މުއިއްޒުގެ ވެރިކަމެއްގައި ޕެންޝަން ފަންޑުން ވިޔަފާރި ފަށަން ފައިސާ ނެގޭ ގޮތަށް ބަދަލުކުރަނީ

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ގޮތުގެ ގާނޫނަށް ބަދަލުގެނެސް، އަމިއްލަ ވިޔަފާރި ފެށުމަށް އެ ފަންޑުން ވަކި އިންސައްތައެއް ނެގޭ ގޮތަށް ބަަދަލު ގެންނަވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ އދ. މަހިބަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ ޕެންޝަން ފަންޑުން ދައުލަތަށް ލިބޭ ކަމަށެވެ. އެހެން ނަމަވެސް، އެ ފަންޑުގެ ގާނޫނު ހެދިފައި އޮންނަ ގޮތުން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ނުވާކަމަށް ވެސް ވިދާޅުވިއެވެ. "ޕެންޝަން ފަންޑުގައި މިހާރު އެބަހުރި ޖަމާވެފައި 20 ބިލިއަން ރުފިޔާ. ވިހި ހާސް މިލިއަން ރުފިޔާ ޖަމާވެފައި އެބަހުރި. އެއީ އަޅުގަނޑުމެން މަސައްކަތްކުރާ އެންމެންގެ ފައިސާ،" މުއިއްޒު ވިދާޅުވިއެވެ. އެ ފަންޑުން އެޕާޓްމަންޓު ގަތުމަށާއި ފަރުޟު ހައްޖުކުރުމަށް ކޮންމެވެސް ވަރެއްގެ ފުރުސަތު އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ފަންޑުން އިތުރު ފުރުސަތުތައް ފަހިވާން ޖެހޭކަމަށް ވިދާޅުވިއެވެ. "ގާނޫނަށް އެބަ އަންނަން ޖެހޭ ކޮންމެވެސް ކަހަލަ ލުއިތަކެއް. ބަދަލުތަކެއް،" މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި ގާނޫނަށް ބަދަލު ގެނެސް، ގެދޮރުބިނާކުރުމަށާއި، ދަރިން ބޭރަށް ކިޔަވަން ފޮނުވުމަށް އަދި ވިޔަފާރި ފެށުމަށް އިންވެސްޓްމެންޓެއްގެ ގޮތުގައި ވެސް ވަކި ވަރެއް އެ ފަންޑުން ނެގޭ ގޮތަށް ބަދަލުކުރައްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. ޑރ. މުހައްމަދު މުއިއްޒަށް މަހިބަދޫގައި މަރުހަބާ ކިޔަނީ -- އެ ފައިސާ ނެގޭނީ، 30 ނުވަތަ 40 އަހަރު މަސައްކަތްކޮށްގެން ނޫންކަމަށާއި އޭގެ ކުރިން އެ ފައިސާގެ ކޮންމެވެސް އިންސައްތައެއް ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެހެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މަދުވެގެން 10 އަހަރު ދުވަސްވީމަ މި ދެންނެވި ކަންކަމަށް ފައިސާ ނެގޭ ގޮތަށް ބަދަލުކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާއަށް ވެސް މިރޭ މުއިއްޒު ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެ ގޮތުން، އައިޖީއެމްއެޗްގެ ޑަޔަލިސިސް ސެންޓަރު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އެ ފެންވަރުގެ ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ. ތެލެސީމިއާ ސެންޓަރުގެ ހާލަތު ވެސް ވަރަށް ދަށްކަމަށާއި އެ ތަނަކީ ހިތްހަމަޖެހޭ މާހައުލަކަށް ހަދަން ޖެހޭކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ހިތްހަމަޖެހުން ލިބޭ، ޖާގަ ތަނަވަސް ތެލެސީމިއާ ސެންޓަރެއް ހުޅުމާލޭގެ ބޮޑު ބިމެއްގައި އަޅުއްވައިދެއްވާނެކަމަށް ވެސް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ