މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މެމްބަރު ޝިފާއުއަށް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދީފައެވެ. ޝިފާއު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުން އަޒުލު ކުރެއްވުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް ވިދާޅުވެފައެވެ.
މިމައްސަލައާއި ގުޅިގެން އެމްޑީޕީން ހޯމަދުވަހުރޭ ނެރުނު ނޫސްބަޔާނުގައި ވަނީ މަޖިލީހުގެ މެމްބަރުން، އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ތެރެއިން ހިޔާލުފާޅުކުރެއްވުމާއި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެމްޑީޕީގެ އެ ނޫސް ބަޔާނުގައި ވަނީ ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް ފުލުހުންނަށް ގޮވާލާފައެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރުމުގެ ތެރެއިން މަރުގެ އިންޒާރުދީ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް އެމްޑީޕީގެ އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ