ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ހިމެނޭ އޮރިޔާން ކާޑު ގެންގުޅުމާއި މަސްތުވާތަކެތީގެ ދައުވާ ސާބިތުވެ، އަލީ ޝާހިލުގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މައްސަލައިގެ ފެށުން - ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، ވަރަށް ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭ، ކުށުގެ ވެށިން ހައްޔަރުކުރި އެވެ.
ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން
އޮރިޔާން ކާޑު ގެންގުޅުން
ކެނެބިސް ބޭނުންކުރުން
ސިއްރުކޮށްފައިވާ ދެ ދައުވާއެއް
ތަފްސީލް - މިއަދު ހުކުމް އިއްވީ، މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާގަ އެވެ. އެ ދެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް އިއްވީ، ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމުން މިއަދު ހުކުމް އިއްވި ދައުވާތަކުގެ ތަފްސީލެއް ނުލިބެ އެވެ.
މި މައްސަލާގައި ބާކީ ހުރި ތިން ދައުވާގެ އަޑުއެހުންތައް ނިންމާލަން ހުލާސާ ބަޔާން އިއްވުން މި މަހުގެ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
ފާހަގަކުރެވޭ - ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.
އޭރުގެ ޕީޖީ ހުސެން ޝަމީމް ވިދާޅުވެފައިވަނީ، ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކަށް އޭނާ އިއުތިރާފުވެފައި ނުވާ ކަމަށެވެ.
މައްސަލަ ދިގުލައިގެން ދިޔައީ އަޑުއެހުންތަކުގައި ޝާހިލް ވާހަކަނުދައްކާ ގިނަ ދުވަސްވުމުންނެވެ. ދައުލަތުން ފުރަތަމަ އެކި ވަކީލުން ހަމަޖައްސައިގެން ވެސް ކުރިއަށްނުދެވި އެންމެ ފަހުން އޭނާ ނިންމީ ވަކީލަކާ ނުލައި އަމިއްލައަށް މައްސަލައާ އެކު ކުރިއަށް ދިއުމަށެވެ.
ޝިއާއުގެ މަރު: ޝާހިލުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ