އަންނަ ޖުލައި މަހު ނިމޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމުގެ ވިނަގަނޑު އަޅަން 27 ޓްރަކާއި 12 ގަޑިއިރު ހޭދަކޮށްފި އެވެ.
ޖޫން 11ގައި ފަށާ ވޯލްޑް ކަޕް ފައިނަލް މެޗު ކުޅޭނީ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމުގަ އެވެ. ވޯލްޑް ކަޕް ނިމެންދެން މިތަނަށް ކިޔާނީ ނިއުޔޯކް ނިއުޖާޒީ އެވެ. ޖުމުލް 82000 މީހުންނަށް ކުޅިބަލަން ވަދެވޭ ސްޓޭޑިއަމުގެ ވިނަގަނޑު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހުގެ ހަވީރު ފަހެއް ޖެހި އިރު އެވެ. މަސައްކަތް އެއްކޮށް ނިންމާލެވުނީ އެރާ ދަންވަރު ދޭއް ޖެހި އިރު އެވެ.
ސްޓޭޑިއަމުގެ ސީނިއާ ޕިޗް މެނޭޖަރު ޑޭވިޑް ގްރެހަމް ބުނީ ދަނޑަށް ބޭނުންވާ ވިނަތައް ތައްޔާރުކޮށްގެން ގެނައީ ނޯތު ކެތޮރީނާއިން 27 ޓްރަކްގައި ކަމަށެވެ. އަދި މިއީ 12 ގަޑިއިރގެ ދަތުރެއް ކަމަށެވެ.
"މިތަނުގައި މަސައްކަތް ކުރާ މީހުންނަކީ އެންމެ ފުރަތަމަ ދަނޑަށް ވަންނަ މީހުން. އަދި އެންމެ ފަހުން ދަނޑުން ނުކުންނާނީ ވެސް އެ މީހުން. މިހާރު ވިނަގަނޑު އަޅައި ނިމުނީ. ދެން އެ މީހުން ކޮންމެ ދުވަހަކު ވެސް 10 ގަޑިން ޝިފްޓް ޑިއުރީ ކުރާނެ،" ގްރެހަމް ބުންޏެވެ.
އޭނާ ބުނީ ހުސްވި އަހަރު އެމެރިކާގައި ބޭއްވި ކުލަބު ވޯލްޑް ކަޕުގައި ވިނަގަނޑު ހަލާމުވެ ކުޅެން އުނދަގޫވި ނަމަވެސް އެމެރިކާގައި މި ފަހަރު އެ މައްސަލަ ދިމާނުވާނެ ކަމަށެވެ.
"އޭރު އަހަރުމެންނަށް ނުލިބުނު ދެ ހަފުތާ ވެސް މެޗު ކުޅުމާއި ދަނޑުތައް ތައްޔާރު ކުރުމާ ދެމެދު. އެކަމަކު މި ފަހަރު މި ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން ވިނަގަނޑު އަޅައި ނިންމައި އެބަލިބޭ 38 ދުވަސްވަރު. އެހެންވީމާ އެއީ ހުރިހާ ކަމެއް ބަރާބަރަށް ނިންމައި ވިނަގަނޑުގެ ކޮލިޓީ ރަނގަޅު ކުރުމަށް އެކަށީގެންވާ ވަރަށް ވެސް އިތުރު މުއްދަތެއް،" ގްރެހަމް ބުންޏެވެ.
އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.
ވިނަގަނޑު އަޅަން 27 ޓްރަކާއި 12ގަޑިއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ