ޒުވާން ކުޅުންތެރިންގެ ފެންވަރު ދައްކާލައި، ސްޕާސް ދެވަނަ ބުރަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި ޓޮޓްނަމް ހޮޓްސްޕާއިން އައިއެފް އެލްފްސްބޯގް ބަލިކޮށް، ފަހު 16 ޓީމުގެ ބުރުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ. ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ. އަނިޔާއާއި ސަސްޕެންޝަނުގެ ސަބަބުން 12 ކުޅުންތެރިންނާ ނުލާ ކުޅެމުންދިޔަ ސްޕާސްއަށް މެޗުގެ ފުރަތަމަ ހާފުގައި އެލްފްސްބޯގުގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. މެޗުގައި ސްޕާސްގެ ތަރިންނަށް ވެގެންދިޔައީ އެ ޓީމުގެ ޒުވާން ބައެއް ކުޅުންތެރިންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި ސްޕާސްއަށް ލީޑު ނަގައިދީފައިވަނީ އުމުރުން 20 އަހަރުގެ ޑޭން ސްކާލެޓެވެ. އަދި، 84 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހައިދިނީ އުމުރުން 19 އަހަރުގެ ބަދަލު ކުޅުންތެރިޔާ ޑަމޯލާ އަޖާޔީއެވެ. ފަހު ލަނޑު އިތުރު ވަގުުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނި އުމުރުން 17 އަހަރުގެ މިކީ މޯއެވެ. މި ލަނޑާ އެކު މޯ ވެގެން ގޮސްފައިވަނީ ޔޫރަޕްގެ މުބާރާތެއްގައި ލަނޑު ޖެހި އިނގިރޭސި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާގެ އުމުރަކީ 17 އަހަރާއި 172 ދުވަހެވެ. ކުރިން މި ރިކޯޑް އޮތީ 1957 ވަނަ އަހަރު އުމުރުން 17 އަހަރައި 245 ދުވަހުގައި ލަނޑު ޖަހާފައިވާ ޖިމީ ގްރީވެސްއެވެ. މި ކާމިޔާބީއާ އެކު ސްޕާސްއިން ލީގު ފޭސް ނިންމާލާފައިވަނީ 17 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮވެގެންނެވެ. އެލްފްސްބޯގް ލީގު ނިންމާލީ 10 ޕޮއިންޓާ އެކު 26 ވަނައިގައި އޮވެގެންނެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ