އިތުރު ފީއެއް ނުނަގައި، ''އަވަސް''އިން ޒަކާތް ދެއްކޭ ގޮތް ހަދަނީ
އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ހެދުމަށް، އެ ކުންފުންޏާއި މޯލްޑިވްސް ޒަކާތު ހައުސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރު ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޔާނިއު ރަމީޒެވެ. ޒަކާތު ހައުސްއިން ބުނީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ މީހުންނަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މި އަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފަށާނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. ފިތުރު ޒަކާތް ބަލައިގަންނަނީ: ޒަކާތް ދެއްކުން ލުއިފަސޭހަ ކުރުމަށް، އެ ޚިދުމަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް ޒަކާތު ހައުސްއިން އަންނަނީ ކުރަމުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެ އިދާރާއިން ވަނީ، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް ބުނެފައެވެ. އަދި އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުކުރުމުގައިވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބުންޏެވެ. "އެކަމުގެ މަގުސަދަކީ ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރުކުރުމެވެ." ޒަކާތު ހައުސްއިން ބުނެފައިވެއެވެ. އެ އިދާރާއިން ބުނީ މިއީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ އަމާޒެއް ކަމަށް އެ އިދާރާއިން ބުންޏެވެ. ޒަކާތު ހައުސްއިން ބުނީ، އަވަސް އެންޓަޕްރައިސަސްއާއެކު ހެދި އެއްބަސްވުމަކީ ޝަރުޢީ ހަމަތަކުގެ މަތިންނާއި އާންމުންގެ އިތުބާރު ދަމަހައްޓަމުން، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ވެސް ބައެއް ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައި ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ