އެހެންކަމަށްވާއިރު އެކަނިވެރިމައަކަށްވީތީ ވަޒީފާ ނުދޭނަމަ ބޭނުންވާ ފައިސާ ޙަލާލުގޮތުގައި ހޯދޭނެ ގޮތަކީ ކޮބައިތޯއެވެ؟

އަޅުގަނޑަކީ އެކަނި ކުޑްކުޑަ 3 ކުދިން ބަލަމުން އަންނަ މައަކީމެވެ. މިހުރީވެސް ކިޔަވައިގެންނެވެ. މަސައްކަތުގެ ތަޖުރިބާވެސް އެބަހުއްޓެވެ. އެއީ ކައިވެނީގެ ކުރިން 8 އަަހަރު ވަޒީފާއަދާކޮށްފައިވާތީއެވެ. 
ވަޒީފާއެއް ހޯދަން ވަރަށް ގިނަ ތަންތަނަށް ސިޓީލައިފީމެވެ. އިންޓަރވިޔުކުރެއެވެ. އެކަމަކު ވަޒީފާ ލިބޭނެ ގޮތެއް ނުވެއެވެ. އެންމެ ކުޑަމިނުން ވަޒީނުދިން ސަބަބުވެސް ނުބުނެއެވެ. އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ކިތަންމެ ބައެއްގެ ގާތުގައި މިވާހަކަދެއްކިއްޖެއެވެ. އެއްވެސް ފަރާތަކުން އަޅައެއް ނުލިއެވެ. ދައްކާ ވާހަކަތަކުން ހީވަނީ ނަލަހެދިގެން ނުކުމެ ހަށިވިއްކީމާ ފައިސާ ލިބޭނެކަމަށް ބުނާހެންނެވެ. 
އެގޮތަށް އުޅޭ ބައަކުވެސް ތިބެފާނެއެވެ. ނަމަވެސް އެއީ ހަމަޤައިމުވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ. 3 ދަރިންނާއި އަޅުގަނޑު ބަނޑަށް މަރުވިޔަސް އެކަމެއް ނުކުރާނަމެވެ. 
އަޅުގަނޑުގެ ސުވާލަކީ ދަރިންގެ ޚަރަދު ކޯޓުތަކުން ހޯދައިނުދެވޭއިރު ވަޒީފާއެއްވެސް ނުލިބި އަޅުގަނޑުފަދައިން ނިކަމެތި ޙާލުގައި ތިބި އެތައް ސަތޭކަ އަންހެނުން އެބަތިއްބެއެވެ. އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ ފަރާތެއް އުފަންވާކަށް ނުޖެހޭތޯއެވެ؟ 
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށްވެސް ކިޔުންތެރިޔާނެ ތިއަ ހިތްވަރުގަދަ ނިންމުމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމެވެ. ތިއަފަދަ މައްސަލަތައް ގިނަ ބައަކު ފާހަގަކުރެއެވެ. އުންމީދުކުރަނީ ތިއަ ވިދާޅުވިފަދަ އިންތިޒާމެއް ސަރުކާރުގެ ތެރެއިން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. 
ތިރީގައި އެވަނީ ހަމަ ތިއަފާހަގަކުރައްވާ މައްސަލައިގައި ކިޔުންތެރިއަކު ފައުޅުކުރައްވާފައިވާ ޝުޢޫރެކެވެ. 
އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުވަރިކޮށްލާފައި ދިއައީ ދަރިފުޅަށް 6 މަހުގައެވެ. އެހިސާބުން ދެވަނަފަހަރަށް ވަޒީފާއެއް ހޯދަން މަޖުބޫރުވިއެވެ. ވަރަށް ގިނަ ތަންތަނަށް ސިޓީލީމެވެ. އިންޓަރވިޔުއަށް ވެސް ގެންދެއެވެ. ލިބިފައިވާ ފާހާއި މާކްސްމަތިވެފައި ތަޖުރިބާވެސް ހުރުމުން ޝަރުޠުތައް ހަމަވެއެވެ. 
ނަމަވެސް ކުޑަދަރިފުޅަކު ބަލަމުންދާ އެކަނިވެރި މައެއްކަން އެނގޭ ހިސާބުން އިންޓަރވިޔުއިން ފޭލްވެއެވެ. ފޭލްވިކަމަކަށް ނުބުނެއެވެ. ފަހުން ގުޅާލާނެ ކަމަށްބުނެފައި ނުގުޅަނީއެވެ. އަޅުގަނޑު ގުޅީމާ ފޯނުވެސް ނުނަގަނީއެވެ. އެހެންވެ މިހެންމިވަނީ ކީއްވެގެންކަން ޔަޤީންކުރެވޭނެ ގޮތެއް ނުވެއެވެ. 
އެހެންވެ މިކަން މިހާމަކުރަނީ އަޅުގަނޑުގެ އަމިއްލަވިސްނުމުންނެވެ. އަޅުގަނޑު އިންޓަރވިޔުއަށް ދިއަ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ އެކުވެރިންގެ ކިބައިން ލިބުނު މައުލޫމާތުގެ މައްޗަށް ބުރަވެހުރެއެވެ. 
އެކުންފުނިތަކުގައި އަޅުގަނޑުފަދަ އެކަނިވެރި މައިންވެސް މަސައްކަތްކުރެއެވެ. މަސައްކަތް ލުޔެއް ނުކުރެއެވެ. ރޭގަނޑު ދަންވަރުވަންދެން އެމީހުން ލައްވައި މަސައްކަތްވެސް ކުރުވައެވެ. އަސާސީ މުސާރަ ވަރަށް ކުޑައެވެ. ކިރިޔާވެސް ދެކޮޅުޖެއްސެނީ އިތުރުގަޑީގައި މަސައްކަތްކޮށްގެންނެވެ. އެހެންވެ ދަރިން ދޫކޮށްލާފައި ހަމަ އެދަރިންނަށްޓަކައި މަސައްކަތްކުރަން މަޖުބޫރުވާތީ މަސައްކަތްކުރަނީއެވެ. 
އަންހެނުން ވަޒީފާއަދާކުރުމާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދައްކައެވެ. ފަތުވާތައްވެސް ނެރެއެވެ. އަޅުގަނޑުވެސް ކައިވެނިކުރީ ވަޒީފާ އަދާކުރަމުންނެވެ. ބަލިވެއިނުމުން އިސްތިޢުފާދީފައި ގޭގައި ހުރީއެވެ. ދަރިއަކު ލިބުމުން ވަރިކޮށްލާފައި ދިއައީއެވެ. ޚަރަދެއް ނުދެއެވެ. ދަރިފުޅު ބަލަހައްޓަންވެސް ފައިސާ ބޭނުންވެއެވެ. އެކަމުގައި އެހީތެރިވެދޭނެ ފަރާތެއް ނެތެވެ. ޚަރަދުނުދީގެން އެލޭ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. 
އެހެންކަމަށްވާއިރު އެކަނިވެރިމައަކަށްވީތީ ވަޒީފާ ނުދޭނަމަ ބޭނުންވާ ފައިސާ ޙަލާލުގޮތުގައި ހޯދޭނެ ގޮތަކީ ކޮބައިތޯއެވެ؟ މިކަން އަޅުގަނޑަށް މިވަނީ ބޮޑު އަރަތަކަށްވެފައެވެ. މިއަދުނޫސް މެދުވެރިކޮށް ސަމާލުކަމަށް މިގެނައީ ޚިޔުންތެރިންގެ ޚިޔާލުހުރިގޮތެއް ބަލައިލުމަށެވެ.
 
- ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ