ރާއްޖޭގެ ''ބެސްޓް ފިކްސްޑް ނެޓްވޯކް'' އެވޯޑު އުރީދޫ ސުޕަނެޓްއަށް
ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ އެވޯޑު، އުރީދޫ ސުޕާނެޓަށް ދީފިއެވެ. ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޯކްލާއިން ދޭ "އޯކްލާ ސްޕީޑް ޓެސްޓް އެވޯޑް" އުރީދޫއަށް ދީފައިވަނީ 2025 ވަނަ އަހަރު، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށެވެ. މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އޯކްލާއިން ދޭ އެވޯޑަކީ އިންޓަނެޓް ސްޕީޑް ދިރާސާ ކުރުމަށް ފަހު ދޭ އެވޯޑެކެވެ. އެގޮތުން މި އެވޯޑްތަކުގައި ބޭނުންކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯއެކެވެ. އުރީދޫއިން ބުނީ މިއީ އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުންދާ މަސައްކަތާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ އެވޯޑެއް ކަމަށެވެ. މި އެވޯޑާ ގުޅިގެން އުރީދޫގެ އެމްޑީ އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ އެ އެވޯޑް ލިބުމަކީ އުރީދޫއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަޅުގަނޑުމެންގެ ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި، މުޖުތަމައުތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށް. އަދި މާދަމާގެ ޑިޖިޓަލް މުސްތަގުބަލަށް ރާއްޖެ ތައްޔާރުކޮށް، ކޮންމެ ދިވެހި ރައްޔިތަކު މިއަދު ގުޅުވާލެވޭ ހަލުވި، އިތުބާރު ހިފޭ ކަނެކްޓިވިޓީއެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެން ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިކުރަމުން ދާއިރު، އިގްތިސާދީ ކުރިއެރުމަށާއި، ތައުލީމީ ދާއިރާއަށާއި، ފަތުރުވެރިކަމާއި، ފިންޓެކް އަދި އާންމު ދިރިއުޅުމަށް އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ޚިދުމަތެކެވެ. އުރީދޫން ދަނީ ޒަމާނީ ފައިބާ ނެޓްވޯކްތަކާއި، ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި، ކަސްޓަމާ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންނެވެ. އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ޚިދުމަތްތަކުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި، އުނގެނުމާއި، ސްޓްރީމް ކުރުމާއި، ގުޅުވާލުމުގެ ފުރުސަތު ފަހިވާނެއެވެ. މިއީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސްގެ ތަޞައްވުރު ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ