ސީޕީ އައްޑޫ ޕޮލިސް ކޮލެޖަށް ޒިޔާރަތް ކުރައްވައިފި

އާ ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު އައްޑޫގައި ހުންނަ ޕޮލިސް ޒިޔާރަތްކުރައްވައި، އެތަނުއި ތަމްރީނު ހަދަމުން އަންނަ ދަރިވަރުންނާ ބައްދަލު ކުރައްވައިފި އެވެ.
ސީޕީގެ އިއްޔެގެ އެ ޒިޔާރަތުގައި ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލު ކުރައްވައި، ކުރިއަށްދާ މަސައްކަތްތައް މުރާޖައާ ކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އަދި ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަ ކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
ސީޕީ ވަނީ އެ ކޮލެޖުގައި މިހާރު ކުރިއަށް ގެންދާ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނާ ބައްދަލު ކުރައްވައި ތަމްރީނުގެ މަރުހަލާގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމަށް ވިދާޅުވެފަ އެވެ.
"ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް. ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވޭ." ސީޕީ ވިދާޅުވިއެވެ.
އަދި އިތުބާރާއި ޒިންމާދާރުކަމާ އެކު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެ، ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތް ކުރަން ހިތްވަރު ވެސް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ