ބީއެމްއެލް އިސްލާމިކްއަށް 10 އަހަރު: އިތުރު 3 ބްރާންޗު އިސްލާމިކަށް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް 10 އަހަރު ފުރުން ފާހަގަކޮށް، ތިން ރަށެއްގެ ބްރާންޗުތައް އިސްލާމިކް ބްރާންޗުތަކަކަށް ރީބްރޭންޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ހިދުމަތަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނީ، ބީއެމްއެލް އިސްލާމިކް ގާއިމުކުރީއްސުރެ އިސްލާމިކް
ބޭންކިން ހިދުމަތް ދެމުން އަންނަނީ އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅިން
ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގްވާމީ ގޮތުން ބޭނުންކުރާ
އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުމާ ގުޅިގެން ބޭންކުން ބ. އޭދަފުށި، އދ. މަހިބަދޫ އަދި ސ. ގަމުގައި ހިންގާ ބްރާންޗުތައް، ބީއެމްއެލް އިސްލާމިކް ބްރާންޗުތަކެއްގެ ގޮތުގައި ވަނީ ރީބްރޭންޑްކޮށްފަ އެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބްރާންޗްތަކުން ހިދުމަތް ދޭނީ، ބީއެމްއެލްއިން ބުނި ގޮތުގައި އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދީގެންނެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުމަކީ އެ ބޭންކަށް ލިބުނު ފަހުރެކެވެ.
"ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން
އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ ހިދުމަތެއް
ފޯރުކޮށްދެން،" އޭނާ ވިދާޅުވި އެވެ.
"މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް
ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް
ތައާރަފްކުރި ބޭންކް. އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ
ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކުވެސްމެ."
ބައެއް ބްރާންޗުތަކަށް އަލަށް ގެނައި ބަދަލުން ދައްކުވައިދެނީ، ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ދޭ އަހަމިއްޔަތުކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ