑިން ދޮރު ހުޅުވާލައިފައި
ވަދެއްޖެ އެވެ.
ހަމްރާއުއަށް ފެނުނީ ކޮޓަރިތެރެ ހުހަށް އޮއްވަ އެވެ.
އެނދުމައްޗަށް ބަލާލައިފައި މީހަކު ނިދާފައި އޮތްތަނެއް ހެނެއް ހިއެއްނުވެ އެވެ.
ރައިނާއަކީ ނިދާ ހޭލެވޭއިރަށް ތަންމަތިއަޅާ އަންހެނެއް ނޫނެވެ. ގޭގައި އުޅެންޏާ
ގިނަ ވަގުތު އިންނާނީ ވެސް ކޮޓަރި އެނދުމަތީގަ އެވެ. ހަމްރާއު ގޮސް ފާހާނާގެ ދޮރުގައި
އަތް ޖައްސާލިއިރު ހުރީ ހުޅުވިފަ އެވެ. އެތެރޭގައި ބޮކި ދިއްލާފައި ހުރުމުން
ދޮރުފަތުގައި ދެ ފަހަރަކު ޖަހާލައިފައި ބޯދިއްކޮށްލިއިރު އެތަން ވެސް ހުހެވެ. ދޮރު
ލައްޕާފައި ބޮކި ނިއްވާލުމަށް ފަހު އަދިވެސް އެއްފަހަރު ވަށައިގެން ލޯ
ހިންގާލައިފައި ނިކުމެ މެއިޑަށް ގޮވަން ފެށި އެވެ.
މަސައްކަތުގައި އުޅުނު މެއިޑު ހަރުކޮށް ނިކުމެގެން އައިސް
ހަމްރާއު ފެނިގެން ހުއްޓުނެވެ. ދެ އަތުގައި ހުރި ފެންތައް ހެދުމުގެ ދެ ފަރާތުން
ހިއްކައިލިއިރު އެ މޫނުން ކަންބޮޑުވެފައިވާ ކަމުގެ ކުލަވަރެއް ފާޅުވިހެން ހީވި
އެވެ.
"ރައިނާ ކޮންތާކަށް ދިޔައީ؟" ހަމްރާއު ކުޑަކޮށް
ބުމަ ކައިރިކޮށްލާފައި ސުވާލުކުރި އެވެ.
"ރައިނާ ދައްތަ ކޮޓަރީގަ ނެތްތަ؟" މެއިޑު އުޅުނީ
އޮޅުވައިލާށެވެ. ހަމްރާއުއަށް އެކަން އެނގުނެވެ.
"ދޮގު ނުހަދާ ބުނޭ އޭނަ ދިޔަ ތަނެއް. ކޮންއިރަކު ދިޔައީ؟
އަހަރެން މިއަދު ހެނދުނު މި ގެއަށް އައި އިރު ވެސް ނެތް ދޯ؟" ހަމްރާއު ކުރިއަށް
ފިޔަވަޅެއް އަޅާލަމުން އެއްފަހަރާ އެތައް ސުވާލެއް ކުރި އެވެ.
"ރައިނާ ދައްތަ ފަތިހު ދިޔައީ. ބުނީ ރަނާ ޑޭޑް އައީމަ
ހަވާލުކުރަން،" މެއިޑު ބިރުން ފަހަތަށް ޖެހިލާފައި އަމާންދޭ މީހަކު ފަދައިން
ދެ އަތް ހިތްލާލައިގެން ހުރެ އެންމެފަހުން ކިޔައިދޭން ފެށި އެވެ.
ހަމްރާއުއަށް އަތް މުށްކަވައިލެވުނެވެ.
"ކޮންތާކަށް ދިޔައީ؟" ހަމްރާއު އަދިވެސް ބޭނުންވީ
އެ ސުވާލުގެ ޖަވާބެވެ.
"ނެ...ނޭނގެ. ފޮށި ހިފައިގެން ފުރަން ދިޔައީ،"
މެއިޑު ބިރުން ޖަވާބުދިނެވެ.
ހަމްރާއު ފޯނު ނަގައިގެން ގުޅަން މަސައްކަތް ކުރަމުން
އަނެއްކާވެސް ގޮސް ކޮޓަރިއަށް ވަނެވެ. ފޯނު ރިންގް ނުވާތީ ބަލައިލާފައި
ކަނޑާލުމަށް ފަހު ދެވަނަ ފަހަރަށް ގުޅައި ކަންފަތުގައި ޖަހައިގެން ހުރެ ރީތިވާ
މޭޒުމައްޗާއި ވަތްގަނޑުތައް ހުޅުވާ ބަލައި، ބާލީސްތަކަށް ދަންދެން ހިއްލައިގެން ހޯދަން ފެށީ
ރައިނާ ދިޔަ ތަނެއް އެނގޭ ފަދަ އެއްވެސް ނިޝާނެއް އެ ކޮޓަރި ތެރެއިން ފެނޭތޯ އެވެ. ފޯނު
ނިއްވާލާފައޭ ކިޔަން ފެށުމުން ރުޅިއައިސްގެން ފޯނު ޖީބަށް ކޮއްޕާލައިފައި ގޮސް ކްލޯސެޓް
ހުޅުވާފައި އެތެރެއަށް ވަނެވެ. ރައިނާގެ އަންނައުނުތައް ގިނަވެ އެތަނުން އެއްޗެއް
މަދުވިއަސް ފާހަގައެއް ނުވާނެ އެވެ. އެކަމަކު ފޮށިތައް ބަހައްޓާފައި ހުރި ތަނުން
ރައިނާ އެންމެ ގަޔާވެގެން އަބަދުވެސް ބޭނުންކުރާ ސޫޓުކޭސް ނެތްކަން ފާހަގަވި އެވެ.
ހަމްރާއު ލޯގަނޑާ ކައިރިވެލީ ހަރުކޮށްފައި އިން ނޯޓެއް
ފެނިގެން އެ ކިޔަންވެގެންނެވެ.
"ވިލް ބީ ބެކް ސޫން. އައިމް ލީވިން އަވާ ޑޯޓާ އަންޑާ
ޔޯ ކެއާ."
"ހެޕީ ހަނީމޫން ޑިއާ ހަޒްބެންޑް."
"ލޮޓްސް އޮފް ލަވް"
"ފަސްޓް ވައިފް"
ހަމްރާއު ނޯޓްކޮޅު ނަގައި މުށުތެރޭ ބޮނޑިކޮށްލާފައި
ރުޅިއައިސްގެން ބިންމައްޗަށް ޖެހި އެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ