އައިވީއެފް އެހީއަށް 135 ދެމަަފިރިން އެދުނު، ޝަރުތު ހަމަވީ 39 މީހުން
އައިވީއެފްގެ ފަރުވާ އަމިއްލައަށް ކުރުމަށް ދަތިވެ، ދައުލަތުގެ އެހީއަށް އެދުނު 135 ދެމަފިރިންގެ ތެރެއިން 39 ދެމަފިރިންގެ ޝަރުތު ހަމަވެފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އިއްޔެ ބުނެފިއެވެ. އެ ފަރުވާ ކުރުމަށް ދައުލަތުގެ "ފާޓިލިޓީ ކެއާ ފަންޑު"ގެ އެހީއަށް އެދުމަށް ހުޅުވާލީ، މިދިޔަ ނޮވެންބަރު 20ގައެވެ. އެ މުއްދަތު ހަމަވީ، ނިމުނު ޑިސެމްބަރު 20 އަށެވެ. އޭގެ ފަހުން އިއްޔެ އެންސްޕާއިން ބުނީ، އެ މުއްދަތުގެ ނިޔަލަށް 135 ދެމަފިރިން ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު، އުސޫލުގެ ތެރެއިން ޝަރުތު ހަމަވީ، 39 ފަރާތަކަށް ނުވަތަ ދެމަފިރިންނަށް ކަމަށް ބުނެ، އެ މީހުންގެ ވަގުތީ ލިސްޓު އެންސްޕާއިން ވަނީ އާންމުކޮށްފައެވެ. https://sun.mv/214091 ޝަރުތު ހަމަވި މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ލިސްޓުގައި ވަނީ އެހީއަށް ހުށަހެޅި މީހުން ޝަރުތު ހަމަނުވި ސަބަބު ކިޔައިދީފައެވެ. އަދި، ވަގުތީ ލިސްޓަށް އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެންސްޕާއިން ވަނީ ދީފައެވެ. އެ އެޖެންސީން ބުނި ގޮތުގައި، ހުށަހަޅާ ޝަކުވާތައް ރިއާޔަތްކޮށް، ބަދަލެއް ގެންނަން ޖެހޭނަމަ، އައިވީއެފްގެ ޚިދުމަތަށް އެހީ ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރާނީ އަންނަ މަހު އެކެއްގައެވެ. މާލީ ފުދުންތެރިކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމުގެ އިންތިޒާމު ފަހިކޮށްދިނީ 2024ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެ ގޮތުން، ސަރުކާރުގެ ޚަރަދުގައި އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ކަނޑައަޅައިދިނެވެ. އެންސްޕާއިން ނޮވެންބަރުގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފާޓިލިޓީ ކެއާ ފަންޑު މެދުވެރިކޮށް މި ދެ އަހަރުގެ ތެރޭގައި 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިވެދީފައިވެއެވެ. އޭގެ ތެރެއިން ފަރުވާ ކާމިޔާބުކޮށްފައިވަނީ 23 މީހުންނެވެ. https://sun.mv/208461 ސަތޭކަ މީހުންގެ ތެރެއިން މިހާތަނަށް 93 މީހުންނަށް ފަރުވާ ދެވިފައިވާއިރު، އެކި ސަބަބުތަކާ ގުޅިގެން ޕްރޮގްރާމަށް ޝަރުތު ހަމަވީ ބައެއް ދެމަފިރިން ފަރުވާ ފަށާފައިނުވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އޭރު ވިދާޅުވިއެވެ. މި ވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ. ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، ބޮޑެތި ޚަރަދުތައް ކޮށްގެން އައިވީއެފްގެ ފަރުވާ އާންމުކޮށް ހޯދަނީ ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ