ހަނި ތަފާތަކުން ހެނބަދޫ އަތުން މިލަދޫ މޮޅުވެއްޖެ

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ހަނި ތަފާތަކުން ހެނބަދޫ ފުޓްބޯޅަ ޓީމު އަތުން މިލަދޫ މޮޅުވެއްޖެ އެވެ. ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ހެނބަދޫގެ މައްޗަށް މިލަދޫ ކުރި ހޯދީ 1-0 ލަނޑުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މިލަދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު މައުރޫފެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް މެޗުގައި މިލަދުއަށް ލަނޑު ކާމިޔާބުކޮށްދިން މައުރޫފެވެ. ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިލަދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 1-0 ލަނޑުން --- އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ކުޑަފަރީ އެފްސީ އާއި، މަގޫދޫ އެފްޓީ އާއި، އެފްސީ މާފަރާއި، ވެލިދޫ އަދި ލަންދޫ އެފްސީ އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ހޮޅުދޫ އެފްސީ އާއި، ޅޮހި ބޯޅަ ޓީމާއި، ހެނބަދޫ އެފްޓީ އަދި މިލަދޫ އެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ކެނދިކުޅުދޫ އެފްސީ އާއި، ފޮއްދޫ އެފްސީ އާއި، މާޅެންދޫ އެފްޓީ އަދި މަނަދޫ އެފްޓީ އެވެ. ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިލަދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 1-0 ލަނޑުން --- ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީ އެފްސީ އާއި ލަންދޫ އެފްސީ އެވެ. މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ