ކެޓްރީނާ އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވަނީ؟

ބޮލީވުޑްގެ އޭ ލިސްޓު ބަތަލާއިންގެތެރޭ ހިމެނޭ ކެޓްރީނާ ކައިފް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މީގެ ދެ އަހަރު ކުރިން ފިލްމު "މެރީ ކްރިސްމަސް"އިން އެންމެފަހުން ފެނުނު ބަތަލާ ފިލްމީ މަސައްކަތްތަކާ ދުރުވީ އެކްޓަރު ވިކީ ކޯޝަލްއާ އެކު ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަލަތު ދަރިފުޅު ލިބުނު ބަތަލާ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު ކެޓްރީނާ ބޮޑަށް ޝައުގުވެރިވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އުފެއްދުމަކަށް ކަމަށް ޓައިމްސްނައުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކެޓްރީނާ މިހާރު ދަނީ އެކި ސްކްރީންޕްލޭތައް ކިޔައި، ބަތަލާގެ ވަގުތާ އެކަށީގެންވާ ފަދަ މޮޅު ޕްރޮޖެކްޓެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުން ކެޓްރީނާ ފިލްމީ ދާއިރާއަށް ރަސްމީކޮށް ނުކުންނާނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބެލެވެއެވެ. ކެޓްރީނާ ފިރިމީހާ ވިކީ ކޯޝަލް އަދި ދަރިފުޅު ވިހާންއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި--ފޮޓޯ/ފޭސްބުކް ޓައިމްސްނައުއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2001 ވަނަ އަހަރު ބަތަލާ ތައްބޫއަށް ނެޝަނަލް އެވޯޑު ލިބުނު ފިލްމު "ޗާންދުނީ ބާ"އާ ގުޅުވައިގެން އުފައްދާ "ޗާންދުނީ ބާ 2"ގެ ލީޑް ބަތަލާގެ ރޯލް ކެޓްރީނާއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިކަން ކެޓްރީނާގެ ޓީމުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބައެއް ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭ ވެސް ކެޓްރީނާއަށް ވަނީ ހުށަހަޅާފައެވެ. ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ކެޓްރީނާ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަ ޚަބަރަކީ ބަތަލާގެ ސަޕޯޓަރުން އިންތިހާއަށް އުފާވި ޚަބަރެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ބަތަލާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭ، "ޖަބް ތަކް ހެ ޖާން"، "ބޭންގް ބޭންގް"، "ބާރަތު" އަދި ވައިއާރްއެފްގެ މަގުބޫލު ފްރެންޗައިސް "އެކް ތާ ޓައިގާ"،ގެ ދަށުން އުފެއްދި ދެ ފިލްމު "ޓައިގާ ޒިންދާ ހޭ" އަދި "ޓައިގާ 3" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ