ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލެ ފަޅު ތެރޭ އަޅާފައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކަމުންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ޑިސެމްބަރު 31، 2025 ގައި ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރީ ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ސަފާރީއެއް ކަމަށެވެ.
އެ ސަފާރީން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ސަފާރީން ހައްޔަރުކުރީ ފަސް ފިރިހެނުންނެވެ. އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ސްރީ ލަންކާގެ ދެ މީހުން އަދި ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެކެވެ.
އެ މީހުންގެ ވަނަވަރު ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ. އެ މީހުންނަކީ ހ. ބިންމަތީއާގެ، މާލެ، މުހައްމަދު މަނިކު، 52، އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ، 34، ރަސެލް މިއާ، ބަންގްލަދޭޝް، 35، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ، 27، އާއި ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ، 35، އެވެ.
މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރު ހޮސައިން އާއި ރަސެލް މިއާގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް ތިން ދުވަސް ވަނީ ޖަހާފަ އެވެ.
ހުޅުމާލެ ފަޅު ތެރޭ އަޅާފައި ހުންނަ ސަފާރީތަކުން ބަނގުރާ ވިއްކާ ވާހަކަ އަކީ އަބަދު ވެސް ދެކެވޭ ވާހަކަ އެކެވެ. އެ އުޅަނދުތަކުން ހުޅުމާލެއަށް ބަނގުރާ ބާލަނިކޮށް މީގެ ކުރިން މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ.
މި އޮޕަރޭޝަނަކީ އައު އަހަރު ފުރުން ފާހަގަކުރުމާއި ގުޅުވާ ފުލުހުން ކޮންމެ އަހަރަކު ހިންގާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ