ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހުޅުވާލައިފިއެވެ. އެއީ، ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް، ހިތްވަރުދޭން ޑަބްލިއުއެޗްއޯއިން ދޭ އެވޯޑެކެވެ. އެ އިނާމަށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރާ ފަރުދުންނާއި، ޖަމިއްޔާތަކާއި އިދާރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހު 16 ވަނަ ދުވަހެވެ. އެހެންވެ، އޭގެ ކުރިން ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައިވާ ފޯމު ފުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ އެދިފައެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ މަހުގެ 31 ވަނަ ދުވަހެވެ. މި އަހަރުގެ އެ ދުވަހުގެ ޝިއާރަކީ "އަން މާސްކިން ދަ އެޕީލް: ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން"އެވެ. https://x.com/HPA_MV/status/2008756160053272843 އެވޯޑާ ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެޗްޕީއޭގެ އީމެއިލް ([email protected])އަށް ފޮނުވަން ވަނީ އެދިފައެވެ. https://sun.mv/214013 ރާއްޖެއިން ވެސް މިދިޔަ އަހަރުގެ ތެރޭގައި ދުންފަތާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން، ވޭޕާއި އީ ސިނގިރޭޓުގެ ބާވަތްތައް ރާއްޖޭގައި އެއްކޮށް މަނާކޮށްފައިވާއިރު، 2009 ވަނަ އަހަރުން ފެށިގެން އުފަންވި ޖީލަށް ސިނގިރޭޓާއި ދުންފަތް ވެސް ވަނީ އެއްކޮށް މަނާކޮށްފައެވެ. އެ ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން ވަނީ ތައުރީފުކޮށްފައެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ވަނީ ސަރުކާރުން ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އެހެންވެ، ކުރިން 110 ރުފިޔާއާ ހަމައިގައި ހުރި ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއާ ހަމައަށް އުފުލިފައެވެ. އެކަމަކު، ވަގަށް އެތެރެކޮށްގެން ސިނގިރޭޓު ވިއްކާ ކަމުގެ ޝަކުވާ ވެސް މިހާރު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ