ނިލަންދޫ ދާއިރާގެ މެމްބަރު މުޙުސިން އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުޙުސިން ޙަމީދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ. 
މުޙުސިން އެމްޑީޕީއާއި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދޫއަށް ވަޑައިގަތުމުން، މެމްބަރު ސޮއިކުރުމަށް ބޭއްވި ޚާއްސަ ޙަފްލާއެއްގަ އެވެ. 
މެމްބަރުގެ އިތުރުން 60 މީހުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. 
Advertisement
މުޙުސިނަކީ އަމިއްލަގޮތުން މަޖިލީހަށް ހޮވިވަޑައިގަތް މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. 
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމު އިސްވެހުންނަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދެވުމުގެ ހަރަކާތް ކުރިއަށް ގެންދެވިއިރު، އެންމެ ފުރަތަމަ އެ ހަކަރާތާއި މުޙުސިން ގުޅިވަޑައިގަތެވެ. 
އެހެން ނަމަވެސް އެފަހުން މުޙުސިން ވަނީ އެ ހަރަކާތާއި ފެޔަށް ޖެހިފައެވެ. 
މުޙުސިން އެމްޑީޕީއާއި ގުޅިވަޑައިގެންފައި ވަނީ އެމްޑީޕީއިން 12 މެމްބަރުން އިސްތިއުފާދީފައިވާ ފަނޑިވަޅެއްގަ އެވެ. 
މުޙުސިން އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ މަގާމުން ވަކިކުރުމަށް އެމްޑީޕީ މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެސް މުޙުސިން ވަނީ ސޮއިކުރައްވާފަ އެވެ. 
ފ. ނިލަންދޫއަކީ ޕީޕީއެމް މެޖޯރިޓީ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ. 
އެހެން ނަމަވެސް ނިލަންދޫ ދާއިރާގެ މެމްބަރު މުޙުސިން އަދި އޭނާގެ އާއިލާއިން ގިނަ ބަޔަކު އެމްޑީޕީއާއި ގުޅިވަޑައިގަތުމުން، ކުރިއަށް އޮތް ތަނުގައި ނިލަންދޫގެ ސިޔާސީ ޗާޓަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ