ގައުމީ ވޮލީބޯޅަ ލީގު: ފްލެކްސާ ބަލިކޮށް ޖީޖީ އަށް އުންމީދެއް، ސިޓީ ފްރެންޑްސް ކަޓައިފި ގައުމީ ވޮލީބޯޅަ ލީގު: ފްލެކްސާ ބަލިކޮށް ޖީޖީ އަށް އުންމީދެއް، ސިޓީ ފްރެންޑްސް ކަޓައިފި

ގައުމީ ވޮލީބޯޅަ ލީގުގައި ފްލެކްސާ ސްޕޯޓްސް 3-2 ގެ ނަތީޖާ އަކުން ބަލިކޮށް ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ އިން ގަދަ ހަތަރެއްގެ އުންމީދު އާކުރިއިރު، ހުރާ ކޮމިއުނިޓީ ކްލަބް އަތުން ބަލިވެ، ސިޓީ ފްރެންޑްސް ކްލަބަށް ގަދަ ހަތަރަކުން ފުރުސަތު ގެއްލި ކަޓައިފި އެވެ.
ގައުމީ ލީގުގެ ގަަދަ ހަތަރަކަށް ގައުމީ މުބާރާތުން ފުރުސަތު ލިބޭއިރު، ސިޓީ ފްރެންޑްސް އަށް އެ ދޮރު ވަނީ ބަންދުވެފަ އެވެ.
ފްލެކްސާ ބަލިކުރި ނަމަވެސް ޖީޖީ އަށް އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެ ޓީމަށް ގަދަ ހަަތަރެއްގެ ފުރުސަތު އޮތީ، މިއަދު ޕޮލިސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 20-25، 25-16، 26-24، 20-25 އަދި 16-14 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ސެޓުގެ ފަހުކޮޅު ޖީޖީ އަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ފްލެކްސާ އިން ލީޑު ނެގި އެވެ. މި ސެޓު ނިމުނީ 25-20 އިންނެވެ.
އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ފްލެކްސާ ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ޖީޖީ އިން ނަގައި 25-16 އިން މި ސެޓު ކާމިޔާބުކުރީ އެވެ. މެޗުގެ ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައިރު، މި ސެޓު ޖީޖީ އިން ކާމިޔާބުކުރީ 26-24 އިންނެވެ. އެކަމަކު ހަތަރުވަނަ ސެޓުގައި ޖީޖީ އަށް ރަނގަޅު ރިސީވްތަކެއް ނުދެވި 25-20 އިން ސެޓު ގެއްލުނީ އެވެ.
މެޗުގެ ފަސްވަނަ ސެޓު ވެސް ފެނިގެންދިޔައީ ވާދަވެރިކޮށެވެ. މި ސެޓުގެ ފަހުކޮޅު ޖީޖީގެ ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ޖީޖީ އިން ކާމިޔާބުކުރީ 16-14 އިންނެވެ.
ހުރާ އާއި ސިޓީ ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މީގެ އިތުރުން އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުރާ ކޮމިނިއުނިޓީ ކްލަބުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއާއެކު ހުރާ އިން ވަނީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށް ގައުމީ މުބާރާތުގެ ޖާގަ ހޯދައިފަ އެވެ.
މި މެޗުގެ ސެޓުތައް ދިޔައީ 25-18، 25-11 އަދި 25-13 އިންނެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ އެއް ވަނައިގައި ޕޮލިސް ކްލަބް އޮތީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ފަސް މެޗު ކުޅެގެން، ދެ ވަނައިގައި އޮތް ހުރާ އާއި ތިން ވަނައިގައި އޮތް ފްލެކްސާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވެ އެވެ. ފަސް ވަނައިގައި އޮތް ޖީޖީ އަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ސިޓީ ފްރެންޑްސް އަށް ހަތަރު މެޗުން ލިބިފައިވަނީ، ތިން ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ