އެއްވެ އުޅުމުގެ މިނިވަންކަން އަދިވެސް އޮތީ ގާނޫނީ ގޮތުން މަނާކޮށްފަ: މެމްބަރު އަލީ ހުސައިން

މާލޭގައި އެއްވެ އުޅުމުގެ މިނިވަންކަން އަދިވެސް ގާނޫނީ ގޮތުން މަނާކޮށްފައި ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާލުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މ. ރަތްމަންދުއަށް ވަޑައިގެން މި ސަރުކާރު އޮތީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމަށް ޖާގަދީގެން ކަމަށާއި ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ކުރެއްވި ޓުވިޓެއްގައެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2013-2018 އާ ދޭތެރޭ ހިނގައިދިޔަ ކަންތައްތަކާއި 2018 އިން ފެށިގެން މި ފަސް އަހަރުގެ ތެރޭގައި ކަން ހިނގަމުން ދާ ގޮތް ރަނގަޅަށް ވަޒަންކުރަން ޖެހޭނެ ކަމަށެވެ.
ސަރުކާރުން ތިބީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމާއި މި ހުރިހާ ކަމަކަށް ތަންދީގެން ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަތަކަށް ރައްދުދެއްވައި އަލީ ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ނެތްކަން ހާމަކޮށް މިކަމާ ބެހޭ ބިލް މަޖިލީހުގެ 241 ކޮމިޓީގައި ޕާކްކޮށްފައިވާކަމަށް ބުނެފައެވެ.
"ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު" 2013 ވަނަ އަހަރު ފާސްކުރިއިރު މިޤާނޫނުގެ ބޭނުމަކީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން، ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ޤާނޫނުއަސާސީގެ 32ވަނަ މާއްދާގައި ބަޔާންކޮށްފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤުގެ ހަމަތައް ބަޔާންކުރުމާއި، އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ ޤަރާރުގެ 20 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމު ވެގެންވާގޮތް ބަޔާންކުރުމެވެ.
އަދި މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގެ 21 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ހަމަތައް، ދިވެހިރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުމާއި، ވަކި މަޞްލަޙަތުތަކެއް ރައްކާތެރި ކުރުމަށްޓަކައި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު، ޤާނޫނަކުން ހަނިކުރެވިދާނެ ކަމަށް މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގެ 21ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)އަށް ޙަވާލާދީ، އެ ޙައްޤު ހަނިކުރެވިދާނެ ޙާލަތްތައް، މި ޤާނޫނުގައި ކަނޑައެޅުމެވެ.
އެހެންނަމަވެސް ސަރުކާރުންވަނީ ސަރުކާރުންވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައެވެ. 2016 ވަނަ އަހަރު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، މާލޭގައި ހުއްދަ ނުހޯދައި ސަރުކާރުން ކަނޑައަޅާ ވަކި ތަންތަނަށް އެއްވެވޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާ ސަރަހައްދަށެވެ.
މި ފަސްއަހަރަކީ ދިވެހި ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެންދިޔަ ފަސް އަހަރުގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ