"ކެމްޕޭން ފަންސައާހި"ގެ ނަމުގައި މީރާއިން ޚާއްސަ ކެމްޕޭނެއް ފަށައިފި

ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް އިތުރު ކުރުމުގެ ޚާއްސަ ކެމްޕޭނެއް "ކެމްޕޭން ފަންސައާހި"ގެ ނަމުގައި މީރާއިން ފަށައިފިއެވެ.
ކެމްޕޭން ފަންސައާހިގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުންކަމަށް މީރާއިން ބުނެއެވެ.
ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވާއިރު، ޓެކްސްދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރެއެވެ.
މީރާއިން ފެށި މިޚާއްސަ ކެމްޕޭނުގެ ދަށުން، ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުމުގެ ގޮތުން ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެއެވެ. އަދި ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުވެސް މި ކެމްޕޭންގެ ދަށުން ފަހިކޮށްދޭނެ ކަމަށް މީރާއިން މައޫލޫމާތު ދެއެވެ.
އެގޮތުން، އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި މީރާއަށް ފާހަގަވެފައިވާ ފަރާތްތަކަށް މީރާއިން އީމޭލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާ ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށްވެސް ނިންމާފައިވާކަމުގައި މީރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ