ތުހުމަތު
﷽ އެންމެ އަލިފާން ކަންޏެކެވެ. ދިޔައީ އެތައް ބައެއްގެ ފުރާނައެވެ. ދިރިއުޅުމަށް ބަޔަކު ކުރި މިންނެތް މަސައްކަތް ހިނދުކޮޅެއްގެ ތެރޭގައި އަނދައި، އަޅިއަށް ވީއެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވުނީ، އަހަންނަށެވެ. "އެގޭ ކައިރިން ރޭގަ ހީވިއޭ އޭނަ ފެނުނުހެން..." "އަފްޒާމްގެ ކިބައިން ބަދަލުހިފަން އޭނަ ގަސްދުގަ ކުރި ކަމަކަށް ވާނީ..." އަހަންނަކީ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކީމެވެ. ގަސްތުގައި ބަޔަކު މަރާލުމުގެ ތުހުމަތު އަހަރެންގެ ބޮލުގައި އެޅުނީ، ނުވެސް އެނގި ހުއްޓައެވެ. ކުއްލިއަކަށް ދިރިއުޅުމަށް އައި އެ އިންގިލާބުން އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާނެކަން ކަށަވަރެވެ. އެއްވެފައިވާ މީހުންތަކުގެ ތެރޭގައި ހުރިއިރު، އަހަރެންގެ ހިތް ޒަހަމުވަމުން ދިޔައެވެ. އިވެމުންދިޔަ ތުހުމަތުގެ ޖުމުލަތައް ހިތަށް ހެރެމުން ދިޔައީ، ރުވާފައި ދޫކޮށްލި ވިހަ ތީރުތަކެއް ފަދައިންނެވެ. ރޯވެ، އަނދައިގެން ދިޔައީ، އަފްޒާމް ދިރިއުޅެމުން ދިޔަ ގެއެވެ. އަފްޒާމާއިއެކު އޭނާގެ މުޅި އާއިލާވެސް ދުނިޔެ ދޫކުރީ އަހަރެން ރޯކުރި ކަމަށް ބުނާ އަލިފާނުގެ ޝިކާރައަށް ވެއެވެ. އެއީ ކައިވެންޏެއް ކުރުމަށް އޭނާ ތައްޔާރުވަމުންދިޔަ ދަނޑިވަޅެކެވެ. އަފްޒާމަކީ އަހަރެންގެ ކުރީގެ ލޯބިވެރިޔާއެވެ. އެހެނަސް، އެގުޅުމުގައި ކުލަ ނުޖެހި ދެމީހުން ވަކިވާންޖެހުނީ، އާއިލީގޮތުން ކުރިމަތިކުރުވި ފިއްތުންތަކެއްގެ ސަބަބުންނެވެ. އެންމެންނަށް ފެނުނީ، އަފްޒާމް ވަކިވުމުގެ ހިތާމައިގައި، އެހެން މީހަކާއި ކައިވެނި ނުކުރާން، އަހަރެން ހުރި ތަނެވެ. މައްސަލައަކީ އެއީއެވެ. ތުހުމަތުގެ އިނގިލި ދިއްކޮށްލީ، ހީވާ ހީވުމަކަށް ގޮތް ނިންމައިގެންނެވެ. ތުންތުންމަތިން ދެކެވެމުންދިޔަ ވާހަކަތައް މުޅި ރަށަށް ފެތުރިގެން ދިޔައީ، ވައިރޯޅިއަކަށްވުރެ ބާރަށެވެ. ހެއްކެއް ބޭނުމެއް ނުވިއެވެ. އެމީހަކަށް ހީވާ ގޮތަކަށް، އަހަރެންގެ ބޮލުގައި ތުހުމަތު އަޅުވަމުން ދިޔައެވެ. އަހަރެންގެ ބަސް އެކަކަށްވެސް މުހިއްމުނުވީ ކީއްވެ ހެއްޔެވެ؟ ދިރޭ ކުޑަ ސޫތްޕަކަށް ގެއްލުމެއް ދޭން ނުކެރޭއިރު، ދިރިހުރި އިންސާނަކަށް ގެއްލުމެއް ދޭން އަހަންނަށް ނުކެރޭނެކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އަހަރެންގެ އާއިލާގެ މީހުންނެވެ. އެކަމަކު، އެހެން މީހުންނެކޭ އެއްގޮތަށް އަހަރެންގެ އާއިލާވެސް އަހަންނާއި ދުރުވީއެވެ. ތުންތުންމަތިން ދެކެވުނު ވާހަކަ ގަބޫލުކުރީއެވެ. މުޅި ދުނިޔެ އަހަންނާއި ދެކޮޅުވިޔަސް، އަހަންނަށް ކެތް ކުރެވިދާނެއެވެ. އެކަމަކު، އަމިއްލަ އާއިލާގެ ދުރުކަން ބަރުދާސްތު ކުރެވޭނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ގޭތެރެއިން އަހަންނާ ބައްދަލުކުރީ، ފަޅުކަމެވެ. މައެއްގެ ގާތްކަން އެންމެ ބޭނުންވި ދުވަހު، އެ ގާތްކަމެއް ނުލިބުނެވެ. މަންމަ ހުންނަނީ އަހަންނާއި ހަތަރުކަޅި ހަމަކުރަން ބިރުންނެވެ. އެހެން މީހުންގެ ހީ ތެދަކަށް ވެދާނެތީއެވެ. އަހަންނަށް އެކަން އިހުސާސްވެއެވެ. އަހަންނަށް އިތުބާރުކުރާ ހަމަ އެކަކުވެސް އާއިލާ ތެރޭގައި ނެތީއެވެ. ގޭތެރެއިން އަހަރެން ފެނިއްޖެނަމަ، އެންމެންވެސް އަހަންނާއި ދުރަށް ދެއެވެ. ކޮޓަރިއަށް ވަދެ ފިލައެވެ. އުމުރުން ފަންސަވީސް އަހަރު ވަންދެން އާއިލާއަށް ވެދިން ގުރުބާނީގެ އަގު އަހަންނަށް ލިބުނީ ހިތި ގޮތަކަށެވެ. މަޑުމަޑުން މީހުންނާއި އެކަހެރިވެވެން ފެށުނެވެ. ގިނަ ވަގުތު ހޭދަކުރެވެން ފެށީ ކޮޓަރީގެ ހަތަރު ފަރާތުން އެތެރޭގައެވެ. ރޮމުން ގިސްލަމުން ޝަކުވާ ކުރެވުނީ ވަށައިގެން ފެންނަމުންދިޔަ ހަތަރު ފާރަށެވެ. އިންސާނުންނަށްވުރެ އެ ފާރުތައްވެސް އަހަންނަށް ވަފާތެރިއެވެ. އަހަރެންގެ ހިތާމައިގައި ބައިވެރިވެއެވެ. އަހަންނަށް ރަނގަޅަށް ނުނިދެއެވެ. ނުކެވެއެވެ. ކާއެއްޗެއް ހަފައިލާނެ ވަރުވެސް އަހަރެންގެ ގައިގައި ނުހުންނަނީއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މީހާ ހިކި، އަނަރޫފަވިއެވެ. ހާލު ބަލައިލާނެ މީހަކު ނުވިއެވެ. "އަހަރެމެންގެ ތަހުގީގު ނިމިއްޖެ... އަލިފާން ރޯވީ، ގަސްދުގައި މީހަކު ކުރި ކަމަކުން ނޫންކަން ސާބިތުވާ ވަރަށް ހެކި އެބަހުރި... އަހަރެމެން ބުރަވާނީ، ބަޔަކު ބުނާ އެއްޗަކަށްވުރެ ބޮޑަށް ފެންނަން ހުންނަ ހެއްކަށް... ހިނގައި ދިޔައީ ނުރައްކާތެރި އެކްސިޑެންޓެއް... އަފްޒާމްގެ ލޯބިވެރިޔާގެ ހެކިބަހުންވެސް އެކަން ސާފު... ކައިވެންޏަށް ގޭގަ ކަރަންޓް ވައިރިންގެ މަސައްކަތެއް އެރޭ އަޒްފާމް ކުރިކަމަށް އޭނާ އެބަ ބުނޭ... އެކަން ކުރީ، އަފްޒާމް އަމިއްލައަށް، އެއްވެސް ތަޖުރިބާއެއް ނެތި... އެންމެ ފުރަތަމަ ދުވަހުވެސް ސީން ފެނިފަ އަހަންނަށް އެނގުނު، މީ އެކްސިޑެންޓެއްކަން... އެކަމަކު، އަހަރެމެންނަކީ ހީއަށް ބިނާކޮށް ވާހަކަ ދައްކާނެ ބައެއް ނޫން... އަހަރެމެން ސާބިތު ކުރާނީ ތަހުގީގުން..." އިޔާން ވާހަކަ ދެއްކީ އެހެން މީހަކު ވާހަކަ ނުދައްކާހައި، ގާތްކޮށެވެ. އޭނާގެ ޖުމުލަތައް އަހަރެންގެ މަރުވަމުންދިޔަ ހިތަށް ދިރުން ގެނެސްދިނެވެ. އިޔާނަކީ، މައްސަލަ ތަހުގީގު ކުރުމަށް އައިސް ހުރި ފުލުހެކެވެ. އަހަރެން ދަންނަ މީހެއް ނޫނެވެ. އޭނާ އަދާކުރީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތެވެ. އެހެނަސް، އިޔާންގެ ޖުމުލަތަކުން، ގާތް އެކުވެރިއެއްގެ ފުށުން ނުލިބޭވަރުގެ އުފާވެރިކަމެއް ލިބުނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް އިތުބާރުކުރީ، އަހަރެން ނުވެސް ދަންނަ މީހެކެވެ. އަހަރެން ދަންނަ، އަމިއްލަ އާއިލާ އާއި އެކުވެރިން އެފަދައިން ނުވިސްނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފަނޑުވެގެން ދިޔަ ތަން ބަލަން އިޔާން އިނެވެ. އެމޫނުން ފެންނަމުންދިޔައީ، ހަމްދަރުދީއެވެ. "ދިރިއުޅުމުގައި ދިމާވާނީ އެކި ކަހަލަ ހާލަތްތައް... އަޕް އެންޑް ޑައުންސް... އަބަދު އެންމެންގެ ލޯތްބާއި އިހުތިރާމެއްވެސް ނުލިބޭނެ... ލިބޭނެކަމަށް ވިސްނައިގެންވެސް ނުވާނެ... ދިރިއުޅުމައިގެން ކުރިއަށް ދެވޭނީ އަމިއްލައަށް ވަރަށް ހިތްވަރުކޮށްގެން... ނަމާދުކޮށް، ދުއާކޮށްގެން... އެކަންކަން ދޫކޮށްލައިފިއްޔާ، މީހާ ހަލާކުވެގެން ހިނގައިދާނެ... ދިރިއުޅުމަކީ އިމްތިހާނެއް... އެ އިމްތިހާނުން ފާސްވާންވާނެ..." އިޔާންގެ ނަސޭހަތުގެ ބަސްތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އިޔާން ދެއްކީ ރަނގަޅު ވާހަކައެވެ. ކުރެވުނު އެންމެ ތުހުމަތަކުން އަހަންނަށް ހަގީގީ ދިރިއުޅުމުގެ އިމްތިހާނަކާއި ކުރިމަތިލާން ޖެހުނީއެވެ. އެ ތުހުމަތުން ސަލާމަތްވާން މަސައްކަތް ކުރުމުގެ ބަދަލުގައި އަހަރެން މަސައްކަތްކުރީ ފިލާށެވެ. އެހެން މީހުންގެ ނަޒަރުން އެއްކިބާވާށެވެ. އަޅުކަމާއި ދުރުވެވުނީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އަހަންނަށް ވިސްނުނީތީ އުފާވިއެވެ. އެކަމަކު، އަހަރެން ފަދައިން އެންމެންނަށް ތުހުމަތުން މިންޖު ވެވިދާނެ ހެއްޔެވެ؟ ވިސްނަންވީ އެންމެންގެ ދިރިއުޅުމަށް އެކަހަލަ އިޔާނެއް ނާންނާނޭކަމެވެ. މައްސަލައިގެ ތަހުގީގީ ރިޕޯޓް އާއްމު ކުރެވުނެވެ. އަހަރެންގެ ކުށެއް ނެތްކަން މުޅި ދުނިޔެއަށް ހާމަވިއެވެ. އަހަރެން ގިސްލާ ރުއީ އުފަލުންނެވެ. އަހަންނާއި އެކުގައި ހިތްދަތި ދުވަސްތައް ހޭދަކުރި ހަތަރު ފާރުގެ އެތެރޭގައި ހުރެގެންނެވެ. "މިހާރު ތިހުރީ ހުރިހާ ތުހުމަތަކުން މިނިވަންވެފަ... ދެން އިރާދަކުރެއްވިއްޔާ އޮތީ އުފާވެރި ދުވަސްތަކެއް...." އިޔާން ހިނިތުންވެލިއެވެ. ކުރެވުނު ތުހުމަތުން މިނިވަންވިޔަސް، އަހަރެންގެ ހިތުގައި ލެވުނު ލައްގަނޑު ފިލައިގެނެއް ނުދިޔައެވެ. މީހުންނާއި ކުރިމަތިލާން އުނދަގޫވިއެވެ. ކަންކަން ކުރަން ފަސްޖެހެވެން ފެށިއެވެ. އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. އެކަނިވެރިކަމަށް އާދަވެއްޖެއެވެ. އަހަރެންގެ ނިކަމެތިކަން ފެނި، އެންމެން ހަމްދަރުދީވާންފެށީ، އަހަރެންގެ ކުށެއްނެތްކަން ސާބިތުވުމަށްފަހުގައެވެ. އޭގެ ކުރިން އަހަންނަކީ ނެތް މީހެކެވެ. ކުށްވެރިއެކެވެ. އެހެން މީހުންނަށް ހުރި ލަދެކެވެ. ހާލު ބަލައިލާނެ މީހަކު ނުވިއެވެ. ނުހަނު ފަސޭހައިން މީހަކަށް ތުހުމަތެއްކޮށް، ބަދުނާމު ކުރެވިދާނެއެވެ. އެކަމަކު، އެ ތުހުމަތުން އަރައިގަނެ، ބަދުނާމުން، މިންޖުވާން އެތައް ދުވަހެއް ހޭދަވެގެން ދެއެވެ. މީހަކަށް ތުހުމަތެއްކޮށް، ބާކީކޮށްލުމުގެ ކުރިން، ކަމުގެ ހަގީގަތް ހޯދުން މުހިންމެވެ. -ނިމުނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ