ކައުންސިލަރު، ޒައިދުލްއަމީނާއި މެމްބަރު މުސްތަފާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް

މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރު، ޒައިދުލް އަމީން އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވަން އެޕާޓީން ނިންމައިފިއެވެ. 
އެޕާޓީން ނެރުނު ބަޔާނެއްގައި ވާގޮތުން އެ ދެމީހުންގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕް ބަދުނާމުކޮށް ޕާޓީގެ އެއްބައިވަންތަކަމަށާއި ހަމަޖެހުމަށް އަސަރު ކުރާ ފަދަ ވާހަކަތަކެއް މީޑިއާގެ ވަސީލަތްތަކުގައި ހާމަކޮށްފައިވާތީ ކަމަށެވެ. 
ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން އާ ގުޅިގެން އެޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ މައްސަލަ އަކީ އޭނާގެ ފޭސްބުކް ޕޭޖުގައި އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަކަށް އެކަމަނާ ބަދުނާމުކޮށް ޕާޓީގެ އެއްބައިވަންތަކަމާއި ހަމަޖެހުމަށް ބުރޫއަރާފަދަ އިބާރާތަކުން ޝާއިއުކޮށްފައިވާ ލިޔުމެއްގެ މައްސަލަ އެކެވެ. 
މެމްބަރު މުސްތަފާގެ މައްސަލަ އެ ކޮމިޓީއަށް ފޮނުވަން ނިންމީ މުސްތަފާ ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. ޕީޕީއެމް އިން ބުނި ގޮތުގައި އެ އިންޓަވިއުގައި އެޕާޓީގެ ރައީސްއާއި ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެމްބަރުންގެ ގަދަރު ކުޑަވާ ގޮތަށް މުސްތަފާ ވަނީ ވާހަކަ ދައްކަވާފައެވެ. 
ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނުގައި ވާ ގޮތުން  އެޕާޓީގެ ލީޑަރޝިޕް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް އެޕާޓީއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން މީޑިއާގެ ވަސީލަތްތަކުގައި ނުދެއްކުމަށް އެޕާޓީގެ ފަރާތުން ވަނީ މިމަހުގެ ތިން ވަނަ ދުވަހު ނަސޭހަތްތެރިވެ ބަޔާނެއް ނެރެފައެވެ. އެފަދަ ބަޔާނެއް ނެރެފައި ވަނިކޮށް މިފަދަ ވާހަކަތަކެއް ދައްކާފައިވާތީ ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމީ ކަމަށް ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ