'އާރްކޭ ސްޓޫޑިއޯ' އަލުން ހުޅުވުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ކަރީނާ ދޮގުކޮށްފި
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ޚާންދާން ކަމަށްވާ ކަޕޫރު އާއިލާއަށް ނިސްބަތްވާ "އާރްކޭ ފިލްމްސް" އަލުން އާރާސްތުކޮށް ހުޅުވުމާ ގުޅޭގޮތުން ދެކެވެމުން އައި ވާހަކަތައް ބަތަލާ ކަރީނާ ކަޕޫރު ޚާން ދޮގުކޮށްފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ޓައިމްސް އޮފް އިންޑިއާ'ގެ ރިޕޯޓެއްގައިވާ ގޮތުން އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ވާހަކަތަކެއް ނޫނެވެ. ކަޕޫރު ޚާންދާނަށް ނިސްބަތްވާ ކާމިޔާބު ބަތަލާ ކަރީނާއާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، އެކަމާ ގުޅޭގޮތުން އެ އާއިލާގެތެރޭގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ބުރަ އަދި އެހާމެ ބޮޑު ޚަރަދުތަކެއް ހިނގާނެ ކަމެއްކަން އާއިލާގެ އެންމެންވެސް ގަބޫލުކުރާ ކަމަށާއި ކާފަ ރާޖް ކަޕޫރު ފިލްމު ސްޓޫޑިއޯ ހިންގި ފެންވަރަށް އެ ސްޓޫޑިއީ ހިންގޭނެ ކަމަށް އާއިލާގެ އެއްވެސް މެމްބަރަކު އެއްބަސްވެފައިނުވާ ކަމަށް ކަރީނާއާ ހަވާލާދީ 'ދަ ޓައިމްސް އޮފް އިންޑިއާ'އިން ވަނީ ބުނެފައެވެ. އާރްކޭ ސްޓޫޑިއޯގެ އިސްވެރިޔާ ރާޖް ކަޕޫރު އެ ސްޓޫޑިއޯގެ ބޭރުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ފޭސްބުކް މިކަމާގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ކަރީނާ ބުނެފައި ވަނީ ރަންބީރުގެ ފޯކަސް މިވަގުތުހުރީ އެކްޓިންގްއަށް ކަމަށެވެ. މީގެކުރިން އަޑު ފެތުރިފައިވާ ގޮތުގައި ރަންބީރު ކަޕޫރުގެ އިސްނެގުމުގެ ދަށުން ކަޕޫރު ޚާންދާންގެ ބައެއް މެމްބަރުންގެ ބައިވެރިވުމާ އެކު 'އާރްކޭ ސްޓޫޑިއޯ" ހުޅުވުމަށް ދިޔައީ ތައްޔާރުވަމުންނެވެ. އާރްކޭ ސްޓޫޑިއޯ އަކީ ހިންދީ ސިނަމާގެ ތާރީހުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ، ކަޕޫރު އާއިލާގެ ފިލްމީ ތަރިކައާ ގުޅިފައިވާ ތަނެކެވެ. އެތަނާ މެދު ގިނަ ބައެއްގެ ހިތުގައި ކިތަންމެ ލޯތްބާއި ޝުއޫރުތަކެއް ހުރި ނަމަވެސް، ކަރީނާގެ ވާހަކަތަކުން ކަށަވަރު ވަނީ އެ ސްޓޫޑިއޯ އަލުން ހުޅުވުމުގެ އެއްވެސް ފުރުސަތެއް މާދުރަކުން ވެސް ފެންނަން ނެތް ކަމެވެ. އެ ސްޓޫޑިއޯއިން ގެނެސްދިން މަޝްހޫރު ފިލްމުތަކުގެތެރޭ 1949ގައި ރިލީޒްކުރި "ބަރުސާތު"، 1964ގައި ރިލީޒްކުރި "ސަންގަމް" އަދި 1970އިގައި ރިލީޒްކުރި "މޭރާ ނާމް ޖޯކަރު" ފަދަ ފިލްމުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ