ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 370 ރުފިޔާއަށް
ދިވެހިންގެ މެދުގައި މަގުބޫލު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މާލޭ ބާޒާރުގައި 370 ރުފިޔާއަށް އަރައިފިއެވެ. ކަނޑޫދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މުހައްމަދު އާރިފް ބުނި ގޮތުގައި، މިރުހުގެ އަގު 300 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ ތިން ހަފުތާވެފައިވާއިރު، އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ހޫނު މޫސުމާ ގުޅިގެން މިރުސް ލިބުން ދަތިވުމެވެ. އާންމުކޮށް ކަނޑޫދޫ މިރުސް ކިލޯއެއް 120 ރުފިޔާއަށް ލިބެން ހުންނައިރު، މިހާރު ކުދި މިރުސް ކިލޯއެއް ވެސް ލިބެނީ 320 ރުފިޔާއަށެވެ. ބޮޑެތި މިރުސް ކިލޯއެއް 370 ރުފިޔާއަށެވެ. ކަނޑޫދޫ މިރުސް ދަނޑެއް: މި ދުވަސްވަރު ހޫނު ވުމުން މިރުސް ލިބޭ ވަރު ދަށް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް ބާޒާރުގައި ވިއްކާ އެހެނިހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، އާންމުކޮށް 35 ރުފިޔާއަށް ލިބޭ ދިވެހި ކިއުކަމްބާ ކިލޯއެއްގެ އަގު ވަނީ 75 ރުފިޔާއަށް އުފުލިފައެވެ. މީގެ އިތުރުން، ރޯދަމަހު އެންމެ ބޮޑަށް ޑިމާންޑު އޮންނަ އިންޑިއާ ކަރާ ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށެވެ. އެހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ޕެޝަންފުރުޓް ކިލޯއެއް 80 ރުފިޔާއަށް ހުރިއިރު، ވަޅޯމަސް ކިލޯއެއް ލިބެން ހުރީ 125 ރުފިޔާއަށެވެ. އަދި ބަރަބޯ ކިލޯއެއް 25 ރުފިޔާއަށް، ދޮންކެޔޮ ކިލޯއެއް 35 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު، ކާއްޓެއް ލިބެން ހުރީ އަށް ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ހިކަނދިފަތް ބޮނޑިއެއް އަދި ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެން ހުރިއިރު، ރާނބާ ފަތެއް ވިއްކަނީ ފަސް ރުފިޔާއަށެވެ. އަދި ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ހުރިއިރު، ކެރެޓު ކިލޯއެއްގެ އަގަކީ 40 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ