ރިޔާސީ ބަޔާން 2026

بسـم اللَّه الرّحـمٰـن الـرّحيـم
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
السّـلام عليــكم ورحـمــة اللّـه وبـركاتـه.
އިސްލާމީ ހިދާޔަތުގެ މަތިވެރި އަލީގާ. ދިވެހި ޤައުމިއްޔަތުގެ ފަޚްރުވެރި ހިޔަލުގާ. ދިވެހި ރީތި އާދަކާދަތަކާއި މޫރިތި ސަގާފަތާއި ތަރިކައިގެ އަގުހުރި ތަހުޒީބުގާ. ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގެ ގަދަ ޢަޒުމުގާ. ދުރާ ގާތުގެ ޤައުމުތަކާއި ދައުލަތްތަކާ އެކު ބާއްވާ ދެ ފަރާތަށް ލާބަޔާއި މަންފާހުރި އެކުވެރި ރަޙްމަތްތެރިކަމުގެ ބަދަހި ގުޅުމުގާ. ދެމެހެއްޓެނިވި ޒަމާނީ ޢިލްމީ ކުރިއެރުންތަކާއެކު ދުރު ރާސްތާއަށް ދިވެހި ޤައުމު ބިނާކުރުމުގާ. ހަމަޖެހުން، ތަރައްޤީ، ރައްކާތެރިކަން ކަށަވަރުކުރުމުގާ. ރެޔާ ދުވާލު ދިވެހި ލޮބުވެތި ރައްޔިތުންގެ އުފާވެރިކަމަށް ޓަކާ މިނެއް ނެތް ހިންމަތާއި މިންނަތްކޮށް، ޚިދުމަތްކުރުންމަތީ ދެމިހުރުމުގައި މި ސަރުކާރުގެ ސާފު ސިޔާސަތާއެކު ދިވެހިރާއްޖޭގެ އައުދާނަ ރައްޔިތުންގެ މަޖިލީހުގައި ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި އަޅުގަނޑު މި ހުއްޓުނީ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ޤައުމުގެ ޙާލަތު ބަޔާންކުރުމުގެ ބޭނުމުގާ. އަދި މި ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން ކުރިޔަށް އޮތް އަހަރު ކުރަން ރާވާފައިވާ ކަންކަން ބަޔާންކުރުމުގެ ބޭނުމުގާ. މިގޮތުން މި ބަޔާން ކުރި ސިޔާސަތުގެ ދަށުން، ފާއިތުވި އަހަރު ޤައުމުގެ އެތައްކަމެއް އިސްލާޙުކޮށް، ތަރައްޤީ ކޮށް، ކުރިއަރުވައި ނަތީޖާ ޙާސިލްކުރެވުނު. އަދި، އިސްވެ ދެންނެވުނު ސިޔާސަތުގެ ތަރަހައިގެ މަތީގައި، ޤައުމީ ތަރައްޤީއާ ގުޅިފައިވާ މި ކަންކަމާއި އެކަންކަން ރާވައިކުރިޔަށް ގެންދާނެ ގޮތް ބަޔާން ކުރުމަށް އަޅުގަނޑު ޤަސްދުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން،
ދިވެހީންގެ ދެދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތް ﷲގެ ގެކޮޅުތައް ކަމަށް ވާ މިސްކިތްތައް. މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް. އަޅުގަނޑު ދެކޭ ގޮތުގައި މި ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖޭން ވަރަށް ފުރިހަމައަށް ފެންނަންވާނެ. ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދިޔައިން. މީގެ ތެރެއިން ހއ.ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މިސްކިތް ނިންމާ ހުޅުވިން. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް އިރާދަކުރެއްވިއްޔާ ހުޅުވާނަން. މިސްކިތްތައް އަޅާ ހުޅުވުމުގެ އިތުރުން، ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެން. އެގޮތުން، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރިން. އަދި މިއަހަރު 15 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަމަޖައްސާފައިވާނެ. މިއަހަރު، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ. މީގެ ތެރެއިން، 3 މަރުކަޒެއްގެ އެއްބަސްވުމުގައި މިއަހަރު ޖެނުއަރީ 21 ގައި ވަނީ ސޮއި ކޮށްފައި. ހަމަ އެހެންމެ މިއަހަރު، އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. ހަމަ އެއާއެކު، ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަޞައްވުރު އެކުލަވައިލައި، އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދު ކުރާބައި އޭސީ ކުރުމަށް ސަރުކާރުން ފެށްޓި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދު ކުރާ ބައި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޭސީ ކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު. އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު. ކީރިތި ޤުރުއާން ކިޔެވުމާއި އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭންޖެހޭ ޤަދަރު އަޅުގަނޑުމެން ދޭން ޖެހޭނެ. އެހެންކަމުން ޙާފިޡުންގެ އަގު ވަޒަންކޮށް، ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި، ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި. ނިމިދިޔަ 2025 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަ މީހުން ޙާފިޒުންގެ ގޮތުގައި ދަސްވެނިވި އަހަރު ގޮތުގައި. މިގޮތުން 30 ހާފިޒުން ވަނީ ދަސްވެނިވެފައި. މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް 2028 ގެ ނިޔަލަށް ހުޅުވުމަށް ނިންމާ ނިމިދިޔަ އަހަރު އެ މަސައްކަތް ވާނީ ފަށާފައި. އަދި ޤުރުއާނާބެހޭ އެކި ކަންކަމަށް ޚަރަދު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނޭ ނިޒާމެއް ޤާއިމް ކުރުމުގެ ގޮތުން، މާލޭގައި ޤުރުއާނަށް ޚާއްޞަ ވަޤުފު ޢިމާރާތެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ހަމަ އެހެންމެ، ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ރާވައި ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރު ބަޖެޓުން ބެލެހެއްޓުމާއި، ވަނަވެރީންނަށް ދެމުންއައި އިނާމު ދެގުނަ ކުރުމާއި، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއާ ހަމައަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއް ދޭން ވަނީ ފަށާފައި. މީގެ އިތުރުން، ރީތަކޮށް ޤުރުއާން ކިޔެވުމުގެ ހުނަރު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުމަކީ އެންމެ ޢަދުލުވެރިގޮތް ކަމުގައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤުރުއާން ކިޔަވައިދޭނެ ޓީޗަރުން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޖަމާޢީ އަޅުކަންކަމަށްވާ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށް، ފުރަ އިތުރު މައްކާއަށާއި، މާތްވެގެންވާ މަދީނާއަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ ގޮތްތަކެއް މެދުވެރިވެފައިނެތުމަކީ ދިވެހި ޙައްޖާޖީންނަށް އެތައް ވޭނެއް ތަކުލީފެއް އުފުލަން ޖެހޭތާ ޒަމާންތަކެއް ފާއިތުވަމުންދިޔަ ކަމެއް. ނަމަވެސް، ޙައްޖާޖީންގެ ލުއިފަސޭހައަށްޓަކައި ސަޢޫދީ ސަރުކާރުން ތަޢާރަފްކުރެއްވި މައްކާ ރޫޓް އިނީޝިއޭޓިވްގެ ދާއިމީ މެމްބަރުކަން 8 ވަނައަށް ލިބުނު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހި، ދިވެހި ޙައްޖާޖީންނަށް ރާއްޖޭގެ ތާރީޚުގައި ވެސް ދުވަހަކު ލިބިފައި ނެތްހައި ޒަމާނީ ފަސޭހަތައް ވަނީ ތަނަވަސްކުރެވިފާ. މި ކަމަށްޓަކައި، ދިވެހި ސަރުކާރުގެ ނަމުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލިއްޔުލްއަމްރު، ދެ ޙަރަމްގެ ޚާދިމު، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ހަމައެހެންމެ މިނާގައި ޒަމާނުއްސުރެ ދިވެހީންނަށް ލިބެމުން އައި ސީ ކެޓަގަރީގެ ޚިދުމަތް ބީ ކެޓަގަރީއަށް މަތިކޮށް، އެތައް ގޮތަކުން ޚިދުމަތްތައް ފުޅާކުރެވިފައިވާނެ. މީގެ އިތުރަށް، މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު ފުރަތަމަ ފަހަރަށް އެއަރ ކޮންޑިޝަންޑް ހައިސްޕީޑް ރޭލުގައި ކުރަން ފަށައިފައިވާނެ. ނަތީޖާއެއްގެ ގޮތުން، ދަތުރު ފަސޭހަ ވުމުގެ އިތުރުން، ދަތުރުގެ ވަގުތު 7 ގަޑިއިރުން 2 ގަޑިއިރަށް މިހާރު ވާނީ ކުރުވެފާ. ހަމައެއާއެކު، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޙައްޖުވެރިންނަށް ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ވާނީ ހަމަޖައްސާފައި. އަދި ޙައްޖުވެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއް ގާއިމްކޮށް ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ ޚިދުމަތް ދޭން ވެސް މިހާރު ވާނީ ފަށާފައި. މި ހުރިހައި ހެޔޮ ބަދަލެއް ގެނެސް، ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނަޔަކުން މަތިކޮށްފައިވާނީ ޙައްޖައްދާން ޙައްޖުވެރީން ދައްކާ އަގަށް، ކުޑަވެސް އިތުރުވުމެއް ނުގެނެސްކަން އަޅުގަނޑު ފާހަގަކޮށްލަން.
މިސަރުކާރުން، ދިވެހީންގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ވީހާވެސް އަވަހަށް ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެން. މިއަހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢޫދީ އަރަބިއްޔާގައި އެންމެ ފުރަތަމަ %100 ފުރިހަމަ ކުރި 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން އުފަލާއެކު ދަންނަވަން. މީގެ ތެރޭގައި، މައްކާ އާއި މަދީނާގެ ހުރުމާއި، އަދި ގުޅިފައިވާ އެހެނިހެން ކަންކަންވެސް ވަނީ ފުރިހަމަކުރެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެހެން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ޒަކާތް ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޒަކާތުގެ ޤާނޫނެއް މިހާރު ވަނީ ވުޖޫދު ކުރެވިފައި. މިއީ އެތަކެއް އަހަރެއްގެ ދިގު އިންތިޒާރެއްގެ ނިމުން. އަދި މިއީ ރާއްޖޭގައި ދީނި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަން ފަށްޓާފައިވާ މަސައްކަތްތުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ދަނީ އިތުރުވަމުން. މިގޮތުން ނިމިދިޔަ އަހަރު 107,205,043 ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައި. މިއީ ވޭތުވެ ދިޔަ 5 އަހަރުވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް މާތް ވެގެންވާ އިސްލާމްދީނުގައި ސާފުކޮށް ބަޔާން ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު. އެހެނީ މާތް ﷲ ވަނީ މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެން މުސްލިމުންނަށް ފުރިހަމަ ކޮށްދެއްވާ އަޅުގަނޑުމެން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް އެދީނުގައި ބަޔާން ކުރައްވާފައި. އަޅުގަނޑުމެންގެ މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމް ޤައުމެއް. އަޅުގަނޑުމެންގެ ޤައުމުގައި ކަންކަން ބައްޓަން ކުރަންވާނީ މި ފުރިހަމަ ދީނުގައިވާ ގޮތުގެ މަތީން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގައި މި ފުރިހަމަ ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ އެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އެހެންކަމުން، މި ފަޚުރުވެރި ދިވެހި ޖުމްހޫރިއްޔާގެ ރައީސުއްދައުލާ ގެ ޙައިސިއްޔަތުން، މާތް ﷲ ގެ ވާގިފުޅާ މިންވަރުފުޅާއެކު، އަޅުގަނޑު ތަންފީޒުކުރާނީ މި ސިޔާސަތު. އަދި، ދީނާ ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއްނެތް!
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިސްލާމް ދީނުގެ މަތިވެރި ހިދާޔަތަށް ނަސްރު ދިނުމާއެކު، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން، ދިވެހީންގެ މި ރާއްޖޭގެ ދިވެހީންގެ ހަނދާންތައް އެއްކުރުމާއި، ދިވެހި ތަރިކައިގެ ޚާއްޞަ ސިފަތައް ހޯދުމާއި މުޅި ރާއްޖެ ޝާމިލުވާހެން ތަރިކަވެރީން އުފެއްދުމުގެ މަސައްކަތް ފަށާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާގެ އަސާސީ މަފުހޫމްތައް އާންމުކޮށް، ދިވެހި ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ތަރިކައިގެ ދާއިރާގެ ޢިލްމީ މުޖުތަމަޢެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި، އެ ދާއިރާއިން 50 ދިރާސާވެރީން އެކުލެވޭހެން ދިރާސާ މަސައްކަތްތަކެއް ވަނީ ފެށިފައި. ހަމަ އެއާއެކު، ދިވެހި ތަރިކައިގެ ޤައުމީ މަޝްރޫޢުތައް ފަރުމާކޮށް، ހއ. އުތީމުގަޔާއި ތަކަންދޫގަޔާއި ބާރަށުގައި މަސައްކަތް ދަނީ ކުރިޔަށް.
މީގެ އިތުރުން، ދިވެހި ޒަމާންވީ ރަށްވެހިކަމުގެ ޙަޟާރަތުގެ ހައިސިއްޔަތު ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޝަރަފުވެރިކުރުވުމުގެ ގޮތުން ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހި ހިރިގަލު މިސްކިތްތަކާއި ގަލުވަޑާން ދަފުތަރުކުރުވުމަށް ކުރަން ޖެހޭ ދިރާސާ މަސައްކަތް ފުރިހަމަކޮށް، ނޮމިނޭޝަން ފައިލް (ޑޮޒިއަރ) މިހާރު ވާނީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅާފައި.
އަދި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ މަސައްކަތް، އުސްގެކޮޅާއި އެ ގެކޮޅު ހުރި ސަރަހައްދުގައި މިހާރު ކުރަމުން އެދަނީ. އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ މި ތާރީޚީ ޑިޖިޓަލް ދާރުލްއާސާރު ހުޅުވާނަން.
ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކޮށް ދިވެހިންގެ ތަރިކައާއި ސަޤާފަތާއި ދިވެހިންގެ އައިޑެންޓިޓީ ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ތުނޑުކުނާވިޔުމާއި، ތިލޭރުކަމާއި، ސާންތި ވިޔުމާއި، މާވަޑިކަމާއި، ލިޔެލާޖެހުމާއި، ކަސަބު ގެތުމާއި، ފޭލިވިޔުމާއި، ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުމުގެ ޤައުމީ ސަނަދުގެ ލެވެލް 3 ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑާއި، އެއާ ގުޅޭ ޓްރެއިނިންގ ޕެކޭޖް ހެދުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި. މީގެ އިތުރުން، ބ.ތުޅާދޫގައި ލިޔެލާޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ޤާއިމް ކުރުމާއި، ދ.ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް އަދި ގދ.ގައްދޫގައި ތުނޑުކުނާ ވިޔުމާބެހޭ މަސައްކަތް ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރު ކުރިޔަށް ދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި. ހަމަ އެހެންމެ ތަރިކައިގެ މާނަވީ ބައި އިޢާދަ ކުރުމަށްވެސް މިއަހަރު މަސައްކަތްތަކެއް ކުރަންވަނީ ހަމަޖެހިފައި. މިގޮތުން ޚާއްޞަ ސަމާލުކަމެއް ދޭނެ އެއް ދާއިރާއަކީ ދިވެހީންގެ މާތް އަޚްލާޤާއި އަދަބުވެރި ގޮތްތައް. މި ސިފަތައް ގެއްލި ދިޔަނުދިނުމަށްޓަކައި، ދިވެހިންގެ ރީތި އުޅުމާއި ގުޅުން އިޔާދަކޮށް ތަރައްޤީކުރުމުގެ ޤައުމީ ތަޞައްވަރެއް އެކުލަވައިލައި، "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް" މި އަހަރު ފަށައި، އިޙްތިރާމުކުރުމުގެ ސިފައަށަގެންނެވުމުގެ ޤައުމީ ކެމްޕޭނެއް މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން. އަދި މިކަންކަމަށް ބޭނުންވާ ޤާނޫނުތައް ވުޖޫދުކުރުމަށްޓަކައި ވެސް ދަނީ މަސައްކަތްތައް ކުރަމުން. މިގޮތުން، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާނެ.
ހަމަ އެހެންމެ، ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއާއި އެތަނެއްގެ ހަމަޖެހުމާއި ރައްކާތެރިކަން ބިނާވެގެންވަނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ އަޚްލާޤާއި ސްލޫކުގެ މައްޗަށްކަމުގައިވާއިރު، ބޮޑުވަމުން އަންނަ ދިވެހި ޖީލަކީ ރިވެތި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ، ޚުލްޤު ހެޔޮ، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރާ ޖީލަކަށް ހެދުމަށް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް، މުޅި އަހަރުދުވަހަށް ބަހާލައިގެން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގާ ތަރުބަވީ ހާއްސަ ޕްރޮގްރާމެއް، "ބިންގާ" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ، މިއަހަރު ހިންގަން ވަނީ ފަށާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ހައި އިސްކަމެއް ދީގެން، މި ހުރިހައި މަސައްކަތްތަކެއް ދިވެހި ޤައުމިއްޔަތާއި ތަރިކައިގެ ދާއިރާއިން މި ސަރުކާރުން ކުރަމުން މި ގެންދަނީ ދިވެހީންގެ ސަގާފީ މިނިވަންކަމާއި، މި ރަށްތަކާއި ދިވެހި މާ ކަނޑަކީ ދިވެހީންގެ މިލްކުތައްކަމުގެ ހެކި ލިބިދޭ އެންމެ ސާބިތު ބާރަކީ ދިވެހި ބަހާއި ދިވެހި ސަގާފަތާއި ދިވެހީންގެ ތަރިކަތައް ކަމުގައިވާތީ. އެހެންކަމުން އަންނާން އޮތް ޖީލުތަކަށް މި އަމާނާތް ރައްދުކޮށްދީ، ދިވެހި ނޭޝަނަލް އައިޑެންޓިޓީގެ މި ހަރުދަނާ ތަނބުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަކީ، އަޅުގަނޑު ކުޑަވެސް ވަރުބަލިވުމެއް ނެތި، އުފަލާއެކު އުފުލަމުން ގެންދާނެ ޤައުމީ ވާޖިބެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓާ، ދިފާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ވެސް މުހިއްމު ކުރިއެރުންތަކެއް ވަނީ ހޯދިފައި. ޤައުމީ ދިފާޢީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެ ދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި ގޮތުން، ކޯސްޓްގާޑްގެ ޚިދުމަތް ދެ ގުނަކުރުމުގެ މަސައްކަތުގެ ތެރެއިން، ތުރުކީ ވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތަށް މިހާތަނަށް ތަޢާރަފު ކުރެވުނު އެންމެ ބޮޑު ޢަސްކަރީ މަނަވަރު މި ދިޔަ އަހަރު ޚިދުމަތަށް ނެރުނިން. އަދި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެތެރެއިން 3 އުޅަނދު މިހާރު ވާނީ ޚިދުމަތަށް ނެރެފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އިތުރު 17 އުޅަނދު ޚިދުމަތަށް ނެރެވޭނެ. އަދި، ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާ ގެ އެހީ ދިނުމަށް ވަނީ ނިންމާފައި. ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރު އިރާދަކުރެއްވިއްޔާ ޚިދުމަތަށް ނެރެވޭނެ.
މީގެ އިތުރުން، އެމް.އެން.ޑީ.އެފްގެ އެއަރ ކޯ ތަރައްޤީކުރުމުގެ މަސައްކަތް މި ދިޔަ އަހަރު ވެސް ކުރެވުނު. މި ގޮތުން މި ދިޔަ އަހަރު އެމް.އެން.ޑީ.އެފްގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީގައި ވާނީ ބިނާކޮށް ނިންމާ ބޭނުން ކުރަން ފަށާފައި. އަދި އުތުރުގައި އެއަރ ސްޓޭޝަނެއް ޤާއިމް ކުރުމަށްޓަކައި ށ. ފުނަދޫގައި ހަދަމުންދާ އެއަރ ސްޓޭޝަން ގެ މަސައްކަތް ނިންމާ އިރާދަކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން.
އަދި އަހަ އެހެންމެ، މިދިޔަ އަހަރު އެމް.އެން.ޑީ.އެފްގެ މެރިންކޯއަށް ވާނީ އެންމެ ޒަމާނީ އާމަޑް ވެހިކަލް ހޯދާފައި. މި އަހަރުގެ ތެރޭގައި ވެސް މެރީން ކޯ ގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސިފައިންގެ ތަޢުލީމާއި ތަމްރީނުގެ ކަންކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިރިފުށި ބިންހިއްކުމާއި ޢުމްރާނީ ވަސީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތާއި އެމް.އެން.ޑީ.އެފް ގެ އައްޑޫ ޓްރޭނިންގ ސެންޓަރ އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފާ. މީގެ އިތުރުން، ކަޅުތުއްކަލާކޮށީގައި ޢުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތާއި، އިމަރޖެންސީ އޮޕަރޭޝަންގެ ޚިދުމަތާއި، ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސްއާއި އެކޮމޮޑޭޝަނާއި، އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ވަނީ ޖެހިފާ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިންނަށް ބޭނުންވާ އިތުރު އުމްރާނީ ވަސީލަތްތައް ޤާއިމުކުރަން ޖެހޭ. ސިފައިންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނު ދިނުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ވެސް ގެންނަން ޖެހޭ. އެކި ދާއިރާއިން ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ނިޒާމުތައް އެކުލަވާލަން ޖެހޭ. މި ހުރިހާ ކަމަކަށް ޚާއްޞަ އިސްކަމެއްދީ މި އަހަރުތެރޭ މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނެ ސަރުކާރުގެ އިދާރާއެއް މީގެ ކުރީން ނެތުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓިފައި ނުވާ ކަމީ ފެންނަން އޮތް ޙަޤީޤަތެއް. އެހެން ކަމުން، މިކަން ނިމުމަކަށް ގެނެސް، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ މަސައްކަތްތަކުގެ ތެރެއަށް ވިޔަފާރި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރު ކޮށް، މާލޭ ކޮމަރޝަލް ހާބަރ އަދި ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްއާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި ހިތަދޫ ރީޖަނަލް ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން ވާނީ ޙަވާލުކޮށްފައި. އަދި މި ބަދަލާ ގުޅިގެން އަލަށް އުފެދުނު އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން މިދަނީ ވަރަށް އިސްކަމެއް ދީގެން ހަމަޖައްސައި ދެމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތް ދިފާޢުކުރުމުގައި ޤައުމުގެ ޢަޤީދާއާއި އަމިއްލަވަންތަކަމާއި ދިފާޢީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރާ އޮންނަ ގުޅުންތައް ހަރުދަނާކުރުމަކީ ކޮންމެހެން ފަރުވާތެރިވާން ޖެހޭނެ ކަމެއް. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އިސްކުރަނީ އަވަށްޓެރިންނާއި، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ވިސްނުން. ބުރަވަނީ ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް، ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް. ބަރޯސާވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކަށާއި ޑިޕްލޮމަސީގެ ރިވެތި ހަމަތަކަށް. އަދި މިކަންކަމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އުފުލައި ދިވެހިންގެ މަޞްލަޙަތު އިސްކުރުމަށް.
މި ސަރުކާރުގެ "މޯލްޑިވްސް-ފަރސްޓް" ޚާރިޖީ ސިޔާސަތާ އެއްގޮތަށް، ދިވެހީންގެ މި ރާއްޖެއަށް އިޙްތިރާމްކުރާ، އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރާ ކޮންމެ ޤައުމަކާއި، ކޮންމެ ޖަމްޢިއްޔާއަކާ އެކު މަސައްކަތްތައްކޮށް މި ވޭދުވެ ދިޔަ އަހަރުގެ ތެރޭގައި ވެސް ކާމިޔާބީތަކެއް ހޯދިން. ދިވެހިރާއްޖެ، ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމުތަކަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ދުނިޔޭގެ އިޙްތިރާމް ހޯދުމާއެކު، ރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ޤައުމަކަށްވާނީ ހަދާފައި.
މި ގޮތުން ބަލާއިރު، އ.ދ ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރުމަށާއި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަން ކުރުމަށް ރާއްޖެއަށް ވަނީ ފުރުޞަތުލިބިފައި. އަދި ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ އިންތިޚާބުވެފައި. މީގެ އިތުރުން، އިތުރު 3 އިންތިޚާބެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައި. ހަމައެއާއެކު، ބައިނަލްއަޤްވާމީ ކޯޓުތަކުގައި މިހާރު ހިނގާ މައްސަލަތަކާއި ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާ ގުޅިގެން އަދާކުރާ ރިޕޯޓިންގ އިލްތިޒާމްތައްވެސް ފާހަގަކޮށްލަން. މި ގޮތުން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، ކޯޓަށް ހާޒިރުވެ ބަޔާނެއް ވާނީ ދީފައި. އަދި، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލައިގައި ތަދައްޚުލުވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ލިޔުމުން ބަޔާން ހުށަހެޅިން. މީގެ އިތުރުން އޯ.އައި.ސީގެ 8 ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާމް، އެއިން ކޮންމެ ބައްދަލުވުމެއްގައި ވެސް އެންމެ ހަރުކަށި އިބާރާތުން ދިވެހި ރާއްޖޭން ކުށްވެރިކޮށްފައި ވާނެ. އަދި ފަލަސްތީނުގެ އަހުލުވެރީން އެބިމުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އެންމެކުރީގައި އޮންނާނެކަމުގެ ޔަގީންކަން ދީފައިވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގެ ޙައްޤުތަކާއި މިލްކިއްޔާތު ކަށަވަރުކުރުމަށް ބޭރުދުނިޔޭގައި ކުރެވުނު މުޢާމަލާތްތަކާއި ވަކާލާތުތަކުގެ ތެރޭން، ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅިފައިވާ ވަރަށް މުހިންމު ދެ މައްސަލައެއް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން. އެއް މައްސަލައަކީ ފޯޅަވަހީގެ މައްސަލަ. ފޯޅަވައްސަކީ އިސްތިޢުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް ފޭބުމުގެ އެތައް ޤަރުނެއް ކުރިއްސުރެ ވެސް، ދިވެހީން އެތަނެއް ދަންނަ ތަނެއް. ދިވެހި ކާބަފައިން ދިވެހި ބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ، ދިވެހިރާއްޖޭގެ ޤުދުރަތީ ސަރަހައްދުގައި އޮތް ތަނެއް. ދިވެހި ނެވިކަމާއި ކަނޑުވެރިކަމުގެ ތެރޭން ލިޔެވިފައިވާ ފޮތްތަކުގައި އެ ތަނުގެ ވާހަކަ ބަޔާންކުރެވިގެންވޭ. ދިވެހީންގެ ދޫދޫމަތީ ވާހަކަތަކުން ފޯޅަވައްސާ ބެހޭ ހަގީގަތްތައް މިއަދާ ހަމައަށް ނަގުލުވަމުން ވާރުތަވަމުން އައިސްފައިވޭ. ހަމަ އެހެންމެ ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީޚުން ކަށަވަރުވޭ. މި ކަންކަމާއެކު ފޯޅަވަހީގެ އަތޮޅުތަކަކީ އޭރު ވެސް މިހާރު ވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު އެ ސަރަހައްދަށް މަހަށް ނިކުމެ ތިބޭ، ޒަމާނުއްސުރެ ދިވެހީންގެ ކަނޑުވެރިކަމާއި މަސްވެރި ސަގާފަތުގެ ދިރިއުޅުމުގެ ބައެއް. އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މި ފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ، އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ލިޔުމުން ހުށަހަޅާފައި. އަދި 15 ޑިސެންބަރު 2025ގައި އަޅުގަނޑާއި އިނގިރޭސި ވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި މިކަން އަޅުގަނޑުވާނީ އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައި.
މިކަންކަމުގެ އިތުރަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ގައުމަކުން ނުވަތަ ބައިނަލްއަޤުވާމީ ބައްދަލުވުމެއްގައި މަޝްވަރާކުރެވޭނަމަ، އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަންބޮޑުވުންތައް ގަވައިދުން ހިއްސާކޮށް ވަކާލާތުކޮށްފައިވާނެ. ހަމަ އެއާއެކު، ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނެދޭވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކޮށްފައިވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގެ ސިޔާދަތީ އިމުގެ މައްސަލައިގައި އަޅުގަނޑު ވަރަށް އިސްކަމެއް ދީގެން ފާހަގަކުރަން ބޭނުންވާ، އެހާމެ ޚުޠޫރަތްތެރި ދެވަނަ މައްސަލައަކީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS)އިން ނިންމި ނިންމުމުގެ މައްސަލަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނެ. ނަމަވެސް ފާއިތުވި ސަރުކާރުގެ ދުވަސްވަރު، ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ ދިވެހި ރާއްޖޭގެ އީ.އީ.ޒެޑް ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައި. އެހެންކަމުން މި ނިންމުން ދިރާސާކޮށް، ދިވެހިރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023ގައި އަޅުގަނޑުވާނީ ބަންޑާރަނައިބަށް އަންގާފައި. އެއާއެކު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަނައިބު އެކުލަވާލައްވައި، މި މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް މި ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓްތައް ބަންޑާރަނައިބު ވަނީ 22 ޖަނަވަރީ 2026 ގައި އަޅުގަނޑަށް ހުށަހަޅުއްވާފަ. އަދި މި ދެންނެވި ރިޕޯޓްތަކުގައި ވިލަރެސް ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކާއި، އެ ކޮމިޓީއިން ހުށަހެޅުއްވި ކަންކަން ހިމެނޭގޮތުން ކެބިނެޓް ކަރުދާހެއް އެކުލަވާލައްވައި، 25 ޖަނަވަރީ 2026 ގައި އޮތް ވަޒީރުންގެ މަޖިލީހަށް ބަންޑާރަނައިބު ވަނީ ހުށަހަޅުއްވާފަ. މި މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފަ. އަދި، މި ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން ވާނީ ފަށާފައި.
އެ ގޮތުން މި މައްސަލާގައި ޢައްޔަކުރައްވާފައިވާ ޤާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށައިފިން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަޚްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިޢުލާނުކުރަން. މީގެ އިތުރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެ ކަން އިޢުލާނުކުރަން. އަދި ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ފޮނުވާނަން.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް ވަނީ މާހިރުންގެ ފަރާތުން ލައްވާ ދެއްވާފައި. އެހެންކަމުން މި ކަމުގައި ސަރުކާރުގެ ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރުން މުހިންމުކަމަށް ފެންނާތީ، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" އަޅުގަނޑު އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން. ހަމައެހެންމެ މިމައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް އަޅުގަނޑު ނިންމި ވާހަކަވެސް ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އެކަމަކާ ގުޅިފައިވާ އެންމެ މުހިއްމު އެއް ދާއިރާއަކީ އަދި ޤައުމުގެ ކުރިއެރުމާ ތަމައްދުން އެ މައްޗަށް ބިނާވާ މާއްދީ އެންމެ މުހިންމު ދާއިރާއަކީ ޤައުމުގެ އިޤުތިޞާދު. އަދި، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ވިލުންތެރި އިޤްތިޞާދެއް ޤާއިމްވެފައި އޮތް ޤައުމަކަށް ދިވެހި ޤައުމު ވެގެން ދިޔުމަކީ މި ސަރަޙައްދުގެ އަމަންއަމާން ކަމާ ސަލާމަތާ ރައްކާތެރިކަމަށްވެސް ނުހަނު ފައިދާ ކުރާނޭ ކަމެއް. ކަން މިހެން އޮތް ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގާ. ވޭތުވެދިޔަ ދައުރުގައި މާލީ ކަންކަމުގައި ގެންގުޅެފައިވާ ޒިންމާދާރުކަން ކުޑަ، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މާލީ ކަންކަން އޮތީ ބޮއްސުންލާފައި. ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން، ބޮޑުއަގުގައި ބޭރުގެ ފަރާތްތަކުން ބޮޑެތި ދަރަނިތައް ނެގުމާއި ފައިސާ ޗާޕުކޮށްގެން ޚަރަދުކުރުން އޮތީ ހައްދުފަހަނައަޅާފައި. ވެރިކަމާ ހަވާލުވުމާއެކު އަޅުގަނޑު އަވަސްވެގަންނަން ޖެހުނީ މިކަންކަމަށް ހައްލު ހޯދަން. އެ ޙާލަތުން އަރައިގަތުމަށްޓަކައި މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފިން. އެ ގޮތުން މި ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމުގައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކޮށް މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ގާއިމުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނިން. މީގެ އިތުރުން، އިންވެސްޓަރުން ރާއްޖޭގެ މާލީ ހާލަތަށް ކުރާ އިތުބާރު ހަރުދަނާކުރުމަށް ވެސް އިސްކަންދިނިން. މި ގޮތުން، ޤާނޫނުން އިސްތިސްނާ ހޯދައިގެން ފައިސާ ޗާޕުކުރަމުން ދިޔަ ދިއުން، އަޅުގަނޑު ވެރިކަމާ ޙަވާލުވުމާއެކު ނިމުމަކަށް ގެނައިން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ޢިއްޒަތްތެރި މަޖިލީހުން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ މި ސަރުކާރުން އެކުލަވާލި އެންމެ ފުރަތަމަ ބަޖެޓު. މިދިޔަ އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒުކޮށްފައިވާނީ މި ޢިއްޒަތްތެރި މަޖިލީހުން ފާސްކުރި މިންވަރަށް އެންމެ ރުފިޔާއެއްވެސް އިތުރުނުކޮށް. މިއީ ފާއިތުވި 5 އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާ ނިންމާލި ފުރަތަމަ ބަޖެޓު. އެ ބަޖެޓުން 34.8 ބިލިއަން ރުފިޔާ ޚަރަދުވީ ރިކަރަންޓް ޚަރަދުތަކަށް. 2025 ނޮވެންބަރު 1 އިން ފެށިގެން ތަންފީޒުކުރަން ފެށި ޕޭ-ހާމަނައިޒޭޝަންވެސް ހިމެނޭހެން، މުވައްޒަފުންގެ ޚަރަދުތަކަށް އެ ބަޖެޓުން ހޭދަވީ 14.2 ބިލިއަން ރުފިޔާ. އިންޓަރެސްޓްގެ ގޮތުގައި 4.6 ބިލިއަން ޚަރަދުވެފައިވާއިރު ސަރުކާރުން ދޭ އެހީއާއި އިޝްތިރާކާއި ސަބްސިޑީއަށް 9.9 ބިލިއަން ރުފިޔާ ޚަރަދުވެފައިވޭ. ސަރުކާރުގެ ހިންގުމުގެ އެހެނިހެން ރިކަރަންޓް ޚަރަދުތަކަށް 6.0 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދުތަކަށް ޖުމުލަ 6.0 ބިލިއަން ޚަރަދުވެފައިވޭ. ޕީ.އެސް.އައި.ޕީއަށް 7.9 ބިލިއަން ޚަރަދުކުރުމުގެ އިތުރުން ދަރަނި އަދާކުރުމަށް 5.2 ބިލިއަން ހޭދަވެފައިވޭ. އަދި، ލޯނު ދޫކުރުމަށާއި އެހެނިހެން އިންވެސްޓްމަންޓްތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވެފައިވޭ.
ވޭތުވެދިޔަ 5 އަހަރު ޖީޑީޕީގެ ނިސްބަތުން އޯވަރޯލް ޑެފިސިޓް ހުރީ އަހަރަކު އެވަރެޖްކޮށް 9 އިންސައްތައަށްވުރެ މަތީގައި. އެހެންނަމަވެސް އަޅުގަނޑުމެން މިވަނީ މިހާރު މި އަދަދު ޖީޑީޕީގެ ނިސްބަތުން 9 އިންސައްތައަށްވުރެ ކުޑަކޮށްފައި. އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ، ޖީޑީޕީގެ ނިސްބަތުން 5 އިންސައްތާގައި. އަދި ފަހުގެ ތާރީހުގައި ބަޖެޓު ތަންފީޒުކޮށްފައިވާ ގޮތާ ޚިލާފަށް، 2025 ވަނަ އަހަރުގެ ފުރަތަމަ 40 ހަފުތާ ބަޖެޓު ސަރޕްލަސްއެއްގައި ހިފެހެއްޓުނު. 2026 ވަނަ އަހަރާއި މެދުރާސްތާގައިވެސް ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 9 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމަށް ރާވާފައިވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް 38.0 ބިލިއަން ރުފިޔާ ލިބިފައިވޭ. އާމްދަނީ އިތުރުކުރުމަށް ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާއެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ލިބިފައިވޭ. މިގޮތުން، ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތައިން ކުރިއަރާފައި. އަދި މި ބަދަލުތަކާއި، އިޤުތިޞާދީ ދުވެއްޔަށް އަންނަ ކުރިއެރުމާއެކު މި އަހަރު 40.4 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ. އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، 2025 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވޭ. ނަތީޖާއެއްގެ ގޮތުން، ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑުކަމުގައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު SDF އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒަރވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މައި ހިއްސާދާރެއް ކަމުގައިވާ ޗައިނާއިން ނަގާފައިވާ ލޯނުގެ ބައެއް، މާލިއްޔާއަށް ބުރަ ބޮޑުނުވާ ގޮތަށް ރީ-ފައިނޭންސް ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވުމާއި އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީގައި ކުރިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންޖެހޭގޮތަށް އޮތް ޝަރުތު އުނިކޮށް ރޯލްއޯވަރކޮށްދީފައިވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒަރވަށް އެކަމުގެ ހެޔޮ އަސަރު އަންނަނީ ކުރަމުން. އަދި، ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރު ގެ ޖެނުއަރީ އިން ފެށިގެން ޑިސެންބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވޭ. މީގެ ސަބަބުން ވެސް 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުކުރުމަށް މަގުފަހިވި. މިގޮތުން ބަލާއިރު، މިވަގުތު ދިވެހިރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވުގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެބަހުރި. މިއީ ދިވެހި ރާއްޖޭގެ ތާރީޚުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު. މީގެ އިތުރުންވެސް، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އިން 26 އެޕްރީލް 2018 ވަނަ އަހަރު، އޭރުގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު، މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން، ރޯލްއޯވަރކޮށް މެޗުއަރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމުގެ ޓަރމްސްތަކަށް ވަނީ އެއްބަސްވެފައި. އަދި، މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު، މި އާމްދަނީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޖަމާވެގެންދާނެ. އަދި Triple A ރޭޓަޑް އިންޝޫރަންސް އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓަރުންނަށް ދެވޭ އިންޝޫރަންސް ކަވަރ ހަމަޖެހިފައިވާއިރު، އިތުރު 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ ގިނަ މުއާމަލާތްތަކެއް ނިންމުމަކާ ހަމަޔަށް ގޮސްފައިވޭ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމެއް އޮތީ 2017 ވަނަ އަހަރު، އޭރުގެ ސަރުކާރުން، އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު އަދާކުރުމަށް، އެއަށްވުރެ ބޮޑުއަގުގައި މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން މި އަހަރު އަނބުރާ ދައްކަންޖެހުން. އަދި، އައިއެމްއެފްއިން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ ގޮތުން 23 ނޮވެމްބަރު 2022 ގައި ތައްޔާރު ކުރި Article IV ގެ ރިޕޯޓުގައި ދިވެހިރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ގައި ކަމަށް ބަޔާންކޮށްފައިވުން. އެހެންކަމުން، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކު ތައްޔާރުވަމުން ވަމުން. މިގޮތުން، މި ސަރުކާރުން SDF އަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ސިޔާސަތާއި، ޖަމާކުރާ ޑޮލަރު އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިވަގުތު SDF ގައި 275 މިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައި ހުންނާނެ. އެހެން ނަމަވެސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ