މޯލްޑިވް ގޭހުން ވިއްކާ 45 ކިލޯ އަދި 22 ކިލޯގެ ގޭސް ފުޅީގެ އަގުބޮޑުކޮށްފި

ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވް ގޭހުން ވިއްކާ 45 ކިލޯ އަދި 22 ކިލޯގެ ގޭސް ފުޅީގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭސްއިން ވިއްކާ 45 ކިލޯގެ ފުޅި ރީފިލްކުރާ އަގު ބޮޑުކުރީ 1،345.50ރ. އަށެވެ. ކުރިން 45 ކިލޯގެ ފުޅި ރީފިލްކުރަމުންދިޔައީ 1،170ރ. އަށެވެ. އަގަށް ގެނައި ބަދަލާއެކު 45 ކިލޯގެ ފުޅިއަކުން މިވަނީ 175.5ރ. ބޮޑުވެފަ އެވެ. 
މޯލްޑިވް ގޭހުން ވިއްކާ 22 ކިލޯގެ ފުޅިއެއް ރީފިލްކުރަން މިހާރު 500ރ. ނަގަ އެވެކުރިން އެ ކުންފުނިން ރީފިލްކުރަން ނެގީ 440ރ. އެވެ. އެހެންކަމުން 22 ކިލޯގެ ފުޅިން 60ރ. މިވަނީ ބޮޑުވެފަ އެވެ. 
މީގެއިތުރުން 22 ކިލޯގެ ފުޅި އަލަށް ނަގަންޏާ 1،500ރ. ރަޖިސްޓްރޭޝަން ފީއަށް ޗާޖުކުރެ އެވެ. އަދި އެވަރުގެ ފުޅިއެއް ގޭހާއެކު ވިއްކަމުންދަނީ 500ރ. އަށެވެ. 
ދެ ކިލޯގެ ފުޅިއެއް އަލަށް ނަގަންޏާ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 400ރ. ނަގާއިރު ގޭހާއެކު ލިބެނީ 445ރ. އަށެވެ. އޭގެއިތުރުން ދެ ކިލޯގެ ފުޅި ރީފިލްކުރަން ޗާޖުކުރަނީ 45ރ. އެވެ. 
އެ ކުންފުނިން ވިއްކާ 10 ކިލޯގެ ފުޅި ވިއްކަމުންދަނީ ކުރިން ވެސް އެ ސައިޒުގެ ފުޅި ވިއްކަމުންދިޔަ އަގު ކަމަށްވާ 200ރ. އަށެވެ. ނަމަވެސް މޯލްޑިވް ގޭހުން މިވަގުތު 10 ކިލޯގެ ފުޅި އަދި 45 ކިލޯގެ ފުޅި އަލަށް ދޫކުރުން ވަނީ ހުއްޓާލައިފަ އެވެ. 
މޯލްޑިވް ގޭހުން ކުއްލި ގޮތަކަށް ގޭހުގެ އަގުބޮޑުކުރި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. 
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ތެލާއި ގޭހުގެ ދަތިކަން ދިމާވުމުން މޯލްޑިވް ގޭހުން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މިދިޔަ މާޗު މަހު ލިމިޓްކުރި އެވެ. ނަމަވެސް ފަހުން ވަނީ ކުރިން ވެސް ވިއްކަމުންދިޔަ ގޮތަށް ގޭސް ވިއްކަން ފަށާފަ އެވެ. 
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ