ނަޝީދު ވަކިކުރާ ޖަލްސާ ބޭއްވޭ ގޮތް ނުވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެމްޑީޕީގެ، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާން ފޮނުއްވުމާ ގުޅިގެން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި، މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓް އަމުރެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.މިއަދުގެ ޖަލްސާ ކެންސަލް ކުރުމާއެކު މައްސަލަ ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށާއި މިއަދު މެންދުުރު ކުރިން މައްސަލަ ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ. ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.ނަޝީދު ލީޑު ކުރައްވާ އަދި އީވާ ވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ބުނަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ދެ ވަނަ ފަހަރަށް ހުށަހެޅީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ޖަލްސާ ބޭއްވިޔަނުދޭން މަސައްކަތް ކުރާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވެ އެވެ.ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ