ބަލި ގަބޫލުކޮށް މީކާއިލް ވިދާޅުވީ 2028 ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ދެމި ހުންނާނެކަމަށް!

އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ކުރިޔަށް ގެންގޮސް 2028 ޕާޓީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތުގައި ދެމި ހުންނާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ޗެއާޕާސަންގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮޑު ތަފާތަކުން މީކާއިލްގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.
ބޮޑު ވާދަވެރިކަމެއް ވެސް އޮތް މި އިންތިހާބުގައި މީކާއިލް ވަނީ، ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ 2028 ގެއްލިދާނެކަމަށް ވިދާޅުވެފަ އެވެ. އެއީ ރައީސް ނަޝީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާފައި ވާތީ އެވެ. މީކާއިލް ވިދާޅުވި ގޮތުގައި ޗެއާޕާސަނަކީ ޕްރައިމެެރީގައި ވަކި ފަރާތަކަށް ބުރަވެ ހުންނަން ޖެހޭ ބޭފުޅެއް ނޫނެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު ބަލި ގަބޫލު ކުރައްވައި މީކާއިލް ވިދާޅުވީ އޭނާ ރައީސް ނަޝީދަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފައި ވާނެކަމަށެވެ. މީކާއިލް ވިދަޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ގެންގޮސް 2028 ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނާނެކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިއީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށާއި ޕާޓީގެ މެމްބަރުން ކުރި އިތުބާރާއި އެކު ކުރިޔަށް ގޮސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ