ޗާގޯސް މައްސަލައިގައި އިތުރު މޮޅެއް ލިބޭކަށް ނެތް: ޑރ.ޝަހީދު

ޗާގޯސް މައްސަލައިގައި ރާއްޖެއަށް ވަކި އިތުރު މޮޅު ގޮތްތަކެއް ލިބެން އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު މިހެން ވިދާޅުވީ، ސަރުކާރުގެ އިއްތިޙާދުގައި ހިމެނޭ އެމްއާރްއެމްއިން މީގެ ކުރިން 2022 ވަނަ އަހަރު ޗާގޯސް މައްސަލައިގާ ކަންބޮޑުވުން ފާޅުކުރިކަމަށް އެ ޕާޓީއާ ހަވާލާދީ ޓީމް އެމްއާރްއެމްއިން ބުނުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް ޗާގޯސް މައްސަލައިގައި ރާއްޖެއަށް ލިބުނު ރަނގަޅު ނަތީޖާގެ އިތުރުން ވަކި މޮޅު ނަތީޖާއެއް ނެރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމުގައި ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.
އަދި ބަންޑާރަ ނައިބާއި އެމަނިކުފާނުގެ ޓީމުން މި ކަމުގައި ކޮށްފައިވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެންދިޔައީ ރާއްޖޭގެ ވިސްނުން ބަދަލުކުރިކަން އާންމުންނަށް އެންގުން މާބޮޑަށް ލަސްވެގެންދިޔަ ދިޔުމުން ކަމަށާއި އެއީ ސަރުކާރުގެ ކޮމިއުނިކޭޝަން ޕޮލިސީގެ ފެއިލްވުމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.
އިޓްލޮސްއިން އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ