އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ރައީސާ މަޝްވަރާކޮށްފި

ދިވެހި އިސްރަށްވެހިންގެ ޖަމިއްޔާއިން ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކޮށް، އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފިއެވެ. ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އިސްރަށްވެހިންގެ ޖަމިއްޔާއިންވަނީ އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތައް ރައީސާ ހިއްސާކޮށްފައި ކަމަށެވެ. އެގޮތުން އެފަދަ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ސަރުކާރުން އިސްރަށްވެހިންގެ ނާދީތައް ހުޅުވައިފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިންވަނީ، ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސާ މަޝްވަރާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާއެކު ބޭއްވި ބައްދަލުވުން:---ޕޮޓޯ/ރައީސް އޮފީސް ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަން އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށެވެ. އެހެންވެ، ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުކޮށްގެން އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރުމަށް އެ ޖަމިއްޔާގެ މެންބަރުން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. މީގެ އިތުރުން މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ އެކިއެކި މަސައްކަތުގެ މައުލޫމާތު ރައީސް އެ ޖަމިއްޔާއާ ހިއްސާކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާއިން ހުށައެޅުއްވި އެކިއެކި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ