ރައްޔިތުން ތިބޭނީ ރައީސް ސޯލިހާ އެކީ: އަމީރު

ރައްޔިތުން ތިބޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމާއިއެކު ވެސް ރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުނީ އަދި ޤައުމުގައި ހަމަޖެހުމާއި ޞުލްހަ ދެމިއޮތީ ރައީސް ސޯލިހު ހިކުމަތާއި ދުރު ވިސްނުންފުޅާއިއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި، ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެކަން ރައީސް ސޯލިހު ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
"އެންމެނާއިއެކު ކުރިއަށް ވަޑައިގެންނެވޭނެ ލީޑަރަކީ ރައީސް. ދެންވެސް ރައްޔިތުން ތިބޭނީ ރައީސް އެކު." އަމީރު ވިދާޅުވި އެވެ.
ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި، ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެކަން ރައީސް ޞާލިޙް މިވަނީ ކަށަވަރުކޮށްދެއްވާފައި. އެންމެނާއިއެކު ކުރިއަށް ވަޑައިގެންނެވޭނެ ލީޑަރަކީ ރައީސް. ދެންވެސް ރައްޔިތުން ތިބޭނީ ރައީސް އެކު، #HamaHama4
— Ibrahim Ameer (@iameeru) November 17, 2022
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު މީގެކުރިން ފާޅުކުރައްވާފައިވާއިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.
ނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ