98 ކިލޯގެ ޑްރަގް މައްސަލަ: ހައި ކޯޓުގެ ނިންމުމެއް 'ސަސްޕެންޑު'ކޮށް، ދަށު ކޯޓުން މީހަކު ދޫކޮށްލައިފި

ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ނިންމުން "ސަސްޕެންޑުކޮށް" އެ މީހާ ދޫކޮށްލަން އައްޑޫ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ސ. ހިތަދޫ/މަންދޫބުގެ، ރުޝާން އަހުމަދު ދީދީގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް އެތެރެކުރުމަށް އެހީތެރިވުމުގެ ދައުވާ ކުރީ، އޮކްޓޯބަރު 2020ގައި އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 98 ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައާ ގުޅިގެންނެވެ. އެގޮތުން:
މި މައްސަލައިގައި އަތުލައިގަތް ޑްރަގަކީ އެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެ ހުރެ ރާއްޖެއަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނޭ
ރުޝާން ހައްޔަރުކުރި ފަހުން، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ގެންދިޔައީ އޭނާގެ ބަންދު އިތުރު ކުރަމުން
އެކަމަކު ފަހުން އެ ކޯޓުން ވަނީ ހެކި ނެތް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލާފައި
އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 20 އޮކްޓޯބަރު 2020ގައި ހައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
ވީ ކިހިނެއް؟ - ހައި ކޯޓުން ރުޝާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދު، ރުޝާންގެ ބަންދު މުރާޖައާ ކުރައްވައި އިއްޔެ ނިންމަވާފައި ވަނީ ބޭސްފަރުވާއަށް އޭނާ 90 ދުވަހަށް ދޫކޮށްލާށެވެ.
އެ ނިންމުމުގައި ވަނީ، އޭނާ ބަންދުގައި ބަހައްޓައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ހާލަތުގައި އޭނާ އަމިއްލައަށް ބޭސްފަރުވާ ކުރަން ދޫކޮށްލަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ރުޝާންގެ ބަލިހާލަތާއި ބޭސްފަރުވާގެ ކަންކަން ކޯޓުގެ އަމުރުން:
ބޮލަށް އެނބުރުން އަރައި ގޮޅިތެރެއަށް ވެއްޓުމާއި ގައިގެ ތަންތަން އައްސިވުމުގެ ޝަކުވާ ކުރޭ
ކަންފަތުގެ އަަޑުއިވުމަށް ގެއްލުންވެފައިވާކަން ޓެސްޓުތަކުން އެނގޭ
ކަސްރަތު ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައި ވާތީ ބޭރަށް ނެރުމުގެ ބަދަލުގައި ގޮޅިތެރޭގައި ކަސްރަތު ކުރަން އަންގާފައިވޭޭ
އޭނާގެ އެމްއާރްއައިއެއް ހެދުމަށް ފަހު، އީއެންޓީ ޑޮކްޓަރަކަށް ދައްކައި ޑޮކްޓަރެއްގެ ޖަވާބު ހޯދަން އެއް އަހަރު ހޭދަވެފައިވޭ
އޭނާ ބަންދުކުރި ސަބަބުތަކުގެ ތެރޭގައި
މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތުން ހިމެނޭއިރު، އެ ހާލަތު މިހާރު
ބަދަލުވެފައިވާ ކަމަށް ވެސް ނިންމުމުގައިވެ އެވެ. މުޖުތަމައުގެ ސަލާމަތަށް
އޭނާގެ ފަރާތުން އޮތް ނުރައްކާ، ޒަރޫރީ ސަބަބުތަކެއް ހުރި ނަމަ
ފިޔަވަޅުތަކެއް އެޅުމަށް ފަހު ކުޑަކުރެވިދާނެ ކަމަށް ވެސް ވެ އެވެ.
ގާޒީ ރަފީއުއްދީންގެ އަމުރުގައި ފާހަގަކުރެއްވީ، ހައި ކޯޓުގެ އަމުރެއްގެ ބާރު ކެނޑޭ ގޮތަށް އޭނާ ދޫކޮށްލެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ. އޭނާއަށް ފެނިވަޑައިގަތީ އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.
"... އޭނާ ބަންދުކޮށްފައި ވަނީ މީގެ ކުރިން އޭނާ ދޫކޮށްލުމަށް މި ކޯޓުން ކޮށްފައިވާ އަމުރެއް ބާތިލުކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ ހައި ކޯޓުގެ އަމުރަކުންނެވެ. ވީމާ ދިވެހިރާއްޖޭގެ ހައި ކޯޓުގެ އަމުރެއްގެ ބާރު ކެނޑޭ ގޮތަށް މި ކޯޓުން އަމުރެއް ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. މި ސުވާލުގެ ޖަވާބުގައި ޝަރީއަަތަށް ބުރަވެވޭ ގޮތަކީ އެ އަމުރު ނިމުމަކަށް ގެނައުމަކީ ދަށު ކޯޓަށް ބާރު ލިބިފައިވާ ކަމެއްގެ ގޮތުގަ އެވެ،" ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ އަމުރުގައިވެ އެވެ.
ރުޝާން ބަންދުކޮށްފައި ވަނީ ޝަރީއަތް ނިމެންދެންކަން ފާހަގަކޮށް، އަމުރުގައި ވަނީ، ޝަރީއަތް ނިމޭނީ ދަށު ކޯޓުގެ ނިންމުމަކުން ކަމަށް ވާއިރު، އެ އަމުރު އޮތީ ދަށު ކޯޓުގެ ނިންމުމަކުން އެ އަމުރު ނިމުމަކަށް އަންނަ ގޮތަށް ކަމަށެވެ. އެހެންވެ، ބަންދު މުރާޖައާކުރުމާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކާއި އަމުރުތައް ވެސް އެ އަމުރުގެ މައްޗަށް ހިނގާނެ ކަމަށްވެ އެވެ.
"ދަށު ކޯޓުގެ ހުކުމާއި ނިންމުންތައް އެ އަމުރުގެ މައްޗަށް ހިނގާއިރު، އޭނާގެ ބަންދު މުރާޖާއާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމާ ނިންމުންތަކާއި އަމުރުތައް ވެސް އެ އަމުރުގެ މައްޗަށް ހިނގާނެ އެވެ. އެ އަމުރަކީ ދަށު ކޯޓުގެ އިހްތިސާސް ހިނގާ ކަމެއް ހުއްޓޭ ގޮތަށް އޮތް އަމުރެއް ކަމުގައި އެ އަމުރާ މެދު ދެކިގެން ނުވާނެ އެވެ. އަދި އެއީ ދަށު ކޯޓުން ކުރަން ޖެހޭ އަމުރަކާ އެއްފަދަ މާނައެއްގައި ކޮށްފައިވާ އަމުރެއް ކަމެވެ،" މެޖިސްޓްރޭޓު ރަފީއުއްދީންގެ އަމުރުގައިވެ އެވެ.
ރުޝާން ދެ ވަނަ ފަހަރަށް ދޫކޮށްލާފައި މި ވަނީ ޝަރުތުތަކެއް ކޮށްފަ އެވެ. އެ ޝަރުތުތަކަށް އޭނާ އެއްބަސްވެފައިވާތީ، ހައި ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި ނިންމުން "90 ދުވަހަށް ސަސްޕެންޑުކޮށް"، އެ މުއްދަތުގައި އޭނާ ބޭސްފަރުވާގެ ބޭނުމަށް ދޫކޮށްފައި ބެހެއްޓުމަށް އަންގާ ކަމަށް މެޖިސްޓްރޭޓުގެ އަމުރުގައިވެ އެވެ.
އޭނާ އެއްބަސްވި ޝަރުތުތައް:
އިތުރު ކުށެއް ނުކުރުން
ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިތަކުގައި ހާޒިރުވުން
ހެކިބަސް ދިން އަދި ދޭން ތިބި އެއްވެސް މީހަކާ ބައްދަލުނުކުރުމާއި އެއްވެސް ގޮތަކަށް މުއާމަލާތް ނުކުރުން އަދި އެފަދަ ކަމެއް ކުރުމަށް މަސައްކަތް ނުކުރުން
ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6އާ ހަމައަށް ގެއިން ބޭރަށް ނުނުކުތުން
މެޖިސްޓްރޭޓު ރަފީއުއްދީންގެ ނިންމެވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ހުކުމެއް ދިރި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން ކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ.
އެގޮތަށް ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ އިތުރުން، ގާޒީގެ ޝަކުވާ ޖޭއެސްސީގައި ކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ ރަނގަޅު ސަބަބެއް ދައްކަވަންވާނެ އެވެ،" ޝަމީމްގެ ޓުވީޓުގައިވެ އެވެ.
އޭނާ 'ދައުރު'އަށް ވިދާޅުވީ، މިއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ވަގުތު ގެއްލޭކަން ފާހަގަކުރައްވައި، ވިދާޅުވީ، އެއަށް ވުރެ މާ މުހިންމު މަސައްކަތްތައް އެބަ ހުރި ކަމަށެވެ.
އެނގުން މުހިންމު - މީގެ ކުރިން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ރުޝާން ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު، އޭގެ ކުރިން ހަމަ އެ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހަމުން ދިޔައީ އޭނާގެ މައްޗަށް ހެކި ހުރި ކަމަށް ބަލައިގެންނެވެ. އެކަން އޭނާ ދޫކޮށްލި އަމުރު އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ކުރި ހުކުމުގައި ވެސް ފާހަގަ ކުރި އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެ ކޯޓުން ނިންމީ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.
ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެ ކުރަން އުޅުނު މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެއީ ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެ ހުރެ ޕާކިސްތާނުގެ ޑްރަގް ނެޓްވޯކަކާ ގުޅިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ތަކެތި ކަމަށް ފުލުހުން ބުނެ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ