މިފްކޯގެ 'ޖަޒީރާ 103' އަތުވެއްޖެ، ދުވާލަކަށް އިތުރު 120 ޓަނު ކިރުވޭނެ

މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯއިން މިއަދު ގެނައި މަސްކިރާ ބޯޓު 'ޖަޒީރާ 103' އާއި އެކު ދުވާލެއްގެ މައްޗަށް އިތުރު 120 ޓަނުގެ މަސް ކިރުވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މި ބޯޓު ރާއްޖެއައުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ ފައުޒީ ވިދާޅުވީ މި ބޯޓާއި އެކު މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދެކުނުގައި ކަމަށާއި، މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވުމާއި އެކު ދުވާލަކު މަސް ކިރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި މި ބޯޓު ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ބޯޓެއް ކަމަށް މިފްކޯއިން ބުނެއެވެ. މިއީ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ.
މިއަދު ރާއްޖެ އައި ބޯޓަކީ މީގެ ކުރިންވެސް މިފްކޯއިން ގެންގުޅެފައިވާ ވައްތަރެއްގެ ބޯޓެއް ކަމަށްވާ، ޖަޕާނުގެ ޕޯލް އެންޑް ލައިން ވެސަލްއެއް ކަމަށް މިފްކޯއިން ބުނެއެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ ކޮރެއާއިން ފުރައިގެން 16 ދުވަހުންނެވެ.
މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އައިސްފައިވަނީ މިއަދެވެ. އަދި ކުރިޔަށް އޮތްތަނުގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރާ އަނެއް 3 ބޯޓުވެސް މިހާރު ރަޖިސްޓްރީކޮށް ނިންމާ ތައިލޭންޑްގައި ޑޮކް ކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ