ޔާމީން ދޫކޮށްލާ ނަމަ ޖަލުގައި ތިބި އެންމެން ދޫކޮށްލަން ޖެހޭ

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ދޫކޮށްލާނަމަ ޖަލުތަކުގައި ތިބި އެންމެން ދޫކޮށްލަންޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ މަޖިލިސް ކުރިއަށް ނުގޮސް ހުއްޓިފައިވާ މައްސަލައާ ގުޅިގެން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް ޕީޕީއެމް-ޕީއެންސީ އިން ހަމައެކަނި ކުރަން ބޭނުންވާ މަޝްވަރާ އަކީ ޔާމީން ދޫކޮށްލުމުގެ މަޝްވަރާ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމިން ދޫކޮށްލާނަމަ ޖަލުތަކުގަޔާއި ހައްޔަރުގަޔާ ބަންދުގައި ތިބި އެތަށް ބަޔަކު ދޫކޮށްލަންޖެހޭނެ. އެންމެން ދޫކޮށްލަންޖެހޭނެ. އެހެންވީމަ ވަކި މީހަކު ވަކި ގޮތަކަށް ދޫކޮށްލުމުގެ ނިންމުމަކީ އެއީ އެހެން ކުރެވޭނެ ކަމެއް ނޫން. ގާނޫނުތަކެއް އެބަހުރި ގަވާއިދު ތަކެއް އެބަހުރި. ގާނޫނާއި ގަވާއިދުގެ ތެރެއިން އެބޭފުޅުން އެދިވަޑައިގަންނަވަނީ ރައީސް ޔާމީން ދޫކޮށްލަންކަން އަޅުގަނޑަށް ފާހަަގަކުރެވެނީ. އެބޭފުޅުންގެ ފަރާތުން ރައީސް ނަޝީދު މަޝްވަރާއަށް ނިކުންނެވީތޯ ސުވާލު އުފެދޭ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާ ގޮތުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންނަށް ބަސް ބުނުމަށް އޮތް މަގު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ. އަދި މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ހާލަތްތަކުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މެދު ކުރަންޖެހޭ މަޝްވަރާތައް ވެސް ރިޔާސަތުން ނުކުރައްވާ ކަމަށާއި މަޖިލީހުގެ ރައީސް މިހާރު ބޭނުންފުޅުވަނީ ކޮން ފަރާތެއްގެ މަޝްވަރާއެއްކަން ވެސް މިހާރު ނޭނގޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު އަމަލުކުރައްވާ ގޮތާއި މެދު ހިތްހަމަނުޖެހި އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ވަނީ އެމަނިކުފާނު އެމަގާމުން ދުރުކުރަން ފާސްކޮށްފަ އެވެ. އެގޮތުން 54 މެމްބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް މިއަދު ވެއްދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ