ޔޫޓިއުބުގެ 'އޮޓޯ-ޑަބިން' ފީޗާ 27 ބަހަކާއެކު ހުރިހާ ޔޫޒަރުންނަށް ހުޅުވާލައިފި

ޔޫޓިއުބް ވީޑިއޯތަކުގައި ދައްކާ ވާހަކަ އޭއައި ބޭނުންކޮށްގެން އަމިއްލައަށް އެހެން ބަސްބަހަށް ތަރުޖަމާކޮށް އަޑުއަޅައިދޭ 'އޮޓޯ-ޑަބިން' ފީޗާ، ހުރިހާ ޔޫޒަރުންނަށް މިހާރު ހުޅުވާލައިފި ކަމަށް އެ ކުންފުނިން ބުދަ ދުވަހު އިޢުލާންކޮށްފިއެވެ. މި ފީޗާގެ ސަބަބުން ވީޑިއޯގައި ބޭނުންކޮށްފައިވާ ބަސް ނޭނގޭ މީހުންނަށް ވެސް، އެމީހުންނަށް ދޭހަވާ ބަހަކުން ވީޑިއޯގެ ކޮންޓެންޓް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. މި ފީޗާ އެންމެ ފުރަތަމަ ތައާރަފުކުރީ 2023 ވަނަ އަހަރުގެ 'ވީޑިއޯކޮން' ގައެވެ. އޭގެ ފަހުން 2024 ވަނަ އަހަރު، ހަމައެކަނި މަޢުލޫމާތު މުއްސަނދި ވީޑިއޯތަކަށް މި ފީޗާ ޚާއްޞަކުރި ނަމަވެސް، މިހާރު މިއީ މިއުޒިކް ނުހިމެނޭ ހުރިހާ ވީޑިއޯތަކެއްގައި ބޭނުންކުރެވޭނެ ފީޗާއެކެވެ. https://sun.mv/216702 ގޫގުލް އިން ހާމަކުރި ގޮތުގައި، މި އަޕްޑޭޓާއެކު މިހާރު ޖުމްލަ 27 ބަހަކުން އޮޓޯ-ޑަބިންގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ޑަބް ކުރާ އަޑުތައް ރޮބޮޓެއްގެ އަޑުހެން ހުރުމުގެ ބަދަލުގައި، އިތުރަށް ގުދުރަތީ އަދި އިންސާނުންގެ އަޑާ އެއްގޮތް ކުރުމަށް 'އެކްސްޕްރެސިވް ސްޕީޗް' ކިޔާ ފީޗާއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ފީޗާ މިހާރު އިނގިރޭސި، ފްރެންޗް، ޖަރުމަން، ހިންދީ، އިންޑޮނޭޝިއަން، އިޓަލީ، ޕޯޗުގީޒް އަދި ސްޕެނިޝް ބަހުން ލިބެން ހުންނާނެއެވެ. މީގެ ސަބަބުން ވީޑިއޯ އުފެއްދި ފަރާތުގެ އަސްލު ޖަޒުބާތާއި ހަކަތަ އަޑުން އިހުސާސް ކުރެވޭނެ ކަމަށް ޔޫޓިއުބުން ބުނެއެވެ. ޔޫޓިއުބުން ފާހަގަކުރި ގޮތުގައި، ޑިސެމްބަރު 2025 އާ ހަމައަށް އައިއިރު، ދުވާލަކު އެވްރެޖްކޮށް 6 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަދުވެގެން 10 މިނެޓަށް ވުރެ ގިނަ ވަގުތު އޮޓޯ-ޑަބް ކޮށްފައިވާ ވީޑިއޯތައް ބަލާފައެވެ. ކުރިން ޔޫޓިއުބުން އަމިއްލައަށް ޑަބް ކުރާ ބަސް ކަނޑައެޅި ނަމަވެސް، މިހާރު ޔޫޒަރުންނަށް އަމިއްލައަށް ބޭނުންވާ ބަހެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދިނުމަށް 'ޕްރިފާޑް ލެންގުއޭޖް' ސެޓިންގްސް ވަނީ އިތުރުކޮށްފައެވެ. އަދި ބޭނުން ނަމަ އޮޓޯ-ޑަބިން މުޅިން ނިއްވާލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. މީގެ އިތުރުން، ވާހަކަދައްކާ މީހާގެ ތުންފަތުގެ ހަރަކާތްތަކާ ތަރުޖަމާކޮށްފައިވާ އަޑު ދިމާކުރުމަށް 'ލިޕް ސިންކް' ފީޗާއެއް ވެސް ޔޫޓިއުބުން ދަނީ ޓެސްޓު ކުރަމުންނެވެ. ޔޫޓިއުބުން ބުނީ މިއުޒިކް ވީޑިއޯތަކާއި، ވާހަކަ ނުދައްކާ ހުންނަ 'ސައިލެންޓް ވްލޮގް' ފަދަ ވީޑިއޯތަކުގައި މި ފީޗާ ބޭނުން ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ