އަބްދުﷲ ހަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ.
އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށް ފަހު ބޭއްވި ކަށު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އިމާމްވެ ނަމާދު ކޮށްދެއްވީ، ކުރީގެ ރައީސް އަދި އަބްދުﷲ ހަމީދުގެ ކޮއްކޯފުޅު މައުމޫން އަބްދުލްގައްޔޫމް އެވެ. އަދި އެއަށް ފަހު ސިފައިންގ އެދުމުގެ މަތިން ހަށިކޮޅު އާ ސަހަރާއަށް ގެނެސް، 21 ބަޑީގެ ސަލާމެއް އެރުވުމަށް ފަހު، އިއްޒަތުގައި ވަނީ ފަސްދާނުލައިފަ އެވެ. އެ ޖަނާޒާގައި ރައީސް ޔާމީން އާއި ނައިބު ރައީސް އަދި ދައުލަތުގެ އެހެން އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
އަބްދުﷲ ހަމީދަކީ މައުމޫން އަބްދުލް ގައްޔޫމުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ އެކެވެ.
މައުމޫނުގެ ވެރިކަމުގައި އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރު ކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދި މަޖިލީހުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވައިފަ އެވެ. މައުމޫނުގެ ޒަމާންވީ ވެރިކަމަށް ފަހު ސްރީލަންކާގައި ދިރިއުޅުއްވި ނަމަވެސް 2013 ވަނަ އަހަރު ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރެއްވި އެވެ.
ކުއްލިގޮތަށް އިއްޔެ އަވަހާރަވީ ގިނަ ދުވަހު ބެލިވެއުޅުއްވުމަށް ފަހު އިތުރު ފަރުވާޔަށް ބެންގަލޫރަށް ވަޑައިގެން އުޅުއްވަނިކޮށް ހިތްހުއްޓިގެންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ. އަވަހާރަވީ އިރު، ހަތަރު އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު އަދި ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ