"ޒުވާނުން މި ހާލަތަށް ވައްޓައިލީ ބިރަކާނުލައި މަޖާކުރުން ޕްރޮމޯޓްކުރި މީހުން"

ދިވެހި ޒުވާނުން ހެޔޮ މަގުން ކައްސާލައި، ދިމާވެފައިވާ ހާލަތަށް ވެއްޓިފައިވާ ވެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ހަފްލާގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ މަސްތުގެ ހާލަތުގައި ޒުވާން އަންހެންކުއްޖަކު އިމާރާތަކުން ވެއްޓުނު ހާދިސާއަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި، މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ.
"މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި، ބިރަކާނެތި، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިހުރި އިންތަކާއި، މިންތަކާއި، އުސޫލުތަކާއި، ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ. ޒުވާންކަމުގައި ތިޔަކުދިން ބޭނުންގޮތަކަށް އުޅޭށޭ. ކިޔާފައި އެ ހިތްވަރުދިން މީހުން، މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެކުދިން މިސްޔޫސް ކުރަމުންދާ ދިޔުން، ލޯ ހުޅުވައި ބަލަންއެބަޖެހޭ. ލޯހުޅުވައި ބަލަންޖެހޭ."
ރައީސް ސީދާ ނަންނުގެންނެވިޔަސް، އެ މަނިކުފާނު އިޝާރާތް ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އިދިކޮޅު އެމްޑީޕީން ނެރުނު މެނިފެސްޓޯގައި ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ބައިގައި ހިމެނި ބިރަކާ ނުލައި މަޖާކުރުމުގެ ބަޔަށެވެ.
އެ މަނިކުފާނު ރޭ ވަނީ ތެދާއި ދޮގު ވަކިކޮށް، ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް ސިކުނޑި ދޫކޮށްލާ ބަޔަކަށް ނުވުމަށް އިލްތިމާސްކުރައްވައިފަ އެވެ."އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ. އަމިއްލަ ސިކުނޑިން ވިސްނައިގެން، އަމިއްލައަށް ކަންކަމާމެދުގައި ތެދު ދޮގު ބެލޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ."
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ