ރިޟްވާނާއި ޔާމީން ރަޝީދުގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންނަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ)ގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، ދެ މީހުންގެ ފައިގައި އެޅުވި ޓެގު ނައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަންގައިފިއެވެ.
މީގެކުރިން މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އަހްމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކުރާ ދައުވާ ވެސް ކުރިއަަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު އަހަނދުގެ ޓެގް ނެއްޓުމަށް ވެސް އަމުރުކުރި އެވެ.
ބޮޑު ދެ މަރުގެ ތުހުމަތުވާ އިސޫ އާއި މުއާ ވެސް ޝަރީއަތް ކުރިއަށް ދަނިކޮށް ބަންދުން ދޫކޮށްލީ ފައިގައި ޓެގް އަޅުވައިފަ އެވެ. ޓެގް އަޅުވައިގެން މޮނިޓަކުރުމަށް އެ ދެ މީހުންގެ މައްޗަށް ނެރުނު އަމުރު ވެސް އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.
މި ނިންމުމާ އެކު، މިދިޔަ ސަރުކާރުގައި އުފެއްދި މަރުތައް ބަލާ ކޮމިޝަނުން ދައުވާ ކުރަން ނިންމި ތިން މީހުން ވެސް މިނިވަންވީ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ނިންމާފައިވަނީ މަދަނީ މިންގަނޑުން ބަލާއިރު، އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ވަނީ ފޮނުވާލާފައެވެ.
އެހެންވެ، މުއާއާއި އިސޫގެ ފައިގައި އެޅުވި ޓެގު ނައްޓަން ވެސް ކޯޓުން ވަނީ އަންގައިފައެވެ.
2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީންގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ