ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެނެސްދީފި: ނައިބު ރައީސް

ސްޓެލްކޯއިން ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް އިންގިލާބީ ބަދަލު ގެނެސްދީފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ހިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.
އަދި ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އެ ކުންފުނިން ގެނެސްދީފައިވާކަމަށް ވިދާޅުވި އެވެ.
"މިގޮތުން މާލެ ސަރަހައްދާއި، މާލެ ކައިރީ ސަރަހައްދުތަކަށް ބަލާއިރު 34 ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން އަންނަނީ ފުޅާކުރަމުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނާ ހަމަޔަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ނައިބު ރައީސް ވަނީ މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފަ އެވެ.
ފައިސަލް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން އިންޖީނުގެ ތަކާއި އަތޮޅު ތެރޭގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ސްޓެލްކޯއިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް އަދި ސްޓެލްކޯގެ އެމްޑީ ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ ނައިބު ރައީސް ސްޓެލްކޯގެ ކަންކަން ވަރަށް ގާތުން ބައްލަވާ ކަމަށެވެ.
"ނައިބު ރައީސަށް ޝުކުރު ހައްގު. އެމަނިކުފާނު އަޅުގަނޑުމެން ރައްޔިތުންނަށް، ހާއްސަކޮށް ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ދާއިރާތަކާ ގުޅުންހުރި ކަންކަމުގައި އެ ކޮށްދެއްވާ ހިދުމަތާއި އަދި އެ ކަންކަން ވަރަށް ކައިރިން ބައްލަވަމުން ގެންދާ ގެންދިއުމަކީ ހަމަ އަޖައިބެއްފަދަ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާފައި ސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ވަނީ އަރުވާފަ އެވެ. އަދި، ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ