މެމްބަރު ޝަރީފާއި ނިހާދަށް ބަޔަކު ހަމަލާ ދީފި

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ގްރޫޕަކުން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މެމްބަރު ޝަރީފަށް ހަމަލާ ދީފައި ވަނީ މިއަދު މެންދުރު މެންހަޓަން ބިޒްނަސް ހޮޓަލް ތެރޭ މަރަދޫ ދާއިރާގެ ކެމްޕޭން ޓީމާ އެކު އޭނާ އިންނަވަނިކޮށް އެތާންގެ ތެރެއަށް ގުރޫޕަކުން ވަދެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މެންބަރު ނިހާދަށް ހަމަލާ ދީފައި ވަނީ ފޭދޫ ފަސްގަނޑު ސަރަހައްދުންނެވެ.
މެމްބަރު ޝަރީފަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައި ވާއިރު، ޝަރީފްގެ މޫނަށް އެކި ވަރުގެ ޒަހަމް ލިބިފައި ވެއެވެ. އޭނާގެ މުނާއި ލޯ ނޫފައިގަނެ ދުޅަ ވެފައި ވާއިރު، މޫނު މަތީ ވަކިއެޅިފައި ވެސް ހުއްޓެވެ.
ނިހާދަށް ލިބުނު އަނިޔާގެ ތަފްސީލު ނުލިބުނު ނަމަވެސް، ފޭދޫ ހެލްތު ސެންޓަރުގައި މިޙާރު އަންނަނީ އޭނާއަށް ފަރުވާ ދެމުންނެވެ.
މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެވިފައި ވާކަމަށެވެ. އެގޮތުން، އެފަދަ ގުރޫޕުތަކަށް ނިސްބަތްވާ މީހުން ބައެއް މީހުންނަށް އިންޒާރު ދީ، ބިރުދެއްކުމާއި އިންތިޚާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މުއައްސަސާއިން ކުރަންޖެހޭ މަސައްކަތް ތައް ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލަތައް ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ