ބިޒްނަސް މޯލްޑިވްސްއާ ހިބަޅިދޫ ހަވާލު ކުރަން ކޯޓުން އަންގައިފި

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން މީގެކުރިންވެސް ބ. ހިބަޅިދޫ ހަވާލުކުރި، ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެރަށް އަލުން ހަވާލު ކުރަން ކޯޓުން ދައުލަތަށް އަންގައިފި އެވެ. ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހިބަޅިދޫ ހަވާލުކޮށްފައި ވަނީ 2014 ވަނަ އަހަރު އެގްރިމެންޓެއްގައި ސޮއިކޮށް ޓުއަރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށެވެ. އެ އެގްރިމެންޓް ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށް ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެންގުމުން އެއީ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ކުންފުނީގެ ފަރާތުން ކޯޓުގައި ދައުވާކުރި އެވެ. އެމައްސަލަ ނިންމައި ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 29ގައި ކުރި ހުކުމުގައި ބުނެފައިވަނީ، އެގްރިމެންޓް ބާތިލުކޮށްފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން 30 ދުވަހުގެ ތެރޭގައި ބިޒްނާސް މޯލްޑިވްސްއާ ހިބަޅިދޫ ހަވާލުކުރަން ދައުލަތަށް އަންގައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަަށް ހިބަޅިދޫ ގެންދިޔައީ އެރަށުން ގިނަ އަދަދެއްގެ ހަތިޔާރު ފެނުމާ ގުޅިގެންނެވެ. އެއްބަސް ވުން ބާތިލުކުރީވެސް އޭގެ ފަހުންނެވެ. ހިބަޅިދޫއިން ހަތިޔާރުތަކެއް ފެނުނު މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ ހިއްސާ މީގެ ކުރިން އެކުންފުނީގައި އޮތް ނަމަވެސް މިހާރު އެ ހިއްސާ ވަނީ ބަދަލުކޮށްފައެވެ. މޮހޯއަށް އެކުންފުނީގެ ހިއްސާ ދީފައިވަނީ ކުންފުނިން އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ ފައިސާގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އެ މުއާމަލާތް ބާތިލުކޮށްފައެވެ. އަދި މޮހޯއަށް ދީފައިވާ ހިއްސާ އެކުންފުނީގެ އަނެއް ހިއްސާދާރު މުހައްމަދު ރިޔާޒް މ. ބޯއްޑޫގެ ނަމަށް ބަދަލުކުރުމަށް ސިވިލް ކޯޓުން ވަނީ މިދިއަ އަހަރުގެ މޭ މަހުގެ ތެރޭގައި ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ