ބޮލަށް އަނިޔާވި ލަންކާ ކީޕަރުގެ ހާލު ރަނގަޅުވުމާއެކު ހޮސްޕިޓަލުން ދޫކޮށްލައިފި

ސްރީލަންކާގެ 20 އަހަރުން ދަށުގެ ގޯލްކީޕަރު ޝާތިން ޖާހިދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އޭނާގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ލަންކާ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ. އޭނާގެ ބޮލަށް އަނިޔާވީ ދިވެހިރާއްޖެއާއި ސްރީލަންކާ ބައްދަލުކުރި މެޗުގައެވެ. ލަންކާއިން މެޗު ކާމިޔާބުކުރީ ފަހަތުންއަރާ ތިން ލަނޑު ޖަހައިގެންނެވެ. އަނިޔާވުމާއެކު އޭނާ ވަނީ ދަނޑުމަތީގައި ފަރުވާދިނުމަށްފަހު އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުން އާންމުކުރި މައުލޫމާތުގައި ބުނެފައިވާގޮތުން ކީޕަރުގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. މެޗު ކުޅެމުންދިޔަ ދަނޑުމަތިން އޭނާއަށް ވަގުތުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއާއި ތަޙުލީލުތައް ކުރުމަށްޓަކައި ގެންދެވުނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. އެތަނުން އޭނާއަށް އަވަސް ފަރުވާ ދެވި، ނިއުރޮލޮޖިކަލް ޓެސްޓުތައް ހިމެނޭހެން ގިނަ ޓެސްޓުތަކެއް ވަނީ ހަދާފައެވެ. ޑޮކްޓަރުން ވަނީ އޭނާގެ ފުރާނައަށް ނުވަތަ ސިކުނޑިއަށް ނުރައްކާވާ ފަދަ އެއްވެސް ނިޝާނެއް ނެތްކަން ކަށަވަރުކޮށްދީފައެވެ. އަދި ޞިއްޙީ ގޮތުން އޭނާގެ ޙާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ޝާތިން މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާ މިހާރު ހުރީ ސްރީލަންކާ ޓީމު ތިބޭ ހޮޓެލްގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުގައެވެ. ބޮލަށް ލިބޭ އަނިޔާތަކާ ގުޅޭ ގައިޑްލައިންތަކާ އެއްގޮތަށް، އޭނާ އަލުން ކުޅުމަށް އެނބުރި އައުމުގެ ޕްރޮޓޮކޯލް ދަނީ ފުރިހަމަކުރަމުންނެވެ. ސްރީލަންކާ ޓީމުގެ ޑޮކްޓަރު ކޭ.އެން ސަތުމް މަޢުލޫމާތު ދީފައިވާ ގޮތުގައި، 24 މާރިޗު 2026 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގައި ހެދި ޗެކްއަޕްތަކުން ދައްކާގޮތުގައި ޝާތިންގެ ޙާލަތު އަންނަނީ ވަރަށް ރަނގަޅަށް ކުރިއަރަމުންނެވެ. އަދި ހެދި ހުރިހާ ޓެސްޓެއްގެ ނަތީޖާވެސް ނޯމަލް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އޭނާ އަލުން ދަނޑަށް ނެރުމުގެ ކުރިން ޑޮކްޓަރުންގެ ޓީމުން އޭނާގެ ޙާލަތު ވަރަށް ގާތުން ބަލަމުން ގެންދާނެއެވެ. ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އިދާރާއިން އެންމެ އިސްކަންދޭ ކަންތައްކަން ޔަޤީންކޮށްދީފައެވެ. އަދި ޝާތިންއަށް އެންމެ ފުރިހަމަ ޞިއްޙީ ފަރުވާއާއި އެހީތެރިކަން ލިބެމުންދާކަން ކަށަވަރުކުރާނެ ކަމަށްވެސް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ