އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންގެ ވިސާ ހެއްދުމަށްޓަކައި ދައްކަންޖެހޭ އިމިގްރޭޝަން ހެލްތު ސާޗާޖް (އައިއެޗްއެސް) ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެދުވެރިކޮށް ދެއްކޭނެ ގޮތެއް ނެތް މައްސަލަ ބޮޑުވެއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންގެ ސްޓޫޑެންޓް ވިސާ ސެޕްޓެމްބަރުގެ ކުރިން ހައްދަންޖެހޭ ކަމަށެވެ. ނަމަވެސް، ވިސާ ހެއްދުމަށްޓަކައި ދައްކަންޖެހޭ އައިއެޗްއެސްއަށްވާ ފައިސާގެ އަދަދަކީ ބީއެމްއެލް ކާޑު މެދުވެރިކޮށް ދެއްކޭ އަދަދެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"އަބަދުވެސް އިންނަނީ މެޑިކަލް އިންޝުއަރެންސް އާއި ވިސާ ފީއާ އެއްކޮށް ދައްކަން އެމީހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އެއީ ޔުނިވާސިޓީއަށް ހަދަންޖެހޭ ޕޭމަންޓެއް ނޫން،" އޭނާ ބުންޏެވެ.
މި ހަބަރަށް ކޮމެންޓެއް ހޯދަން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދަށް ގުޅި ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިސާ ފީ ދެއްކުމަށްޓަކައި ކާޑު ލިމިޓު އިތުރުކޮށްދޭން މިއަދުން ފެށިގެން ނިންމާފައިވާ ކަމަށެވެ.
"މި ބޭނުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފަ،" ސައީދު ވިދާޅުވެފައިވެ އެވެ.
އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންގެ ސްޓޫޑެންޓް ފީ ހެއްދުމަށްޓަކައި ދައްކަންޖެހޭ އައިއެޗްއެސް ޕޭމެންޓަށް 3000 އަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެ އެވެ. މި ނޫހަށް މައުލޫމާތު ދިން ބެލެނިވެރިޔާ ބުނީ މީގެ ކުރިން އެ ފައިސާ ދެއްކުމަށްޓަކައި ބީއެމްއެލްގެ ކާޑު ލިމިޓު ވަގުތީގޮތުން އިތުރުކޮށްދޭ ކަމަށެވެ.
"މީގެ ކުރިން ބީއެމްއެލްއިން ލިމިޓު އެކްސީޑު ކޮށްދޭ، އެކަމަކު މިފަހަރު ބުނީ ނެތޯ އެކަން ކޮށްދެވޭކަށް، އެމްއެމްއޭއަށް ލިޔެފަޔޯ އޮތީ، އެމްއެމްއޭއިން ޖަވާބެއް އަދި ނުލިބެޔޯ،" އޭނާ ބުންޏެވެ.
ބެލެނިވެރިންނަށް ބީއެމްއެލްއިން ދިން ޖަވާބު ވެސް އޭނާ މި ނޫހާ ހިއްސާކުރި އެވެ. އެ ޖަވާބުގައި ބުނެފައި ވަނީ ވަގުތީ ގޮތުން ބޭރު މުއާމަލާތްތައް ކުރުމަށް ކާޑު ލިމިޓަށް ބަދަލު ގެނެސް ނުދެވޭނެ ކަމަށެވެ. އަދި، ފައިސާ ދައްކަންޖެހެނީ ސީދާ ޔުނިވާސިޓީއަކަށް ކަމަށްވާނަމަ، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް ރިކޮމެންޑު ކުރާ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
ނަމަވެސް، އެ ފައިސާއަކީ ސީދާ އިނގިރޭސިވިލާތުގެ ސަރުކާރަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ދައްކަންޖެހޭ ފައިސާއަކަށް ވާތީ އެކަން އެގޮތަށް ނުކުރެވޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދާން ސަރުކާރުގެ ސްކޮލަޝިޕްތައް ލިބިފައި ތިބި ކުދިންނަށް ވެސް ކާޑު ލިމިޓު އިތުރުކޮށް ނުދޭތީ ވިސާ ނުހެއްދި ގޮތެއް ނެތިފައި ތިބިކަން މި ނޫހަށް މައުލޫމާތު ދިން ބެލެނިވެރިޔާ ބުންޏެވެ.
އެކަމާ ބެހޭގޮތުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި އިނާ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޮންމެ އަހަރަކު ވެސް އެ ތަކުލީފު އުފުލަންޖެހޭ ކަމަށެވެ.
"މިއީ ކޮންމެ އަހަރަކު ވެސް އެތައް ދަރިވަރުންނަކާއި އާއިލާތަކަށް ކުރިމަތިވާ މައްސަލައެއް، ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ އެޕްލިކޭޝަންތައް އެއްވެސް ޑިލޭއެއް ނެތި ފުރިހަމަ ކުރެވޭނެ ދާއިމީ މަގެއް ކަމާބެހޭ އިދާރާތަކާއި މާލީ އިދާރާތަކުން ގާއިމުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް،" ފިރާގުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ވިސާ ފީ ދެއްކޭނެ ގޮތެއް ނެތިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ