ނާވައިދޫގެ 90 އަހަރުވީ ސީދީބޭ ވަޅު ހިމާޔަތްކުރަން ނިކަގަހެއް ނަގަނިކޮށް ވަޅު ހަލާކުވެއްޖެ

ހދ. ނާވައިދޫގައި އާސާރީ ބިނާއެއްގެ ގޮތުގައި ހުރި ސީދީބޭ ވަޅު ހިމާޔަތްކުރުމަށް އެ ވަޅު ކައިރި ހުރި ގިނަ ދުވަސްވީ ނިކަގަހެއް ނަގަން އުޅުމުގެ ތެރޭގައި ގަސް ވެއްޓި، ވަޅުގެ ބައެއް ވެސް ހަލާކުވެއްޖެއެވެ. އެ ރަށުގެ ވަރަށް ގިނަ ރައްޔިތުން މިހާރު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެއް ކަމަކީ ސީދީބޭ ވަޅުގެ ބައެއް ވެސް ހަލާކުވެފައި ހުރުމެވެ. އެގޮތުން "ސަން"އާ އެ ރަށުން ވާހަކަ ދެއްކި އާންމު ރައްޔިތަކު ބުނި ގޮތުގައި އެ ރަށުގައި ހުރި 90 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީޚީ ބިނާއެއް ކަމަށްވާ ސީދީބެ ވަޅާއި އެތަނުގައި ހުރި ބޮޑު ނިކަގަސް، ކައުންސިލުން ވަނީ ނައްތައިލައިފައެވެ. އެ މީހާ ބުނި ގޮތުގައި މިއީ ރަށުގެ ސަގާފީ އައިޑެންޓިޓީއަށާއި ތަރިކައަށް ލިބުނު އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެކެވެ. އަދި މި މައްސަލަ ވަގުތުން ތަހުގީގުކޮށްދިނުމަށާއި، ގާނޫނީ ގޮތުން ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ހުށަހަޅައިފައިވާ ކަމަށް އޭނާ ބުންޏެވެ. ސީދީބޭ ވަޅު ކައިރީ ހުރި ނިކަގަސް ނެގުމުގެ ތެރެއިން -- މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ގެވަޅުތަކަށް އަރާތީއާއި، އެ ވަޅު ހިމާޔަތްކުރުމަށް ކައުންސިލުގައި ދެ ގަހެއް ނަގަން މީގެ ކުރިން މަޝްވަރާ ކުރެވެމުން ދިޔަ ކަމަށެވެ. އަދި މިހާރު އެ ރަށުގައި އެމްޓީސީސީގެ އެކްސްކެވޭޓަރެއް އޮތުމާއެކު ނަގަންޖެހޭ ގަހެއް އޮތްތޯ އެހުމުން ނަގަން އޮތީ ވަޅު ކައިރި ހުރި ބިޔަ ނިކަގަސް ހިމެނޭހެން ދެ ގަސް ކަމަށް ފާހަގަކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދެން ފެނުނީ ކައުންސިލުގައި އިތުރު ހުއްދައެއް ހޯދުމެއް ނެތި ވަޅު ކައިރި ހުރި ނިކަގަސް ވައްޓައިލައިފައި އޮތްތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ގަސް ވެއްޓުނީ ވަޅާ ދިމާއަށް ކަމަށްވުމުން ވަޅުގެ ބައެއް ވެސް ހަލާކުވެފައިވާ ތަން ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ރަޝީދު ވިދާޅުވީ ކައުންސިލުގެ ޕްލޭންގައި އޮތީ، ވަޅު ހިމާޔަތްކުރަން ނިކަގަސް ނަގައި، އެ ސަރަހައްދުގައި ސްކޭޓްޕާކެއް ހިމެނޭހެން ތަރައްގީކޮށް، ވަޅު ވަށައި ޗެންޗޭނު ޖަހަން ކަމަށެވެ. ނަމަވެސް ކައުންސިލުގެ އެއްވެސް ބޭފުޅަކަށް އެނގުމެއް ނެތި އެ ކަން ކުރުމުގެ ތެރޭ ގަސް ވެސް ވެއްޓި، ވަޅު ވެސް ހަލާކުވީ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގަސްތުގައި ކުރި ކަމެއް ނޫން ނަމަވެސް، އެއީ ބަލަންޖެހޭ ވަރަށް ނުބަލާ ހުއްދަ ނެތި ކުރުމުން ހިނގި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ. "އަޅުގަނޑަށް ފެނުނީ ގަސް ނަގައިފައި އުކައިލިފަހުން. ފަހުން ބަލައިލި އިރު ވަޅު ވެސް އޮތީ ހަލާކުވެފައި. އެކަމު އެ ތަން މަރާމާތުކޮށް، ހިމާޔަތްކުރާނެ. އައިބެއް ހުންނާނެ އެކަމު ވެސް،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ކަން އެމްޓީސީސީގެ އިސް ވެރިންނާ ވެސް ހިއްސާކުރައްވައިފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އާސާރީ، ގިނަ ދުވަސްވީ ބިނާތައް ހުރިއިރު އެ ތަންތަން ހިމާޔަތްކުރަން ސަރުކާރު ފެންވަރުގައި ކުރެވޭ މަސައްކަތަށްވުރެ ކައުންސިލްތަކުން ރަށު ފެންވަރުގައި މަސައްކަތް ކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ރަށު ފަތުުރުވެރިކަން ފުޅާވަމުން އަންނައިރު ބައެއް ރަށްރަށުގައި އެ ފަދަ ތަންތަނުން އާމްދަނީ ވެސް އަންނަނީ ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ