ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މާލޭގެ 6% އަދި ހުޅުމާލޭގެ 15% ގޭބިސީތަކުގެ ކަރަންޓު ބިލުތައް “އިންތިހާއަށް” ބޮޑުވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ބިލުތަކާ ގުޅޭގޮތުން ކަސްޓަމަރުންނަށް އަދި ސްޓެލްކޯއަށްވެސް އިތުރު ތަފްސީލު ބޭނުންވާ ކަމަށެވެ.
“މާލެއަށް ބަލާ އިރު ހަ ޕަސެންޓް ބިލު އެބަ އުޅޭ ހަމަ އިންތިހާއަށް ބޮޑު އިނގޭތޯ، އަޅުގަނޑުމެންނަށް ވެސް އޭގެ އެކްސްޕްލެނޭޝަނެއް ބޭނުންވާ އަދި އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށް ވެސް ބޭނުންވާނެ ކަމަށް އަަޅުގަނޑު ގަބޫލުކުރާ ހަ ޕަސެންޓެއް އެބަ އުޅޭ،” ފަހުމީ ވިދާޅުވިއެވެ.
ހުޅުމާލޭގެ ހާލަތު މާ ގޯސްކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. “ހުޅުމާލޭގައި މި އަދަދަށް ބަލާއިރުގައި 15 ވަރަކަށް ޕަސެންޓު އެބަ އުޅޭ ބިލު ހަމަ ވަރަށް ބޮޑު، އެ އެކްސްޕްލެނޭޝަން އަޅުގަނޑުމެންނަށް އެނގެން ޖެހޭ އަދި ކަސްޓަމަރުންނަށް ވެސް އެ އެކްސްޕްލެނޭޝަން ބޭނުންވާ، ފަނަރަ ވަރަކަށް ޕަސެންޓް ބިލު ބޮޑު ހަމަ، ވަރަށް ބޮޑުތަން ބޮޑު،” އޭނާ ވިދާޅުވިއެވެ.
ކުރިން ސްޓެލްކޯއިން ބުނަމުން އައީ ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ރައްޔިތުން ސްޓެލްކޯއަށް އިހުތިޖާޖުކޮށް، އަދި އެތައް ޝަކުވާތަކެއް ކުރުމަށްފަހުވެސް ސްޓެލްކޯއިން ދިޔައީ މި ބޮޑެތި އަގުތައް ނަގަމުންނެވެ. މިހާރު ބިލުތަކުގެ އަދަދުތައް “ގަބޫލުނުކުރެވޭ” ކަމަށް ބުނެ، ސްޓެލްކޯއިން ވަނީ ނުސީދާކޮށް ރައްޔިތުންގެ އަތުން ބޭއިންސާފުން ފައިސާ ނަގާފައިވާކަން އިއުތިރާފުވެފައެވެ.
މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ވަނީ އައު ޕްލޭނެއް ހާމަކޮށްފައެވެ. ފަހުމީ ވިދާޅުވި ގޮތުގައި އެކަން އެހެން ދިމާވި ސަބަބު ސްޓެލްކޯއިން ޓެކްނިކަލްކޮށް ބަލާނެ އެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކޮށް، ހަކައިތައިގެ އޮޑިޓެއް ހަދާނެ ކަމަށާއި ސްޓެލްކޯގެ ޓީމުތައް ފޮނުވާނެ ތަންތަން ކަނޑައަޅާނީ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ދިޔަވަރު ނޫހުން ހޯދި ހޯދުންތަކުން އޭރު ރިޕޯޓް ކޮށްފައިވާހެން، ކަރަންޓް ބިލް ބޮޑުވަނީ ކަރަންޓް ވިއުގައިގައި ހުރި މައްސަލަތަކުގެ ސަބަބުންނެވެ. މިކަމަކީ ގޭގޭގެ ކަރަންޓާއި ގުޅިފައިވާ ކަމަކަށް ނުވެއެވެ. މިކަމުގެ ކުށް އޮތީ ސްޓެލްކޯގައެވެ. އަދި މިކަން ހައްލު ކުރަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަ ވާނެތީ މިއީ ސްޓެލްކޯއޮން ހައްލު ހޯދާނެ ކަމެއް ނޫނެވެ.
“އެ އެޕާޓްމަންްޓްތަކަށް ވިޒިޓްކޮށްފައި އަޅުގަނޑުމެން އެނަޖީ އޮޑިޓެއް ކުރަން މި ނިންމީ، އެތަންތަނުގެ ހާލަތު ބަލައި، އެ ތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލާތްތަކެއްތޯ، [ކޮން ކަހަލަ] އެއާކޮންޑިޝަންތަކެއްތޯ އަދި ބޭނުންކުރާ ޖުމްލަ އެޕާޓްމަންޓްތަކުގެ އިންސިއުލޭޝަން ހުރީ ކިހިނެތްތޯ ބަލައި، އެ ކަސްޓަމަރުންނަށް އަޅުގަނޑުމެން ބޭނުންވަނީ އެ މައުލޫމާތު ދޭން،” ފަހުމީ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއްބަޔަކު ގޮވާލަނީ ވޭތުވެދިޔަ މަސްތަކުގައި ނަގާފައިވާ އިތުރު ފައިސާ އަނބުރާ ދިނުމަށެވެ. އަނެއްބަޔަކު ގޮވާލަނީ މި މައްސަލަ މިނިވަން ފަރާތަކުން ތަޙްޤީޤުކުރުމަށެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ލިބޭނެކަމަށް ބެލެވެއެވެ.
ގަބޫލުނުކުރެވޭ ވަރަށް ބިލު ބޮޑުވިކަމަށް ސްޓެލްކޯ އިން އެންމެފަހުން އެއްބަސްވެއްޖެ! މީގެ ކުރިން ބުނަމުން ދިޔައީ ބިލް ބޮޑުވަނީ ކަރަންޓް ބޭނުން ކުރުން އިތުރުވުމުން ކަމަށް! ބިލްތަކަށް އިތުރަށް ނެގި ފައިސާ އަނބުރާ ދޭން ޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ