ކެލާ އަލިބެ، ކުރީގެ ހއ. މެމްބަރު އަދި ޅެންވެރިޔާ، އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލިހުގައި ހއ.ގެ މެމްބަރުކަން ކުރެއްވި އަދި ދިވެހި އަދަބިއްޔާތުގައި ވެސް ފާހަގަކޮށްލެވޭ ނަމެއް ކަމަށްވާ އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) ރޭ ފަތިހު މާލޭގައި އަވަހާރަވެއްޖެ އެވެ.
އުމުރުން 76 އަހަރުގެ އަލިބެ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވައިފަ އެވެ.
އަލިބެގެ މަޝްހޫރު ދާއިރާތައް ގިނަ އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލެއްގެ ގޮތުން ކުރެއްވި ހިދުމަތްތަކާއި ޅެމާއި އެހެން ލިއުންތަކުގެ އިތުރުން އަތްތެރި މަސައްކަތުގައި ވެސް އޭނާގެ ހުނަރު ފެނުނެވެ.
ކޮންމެ އަތޮޅަކަށް ދެ މެމްބަރުން ހާއްސަކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ އިރު އަލިބެ ހއ.ގެ ގޮނޑި ފުރުއްވީ 1994 އިން 1999 އަށެވެ. އެ ދައުރުގައި އޭނާއާ އެކު އަނެއް ގޮނޑީގައި އިންނެވީ ހއ. އިން އުފެދުނު އެފަދަ އެހެން ޝަހުސިއްޔަތެއް ކަމަށްވާ ވަށަފަރު އާދަމް ކަލޭފާނެވެ.
އަލިބެގެ ބޭފުޅުންގެ ތެރެއިން ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވަސިޓީގެ ލެކްޗަރާކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ފައްޔާޒު އަލިމަނިކަކީ އާންމުންގެ ތެރޭގައި މަޝްހޫރު ބޭފުޅެކެވެ.
ދިވެހި އަދަބިއްޔާތުގައި އަލިބެއަކީ ހަމައެކަނި ޅެންވެރިއެއް ނޫނެވެ. އޭނާއަކީ ވަރަށް ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއް ވެސް މެ އެވެ. ޓީޗަރެއްގެ ގޮތުން ވެސް ޚިދުމަތްކުރެއްވި އެވެ.
އަލިބެގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި މިހާރު އަވަހާރަވެފައިވާ ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ސަލީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި އަލިބެ 'އަދާކުރެއްވި ދައުރަކީ ވެސް ޚިދުމަތުގެ ސަފުހާއެއް' ކަމަށެވެ.
"އަލިބެއަކީ އަޅުގަނޑު ބައްޕަ މަރުޙޫމް އާދަމް ސަލީމުގެ އެންމެ ގާތް އަޚެވެ. އެންމެ ބޮޑު އެއް އެކުވެރިޔާ އެވެ. މި ދެ ބޭފުޅުންނީ ވެސް ލިއުންތެރިންނެވެ. ޅެންވެރިންނެވެ. އަތޮޅަށް ޚިދުމަތް ކުރެއްވި ދަރިންނެވެ. ކެލައަށް ކަރަންޓު ދޭން އަލިބެ އިންޖީނު ބެހެއްޓެވުމަކީ ވެސް، ޚިދުމަތުގެ މިސާލެކެވެ،' ކުރީގެ ނޫސްވެރިޔާ އަދި ޅެންވެރިޔާ/ވާހަކަ ދެއްކުންތެރިޔާ، ސަލީމް ލިއުއްވި އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ވިދާޅުވި ގޮތުގައި އަލިބެއަކީ 'ބަހާ މެދު ވަރަށް ވިސްނާވަޑައިގަންނަވާ ބޭފުޅެކެވެ'.
"ފަތްތޫރައިގެ އެތައް ސަފުހާތަކެއް ވަނީ އަލިބެގެ ޅެންތަކާއި ލިޔުންތަކުން ފުރިފަ އެވެ. ޝައްކެއް ނެތެވެ. އަދަބީ ބަގީޗާއިން އަދު އެ ގެއްލުނީ އަގުހުރި އަދީބެކެވެ،" އަޝްރަފް ލިއުއްވި އެވެ.
"ދިވެހި ޗަމަންގައި ހެދެމުން އައި ކެލާ ގަހާއި އެ ގަހުގެ މީރު ވަސް އަޅުގަނޑުމެންނާ އަލްވަދާޢު ވިދާޅުވެ ދާއިމީ ދުނިޔެއަށް ދަތުރުކުރެއްވީ އެވެ! ޢަލިބެގެ އަދަބީ ޚިދުމަތް އެހެރީ ފެންނާށެވެ. ދިރިދިރި އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ